ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހެނދުނު ފެށުމަށް 24 މެންބަރުން ތިބުމަކީ މެންބަރުންގެ ގާނޫނީ ވާޖިބަށް ފަރުވާތެރިކަން ނުބެހެއްޓުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވީ 24 މެންބަރުންނާއެކުއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް ޖަލްސާއަށް 24 މެންބަރުން ހާޒިރުވެ ވަޑައިގެންނެވިއިރު، ސަލާމުގައި ހަ މެންބަރުން އެބަތިއްބެވިއެވެ. އަދި ރަސްމީ ދަތުރުފުޅުގައި ތިން މެންބަރުން ތިބުމުން، މަޖިލީހަށް ވަޑައިނުގެންނެވޭގޮތަށް ނުވަ މެންބަރުން އެބަތިއްބެވިއެވެ.

އެހެން ނަމަވެސް އެމަނިކުފާނު ވިދާޅުވީ 87 މެންބަރުން ތިއްބެވި މަޖިލީހެއްގައި، އަދި ގަވާއިދުން މުސާރަލިބެމުންދާ ތަނެއްގައި އެގޮތަށް "ހެނދުނުގެ ޖަލްސާ ފަށާއިރު 24 މެންބަރުން ތިބުމަކީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ގާނޫނީ ވާޖިބަށް އަޅުގަނޑުމެންނަށް ފަރުވާތެރިކަން ނުބެހެެއްޓެނީ،" ކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށަން އާއްމުކޮށް މަދުން މެންބަރުން ހާޒިރުވެވަޑައިގަންނަވާތީ، މަޖިލިސް ރައީސް ގެންދަވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އަދި ބައެއް މެންބަރުން މަޖިލީހަށް ވަޑައިނުގަނެ ގިނަދުވަސްވާ މައްސަލައިގައިވެސް އެމަނިކުފާނު ކަންބޮޑުވުން ފާޅު ކުރައްވަމުން ގެންދަވައެވެ.