އަންނަ އަހަރު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދުނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ގާސިމް މިއަދު ވިދާޅުވީ، އެއް ހަރަކުން މުއުމިނެއްގެ ގަޔަށް ދެ ފަހަރަށް ކައްޓެއް ނުޖެހޭނެ ކަމަށާއި އެހެންވެ، ޔާމީނަށް ތާއީދު ނުކުރައްވާނެ ކަމަށެވެ
"ހަމަގައިމުވެސް އަޅުގަނޑެއް ތާއީދުކުރާކަށް ނެތިން. ދެން އަޅުގަނޑު ޕާޓީ، އެ ބޭފުޅުން ކުރަންޏާ ޕާޓީން ކޮށްފާނެ. ބަޓް އައި ވިލް ނޮޓް ޑޫ ދެޓް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމްގެ ޖޭޕީއަކީ 2013 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު، ޕީޕީއެމާއެކު ކޯލިޝަން ހެދި ޕާޓީއެެކެވެ. ނަމަވެސް ވެރިކަމަށް މާގިނަ ދުވަސްތަކެއް ނުވަނީސް ކޯލިޝަން ވަނީ ރޫޅިފައެވެ. އޭގެ ފަހުން ގާސިމް މަސައްކަތްކުރެއްވީ މިހާރުގެ ކޯލިޝަނާއެކުގައެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ޔާމީންގެ ސަރުކާރުގައި ގާސިމް ޖަލަށްވެސް ލިއެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން އަންނަ އަހަރަށް ރިޔާސީ ކެންޑިޑޭޓަކު ނެރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށާއި ކޯލިޝަނަކާ ގުޅޭގޮތުން ވެސް މަޝްވަރާ ނުކުރާ ކަމަށެވެ. ނަމަވެސް ޖޭޕީން ކެންޑިޑޭޓަކު ނެރޭނެ ކަމަށް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ، މިހާރުގެ ކޯލިޝަނުންވެސް ޖޭޕީއަށް ލިބެންޖެހޭ ހައްގު ނުލިބޭ ކަމަށާއި ވެރިކަން ހިންގަމުންދަނީ ކޯލިޝަން އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އެގޮތުން އެއްބަސްވުމުގައިވާ 90 ޕަސަންޓް ކަންކަން މި ސަރުކާރުން ފުއްދާފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދި ސިޔާސީ ވަޒީފާތަކުގެ 90 ޕަސަންޓު ދީފައިވަނީ އެމްޑީޕީއަށް އެކަނި ކަމަށްވެސް ވިދާޅުވިއެވެ.