ކުރިން ޗެލްސީއަށް ކުޅުނު ސްޕެއިންގެ ފޯވަޑް ޑިއޭގޯ ކޮސްޓާ ޕްރިމިއާ ލީގުގެ ކްލަބު ވުލްވްސްއަށް ސޮއިކުރިކަން އެ ކްލަބުން އިއުލާންކޮށްފިއެވެ.
ވިސާ ކަންތައްތަކުގައި ކޮސްޓާގެ ޓްރާންސްފާ ކޮންމެވެސް ވަރަކަށް ލަސްވި ނަމަވެސް، ހިލޭ ޓްރާންސްފާއެއްގައި ކޮސްޓާ ވަނީ މިހާރު ވުލްވްސްއަށް ސޮއިކޮށްފައެވެ. އުމުރުން 33 އަހަރުގެ ކޮސްޓާ އެނބުރި ޕްރިމިއާ ލީގަށް އައިސްފައި ވަނީ ބްރެޒިލްގެ އެތުލެޓިކޯ މިނޭރޯ ދޫކޮށްލިފަހުން ނުކުޅެ ހުރެފައެވެ. އެއީ މިއަހަރުގެ ޖެނެއަރީ މަހުގައެވެ.
ވުލްވްސްއިން ފޯވަޑެއް ހޯދަން މަސައްކަތް ކުރީ އެ ޓީމުގެ ކުރިއަށް ކުޅޭ ސާސާ ކަލަޖިކާއި ރައުލް ހިމަނޭޒްއަށްވެސް އަނިޔާވެ، އެތަން ފޫބެއްދުމަށެވެ. ޓްރާންސްފާ މާކެޓް ބައްދުވެފައި އޮތުމާއެކު މިވަގުތު ވުލްވްސްއަށް ފޯވަޑެއް ހޯދުމަށް އޮތް މަގަކީ ހިލޭ ޓްރާންސްފާއެއްގައި، އެއްބަސްވުމެއްގައި ނެތް ކުޅުންތެރިޔަކު ހޯދުމެވެ.
ވުލްވްސްއިން ކޮސްޓާ އިއުލާނުކުރުމަށް ބޭނުންކޮށްފައި ވަނީ ތިން ހިޔަޅެކެވެ. ވުލްވްސް ރަމްޒުކޮށްދޭ ހިޔަޅުތަކުގައި ޗޭނު ޖަހައިގެން ކޮސްޓާ ހުންނަ އިރު، އެ ވީޑިއޯ ކޮޅަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
ވުލްވްސްއަށް ސޮއިކޮށް ކޮސްޓާ ބުނެފައި ވަނީ ޕްރިމިއާ ލީގަށް އެނބުރި އަންނަން ލިބުނު ފުރުސަތުގެ ބޭނުން ހިފީ، ޕްރިމިއާ ލީގަކީ އަބަދުވެސް އޭނާއަށް ހިތްވަރު ލިބޭ ލީގަކަށް ވާތީ ކަމަށެވެ. މިހާތަނަށް ކެރިއަރުގައި 500 އާ ގާތްކުރާ އަދަދަކަށް މެޗު ކުޅެފައިވާ ކޮސްޓާ ވަނީ މީގެ ކުރިން ޗެލްސީއާ އެކު ދެފަހަރަށް ޕްރިމިއާ ލީގު ތަށި ކާމިޔާބު ކޮށްފައެވެ.
ކުރިން އެތުލެޓިކޯ މެޑްރިޑަށްވެސް ކުޅުނު ކޮސްޓާ ވަނީ 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ދެމެދު ޗެލްސީގައި ވިދާލައިފައެވެ. ކޮސްޓާ އެފަހަރު ކްލަބު ދޫކޮށްލީ އޭރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ ދެބަސްވުންތަކެއް އުފެދިގެންނެވެ.
ވުލްވްސްއަށް ފޯވަޑުންގެ މައްސަލަތައް ބޮޑުވެފައިވަނީ އަނިޔާތަކުގެ ސަބަބުންނެވެ. އެގޮތުން އަލަށް ގެންދިޔަ އޮސްޓްރިއާގެ ސާސާގެ ކަކުލަށް ލިގަމެންޓް އަނިޔާއެއް ކުރިމަތިވެފައިވާ އިރު، މެކްސިކޯގެ ފޯވަޑް ހިމަނޭޒްއަށް ކުރިމަތިވެފައިވަނީ ގްރޮއިން އަނިޔާއެކެވެ. ސާސާގެ ކަކޫ މާދަމާ އިތުރު ސްޕެޝަލިސްޓަކަށް ދެއްކުމަށް ވުލްވްސްއިން ނިންމާފައިވާ އިރު، ބެލެވޭ ގޮތުގައި އޭނާ ދާން ޖެހޭނީ ސާޖަރީއަކަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު