ޗެލްސީއަކީ ހާއްސަ އިހުސާސެއް ގެނުވި ކްލަބެއް ކަމަށާއި، އެ ކްލަބުން ވަކިކުރުމަކީ ހިތްދަތިވި ކަމެއް ކަމަށް ކުރިން ކްލަބަށް ކޯޗުކޮށްދިން ތޯމަސް ޓުޗެލް ބުނެފިއެވެ.
ޗެލްސީން ޓުޗެލް މަގާމުން ވަކިކޮށްފައިވަނީ މީގެ ދެ ހަފުތާ ކުރިންނެވެ. އެ ޓީމުގެ މެނޭޖުމަންޓުން ޓުޗެލް ވަކިކުރީ ސީޒަނުގެ ދަށް ފެށުމާއެކުގައެވެ. ޗެމްޕިއަންސް ލީގުގައި ޗެލްސީން ރޭ ކުޅުނު މެޗުގައި ޗެލްސީ ބަލިވީ 1-0 އިން ޑައިނަމޯ ޒަގްރަބް އަތުންނެވެ. އަދި ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ސައުތުހެމްޓަން އަތުންވެސް އެޓީމު ވަނީ 2-1 އިން ބަލިވެފައެވެ.
އުމުރުން 49 އަހަރުގެ ޓުޗެލް ޗެލްސީގެ ކޯޗުކަމުން ދުރުކޮށްފައި ވަނީ 20 މަސްދުވަހު އެ ކްލަބާ ހަވާލުވެ ހުރުމަށްފަހުއެވެ. ކުރިން ޕީއެސްޖީއާއި ބްރޫޝިއާ ޑޯޓުމަންޑަށް އިރުޝާދު ދިން ޓުޗެލް ވަނީ ޗެލްސީއާއެކު ޗެމްޕިއަންސް ލީގާއި ކްލަބު ވޯލްޑް ކަޕުގެ އިތުރުން ޔޫއެފާ ސުޕަ ކަޕުވެސް ކާމިޔާބުކޮށްފައެވެ.
ޓުޗެލްގެ ބަދަލުގައި ޗެލްސީން ގްރަހަމް ޕޮޓާސް ގެންގޮސްފައިވާ އިރު، ޓުޗެލް ވަނީ ފުރަތަމަ ފަހަރަށް މީޑިއާއަށް އެ ވާހަކަތައް ހިއްސާ ކޮށްފައެވެ.
"މިއީ އަހަންނަށް ދައްކަން ޖެހުނު އެންމެ އުނދަގޫ އެއް ވާހަކަ. މިއީ އަހަރުތަކެއް ވަންދެން އަހަންނަށް ލިޔަން ނުޖެހޭނެ ކަމަށް ހީކޮށްގެން ހުރި ވާހަކަތަކެއް. މިއީ އަހަންނަށް އާއިލީ އިހުސާސެއް ކުރުވި ކްލަބެއް. ކްލަބުގެ ހުރިހާ ސްޓާފުންނާއި ސަޕޯޓަރުން އަދި ކުޅުންތެރިން އަހަރެން ބަލައިގަތީ ވަރަށް ހޫނު މަރުހަބާއަކުން. ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ހޯދައި، ކްލަބު ވޯލްޑް ކަޕް ހޯދުމަކީ ލިބުނު އެންމެ ބޮޑު އުފާވެރިކަން. އަހަރެންގެ ނަން މި ކްލަބުގެ ތާރީހުގައި ލިޔެލެވުމަކީ ހިތުން ނުފިލާނެ ހާއްސަ ކަމެއް،" ޓުޗެލް ސޯޝަލް މީޑިއާއަށް ދޫކޮށްލި މެސެޖުގައިވެއެވެ.
ޓުޗެލް ކުއްލިއަކަށް ވަކިކުރުމާ ގުޅިގެން ޗެލްސީގެ ވެރިންނަށް ބައެއް ސަޕޯޓަރުން ވަނީ ފާޑު ކިޔައިފައެވެ. ހާއްސަކޮށް ޗެއާމަން ޓޮޑް ބޮލީއަށް ގިނަ ބަޔަކު ފާޑު ކިޔާފައިވެއެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ބޮލީއާއި ޓުޗެލްގެ ގުޅުން ގޯސްވާން ފެށީ ޓްރާންސްފާ މާކެޓްގައެވެ. ޗެލްސީން މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ އިރު، އެ ޓްރާންސްފާތަކަކީ ކޯޗު ޓުޗެލް އެންމެ ބޭނުންވި ޓްރާންސްފާތައް ނޫން ކަމަށްވެސް ބައެއް ނޫސްތައް ބުނެއެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ