ބަންގުލަދޭޝްގެ އާއިލާއަކަށް ނިސްބަތްވާ، އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެމުންދާ މިޑްފީލްޑަރު ހަމްޒާ ޗޯދުރީ، ގައުމީ ޓީމުގެ ގޮތުގައި ބަންގުލަދޭޝް އިހުތިޔާރުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ބުނެފިއެވެ.
ބަންގުލަދޭޝްގެ އާއިލާއަކަށް އުފަން ހަމްޒާއަކީ އިނގިރޭސިވިލާތުގައި އުޅެ ބޮޑުވި ކުޅުންތެރިއެކެވެ. ދާދިފަހުން އޭނާ ސްކައި ސްޕޯޓްސްއަށް ހާއްސަ އިންޓަވިއުއެއް ދީފައިވާ އިރު، ބަންގުލަދޭޝް ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކައިފައެވެ. ލެސްޓާ ސިޓީގެ އެކަޑެމީން ވިދާލައި، އެ ކްލަބަށް ގިނަ މެޗުތަކެއް ކުޅުމަށްފަހު ހަމްޒާ މިހާރު ހުރީ ލޯން އެއްބަސްވުމެއްގައި ވޮޓްފޯޑުގައެވެ.
ޕްރިމިއާ ލީގުގައިވެސް ފާހަގަކޮށްލެވުނު ހަމްޒާ ވަނީ 21 އަހަރުން ދަށުގައި އިންގްލެންޑްވެސް ތަމްސީލުކޮށްފައެވެ. މިހާރު އުމުރުން 24 އަހަރުގެ ހަމްޒާއަށް އިންގްލެންޑް ގައުމީ ޓީމަށް އުނދަގޫ ފުރުސަތެއް އޮތް އިރު، އޭނާއަށް ބަންގުލަދޭޝް ގައުމީ ޓީމުގެ ފުރުސަތު އޮތީ ބޮޑުކޮށެވެ.
"ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ކެރިއަރުގެ ކުރިއެރުންތައް ހޯދޭނެ ގޮތެއް މިބަލަނީ. އެއަށްފަހު ގައުމީ ޓީމާމެދުވެސް ވިސްނުން ގެންގުޅޭނަން. އަހަންނަށް ވަރަށް ބޮޑު ފަހުރަކަށް ވާނީ ބަންގުލަދޭޝްއަށް ކުޅުން. ބަންގުލަދޭޝްއަށް ގޮސް، އެގައުމުގެ ކަންކަމުގައި އިތުރަށް އުޅުމާއެކު ގައުމީ ޓީމަށް ކުޅުމަކީވެސް ވިސްނުމެއް،" ހަމްޒާ ބުންޏެވެ.
ހަމްޒާއަކީ މުސްލިމް ކުޅުންތެރިއަކަށްވީ އިރު، ދާދިފަހުން މުސްލިމް އެތުލީޓުންގެ ޖަމިއްޔާއެއް ކަމަށްވާ ނުޖުމް ސްޕޯޓްސްގެ އެމްބެސެޑަރަކަށް އޭނާ އައްޔަންކޮށްފައިވެއެވެ.
ބަންގުލަދޭޝްއާ ގުޅޭގޮތުން ވާހަކަދައްކަމުން ހަމްޒާ ބުނީ އޭނާގެ 'ރޫޓް'އަކީ އެގައުމުގެ ސިލެޓް ސަރަހައްދު ކަމަށާއި، ދަރިންނާވެސް އެކު އެ ސަރަހައްދުގެ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ހަރަކާތްތެރިވާނެ ވިސްނުންތަކެއް ގެންގުޅޭ ކަމަށެވެ.
"އަހަރެން ހައިރާންވެސް ވޭ ބަންގުލަދޭޝްއިން އަހަންނަށް ދޭ ސަމާލުކަމުން. ކުރިން ފެށިގެންވެސް އެގައުމުގައި ތިބޭ މާމައާއި އާއިލާވެސް އަހަރެންގެ މެޗުތައް ބަލައި ގުޅައިވެސް ހަދާނެ. ހާއްސަކޮށް ހަނދާން ހުރޭ ފުރަތަމަ މެޗުތަކުގައި ވަރަށް ބޮޑަށް ގުޅައި ހަދާނެ. އެހިސާބުން އެނގުނު ދެކުނު އޭޝިއާއަށް އަހަރެންގެ ފުޓުބޯޅައިން ކުރާ އަސަރު،" ހަމްޒާ ބުންޏެވެ.
ހަމްޒާ ބުނީ ކުރިއަށް އޮތް ފިނި މޫސުމުގެ ސީޒަން ބްރޭކްގައި ކުދިންނާއެކު ބަންގުލަދޭޝްއަށް ދާން ވިސްނާފައިވާ ކަމަށާއި، އެއީ ވޯލްޑް ކަޕަށް ސީޒަން މެދުކަނޑާލުމުން ކަމަށެވެ. އަދި ބަންގުލަދޭޝަށް ގޮސް، ފުޓުބޯޅައިގެ ކަންކަމާ ވާހަކަދައްކާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ބަންގުލަދޭޝްއިން އެގައުމުގެ ފުޓުބޯޅަ ކުރިއަރުވަން، އަދި ގައުމީ ޓީމު ވަރުގަދަ ކުރަންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، އޭގެ ތެރެއިން އެއް މަސައްކަތަކީ އޯވާސީސްގައި ތިބި ބަންގުލަދޭޝްގެ ދަރިކޮޅުތަކަށް ނިސްބަތްވާ ކުޅުންތެރިން ހޯދުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ދަށުން ޒުވާން ކުޅުންތެރިން ގައުމީ ޓީމަށް ގެންނަން މިހާރުވެސް ނިންމާފައިވާ އިރު، ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ޖަމާލް ބުޔާންއަކީވެސް ކެނެޑާގައި އުޅެ ބޮޑުވި ކުޅުންތެރިއެކެވެ.
ލެސްޓާ ސިޓީ
ލެސްޓާ ސިޓީ
ލެސްޓާ ސިޓީ
ލެސްޓާ ސިޓީ