ޚަބަރު

އެކައުންޓު ތަކުގައި މިލިއަނުން ފައިސާ ހުރެ، ކަރަންޓް ބިލު ނުދައްކާ ކައުންސިލުތައް އެބަހުރި: އަމީރު

މުހައްމަދު ޖަމްޝަތް ވަހީދު

ކައުންސިލުތަކުގެ އެކައުންޓުތަކުގައި މިލިއަނުން ފައިސާ ހުންނައިރުވެސް ކަރަންޓު ބިލު ނުދައްކާ ކައުންސިލުތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ދެކުނުގެ ހަތް އަތޮޅަށް އަމާޒުކޮށްގެން ލ.ގަމުގައި މިހާރު ކުރިއަށްގެންދާ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މިއަދު ކުރިއަށްގެންދިޔަ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމާއި ބެހޭ ޕެނެލްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ބައެއް ކައުންސިލުތަކުން ކަރަންޓު ބިލަކީ ދައްކަން ޖެހޭ އެއްޗެއް ގޮތުގައި ނުބަލާ ކަމަށެވެ.

މިއަދުގެ ސެޝަންގައި ކައުންސިލުތަކުން އެންމެ ބޮޑު ކަންބޮޑުވުމެއް ކަމަށް ފާހަގަކުރީ ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓު ފިނޭންސް މިނިސްޓްރީން ހިފެހެއްޓުމުގެ ސަބަބުން ކައުންސިލްތައް ހިންގުމަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށެވެ.

ކައުންސިލްތަކުގެ އެ ކަންބޮޑުވުންތަކާ ގުޅިގެން އަމީރު ވިދާޅުވީ ބްލޮކް ގްރާންޓު ހިފަހައްޓަން ޖެހެނީ އެ ކައުންސިލްތަކުން ކަރަންޓު ބިލް ނުދެއްކުން ފަދަ ކަންކަން މެެދުވެރިވުމުން ކަމަށެވެ. ދައުލަތުގެ މާލީ ހަރަދުތަކަށް ފިނޭންސް މިނިސްޓްރީން ޒިންމާވާން ޖެހޭ އިރު އެކަން ނުބަލައި ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫންކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން ބައެއް ކައުންސިލްތަކުން ކަރަންޓު ބިލު ނުދެއްކުމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެ ފައިސާ ނުދެއްކުމުން އަނެއްކާ ލޯނު ނަގައިގެން، ބޮޑު އިންޓްރެސްޓް ރޭޓުގައި އަޅުގަނޑުމެން އެބަ ޖެހޭ ލޯނު ނަގައިގެން އެ ފައިސާ ފެނަކައަށް ދައްކަން" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ނުދައްކާ ހުރި ކަރަންޓު ބިލުތައް އެއްކޮށް ނުދެއްކުނު ކަމުގައި ވިޔަސް ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ލުއި ގޮތްތަކެއް ހޯދައިދިނުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ކައުންސިލުތަކުގެ ފައިސާ ހަރަދުތައް ކުރާ ގޮތުގެ ރެކޯޑު ބެލެހެއްޓުމުގައިވެސް ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ އެއީ ކައުންސިލުތަކުން ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަމެއް ކަމަށެވެ. އަދި މާލީ ހަރަދުތައް ބެލެހެއްޓުމަށް ސަރުކާރުން ގެންގުޅޭ "ވިއަ" މޮޑިއުލްވެސް ބަރާބަރަށް އަޕްޑޭޓު ކުރުމަށް މިނިސްޓަރު ވަނީ ކައުންސިލުތަކަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.