މިދިޔަ އޮގަސްޓް މަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް 271 މައްސަލައެއްގައި ދައުވާކުރަން ފޮނުވާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން 271 މައްސަލަތަކުގެ ތެރެއިން 138 މައްސަލައެއް އިތުރަށް މައުލޫމާތު ސާފުކުރަން އަނބުރާ ފޮނުވާލި ކަމަށާއި އެ އޮފީހަށް ބަލައިގެންފައި ވަނީ 76 މައްސަލައެއް ކަމަށެވެ.

މިދިޔަ މަހު އެ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން 98 ޕަސަންޓުގެ މައްސަލަތަކުގައި ކޯޓުން ހުކުމްކޮށްފައި ވަނީ ދައުވާލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. ފުރަތަމަ ހުކުމުގައި 55 ޕަސެންޓު މައްސަލަ އޮތްއިރު ފަރުވާއިން ވަކިކޮށްފައި އަށް ޕަސެންޓު މައްސަލަ އެބައޮތް ކަމަށާއި އަދި ދެ ޕަސެންޓު މައްސަލަތައް ވަނީ ފަހު ހުކުމުގައި ޝަރުތަކާ އެކު ނިންމާފައި ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ ޑްރަގް ކޯޓު ފިޔަވައި އެހެން ކޯޓުތަކުން ނިންމި މައްސަލަތަކުގެ ތެރެއިން 98 ޕަސެންޓު މައްސަލައިގައި ހުކުމް ކުރީ ކުށް ސާބިތުވާ ކަމަށެވެ. އެއީ ހުކުމްކުރި މައްސަލަތަކުގެ ތެރެއިން 67 ޕަސަންޓު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އޮގަސްޓަ މަހު މަހު ހުކުމްކުރި މައްސަލަތަކުގެ ތެރެއިން 36 މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ކޯޓުތަކުން ހުކުމްކުރި އިރު، އެއީ ހުކުމްކުރި މައްސަލަތަކުގެ 25 ޕަސަންޓު ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ފުލުހުންގެ ފަރާތުން 268 މައްސަލައެއްގައި ދައުވާކޮށްދޭން ފޮނުވާފައިވާ ކަމަށާއި މޯލްޑިވްސް ކަސްޓަމް ސާވިސްއިން ފޮނުވާފައިވަނީ ދެ މައްސަލައެއް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އެންމެ މައްސަލައެއް ކަމަށް އެ އޮފީހުން ބުންޏެވެ.