ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބައެއް ބިލު މަޑުޖެހިފައިވަނީ، ސަރުކާރުން ވަކި ގޮތަކަށް އެބިލުގެ މަސައްކަތް ކުރިއަށްގެންދާން ބޭނުންވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ކޮމިޓީތަކަށް ދިއުމުގެ މަގުމަތީގައި ގިނަ ބިލުތަކެއް ހުރިއިރު، ނުނިމި ކޮމެޓީތަކުގައި އެތައް ބިލުތަކެއް ހުރިކަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާހަގަ ކުރައްވައި، މަޖިލިސް ރައީސް ވިދާޅުވީ، ބައެއް ބިލުތަކުގެ މަސައްކަތް ލަސްވަނީ، ސަރުކާރުން ވަކި ގޮތަކަށް އެ ބިލުގެ މަސައްކަތް ކުރިއަށް ގެންދާން ބޭނުންވެގެން ކަމަށެެވެ.

"މަޖިލީހުގެ ކޮމިޓީތަކުގައި ބިލުތައް އެބަހުރި، ބައެއް ފަހަރަށް ބައެއް ބިލު މަޑުޖެހިފައި މިހުންނަނީ، ސަރުކާރުން ވަކި ގޮތަކަށް އެ ބިލު ގެންދާން ބޭނުންވެގެން، ދެން އެއަށްފަހު ސަރުކާރުގެ ފޮލޯއަޕް ނުލިބި ލަސްވެގެންދަނީ،"

އެމަނިކުފާނު ވިދާޅުވީ، ގާނޫނުތަކަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ކުދިކުދި ބިލުތައް ވެސް ގިނަ އަދަދަކަށް މަޖިލީހުގައި އެބަހުރި ކަމަށެވެ. އެހެންކަމުން އެ ބިލުތަކުގެ މަސައްކަތް ނިންމާނެ ސުންގަޑިއެއް ދެއްވުމަށް މެންބަރުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

ބައެއް ކޮމެޓީތަކުގައި ނުނިމި ގިނަދުވަސްވެފައިވާ ބިލްތަކެއް އެބަހުރިކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، އެ ބިލުތަކުގެ މަސައްކަތް އަވަސްކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ޖުޑިޝަރީ ކޮމެޓީން ދިރާސާކުރަމުން އަންނަ ބޮޑު ބިލެއް ކަމަށްވާ އިފްލާސް ކުރުމުގެ ބިލު އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަޅުމުގައި ބަހުސްކޮށް ނިމި، ކޮމެޓީތަށް ފޮނުވުމަށްޓަކައި މަޖިލީހަށް ބަލައިގަތުމުގެ މަރުހަލާގައި ނުވަ ބިލެއް އެބަ އޮތެވެ.