ފައިނަލުގައި ޕާކިސްތާނު ބަލިކޮށް، ސްރީ ލަންކާއިން ހަވަނަ ފަހަރަށް ކްރިކެޓް އޭޝިއާ ކަޕްގެ ޗެމްޕިއަންކަން މިރޭ ހޯދައިފިއެވެ.

މިފަހަރުގެ ކްރިކެޓް އޭޝިއާ ކަޕް 2022 ފުރަތަމަ ބާއްވަން އޮތީ ލަންކާގައި ނަމަވެސް، އެގައުމުގެ އިގުތިސޯދީ ހާލަތާ ގުޅިގެން މުބާރާތްތައް ބޭއްވުމަކީ މިވަގުތަށް އެގައުމަށް އެންމެ ފަސޭހަ ކަމަކަށް ނުވުމުން، މުބާރާތް ބަދަލުކުރީ ޔޫއޭއީއަށެވެ. ލަންކާގެ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އެގައުމަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ގައުމުގެ އިގުތިސޯދީ އަނދަވަޅެވެ. އަދި ތެޔޮ ފަދަ ޒަރޫރީ ވަސީލަތްތައްވެސް ހޯދުން ވެފައި ވަނީ އެގައުމުގައި އުނދަގޫ ކަމަށެވެ.

އަނެއްކޮޅުން މިރޭގެ ފައިނަލަށް ނުކުތް ޕާކިސްތާނު އޮތީ ގުދުރަތީ ކާރިސާއެއް ކުރިމަތިވެ، ހިތްދަތިކަމެއްގެ ތެރޭގައެވެ. ވިއްސާރަވެ، ފެންބޮޑުވުމުގެ ބޮޑު ކާރިސާއެއް ޕާކިސްތާނަށް ކުރިމަތިވެފައިވާ އިރު، ރެކޯޑު އަދަދެއްގެ ވާރެއާ އެކު ގައުމުގެ ބޮޑު ބައެއް އޮތީ ފެނުގެ އަޑީގައެވެ. އެ ކާރިސާގައި މިހާތަނަށް 1440 މީހުން މަރުވެފައިވާ އިރު، އިގުތިސޯދީ މާހިރުން ލަފާކޮށްފައިވާ ގޮތުގައި ޕާކިސްތާނަށް 10 ބިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިވާނެއެވެ.

އެ މައްސަލަތަކުގެ ތެރޭގައި އޮތް ދެ ގައުމު މިރޭގެ ފައިނަލަށް ނުކުތީ ގައުމުގެ ހާލަތުން ވިސްނުން ކަސިޔާރުކޮށްލައި، އުފާވެރިކަމެއް ހޯދުމަށެވެ. ފައިނަލަށް ނުކުމެ ލަންކާއިން މެޗު ކާމިޔާބުކުރީ 23 ލަނޑުންނެވެ. މިއީ ލަންކާއިން މުބާރާތް ކާމިޔާބުކުރި ހަވަނަ ފަހަރެވެ.

ލަންކާއަކީ ދެވަނައަކަށް އެންމެ ގިނައިން މުބާރާތުގެ ތަށި ހޯދާފައިވާ ޓީމެވެ. ރެކޯޑު އަދަދަކަށް މުބާރާތް ކާމިޔާބު ކޮށްފައިވާ އިންޑިއާއިން ހަތް ފަހަރު ތަށި ހޯދާފައި އޮތް އިރު، ލަންކާ މީގެކުރިން ތަށި ނެގީ 1986، 1997، 2004، 2008 އަދި 2014 ވަނަ އަހަރުއެވެ.

ދުބާއީގެ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ އުކަން އަރާށެވެ. އުކުމުގައި ފުރަތަމަ 10 އޯވަރު ތެރޭގައި ޕާކިސްތާނުން ތަފާތު ދައްކައި، ލަންކާގެ ފަސް ކުޅުންތެރިން ނުބައި ކުރިއެވެ. ޕާކިސްތާނުން އެންމެ ރަނގަޅަށް މެޗުގައި އުކީ ހަރީސް ރައޫފެވެ. އޭނާ ވަނީ ތިން ވިކެޓް ނަގައިދީފައެވެ.

ޕާކިސްތާނުން ފުރަތަމަ ކޮޅުގައި ތަފާތު ދެއްކި ނަމަވެސް ލަންކާގެ ބެޓިންއަށް ބަނޫކާ ރާޖަޕަކްސަ ނުކުމެ، ސްކޯ ރަނގަޅު ކުރިއެވެ. ރާޖަޕަކްސާ ވަނީ ނުބައި ނުވެ، 45 ބޯޅައިން 71 ލަނޑު ހަދައިފައެވެ. ލަންކާއިން އިނިންގްސް ނިންމާލީ 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 170 ލަނޑު ހަދައިގެންނެވެ.

ބަދަލުގައި ކުޅެން އަރައި ޕާކިސްތާނުގެ ހުރިހާ ކުޅުންތެރިން ނުބައިވި އިރު ހެދުނީ 147 ލަނޑެވެ. ޝެހާން މަދުޝާން ލަންކާއަށް ހަތަރު ވިކެޓް ނަގައިދިން އިރު، ފައިނަލުގައިވެސް ޕާކިސްތާނުގެ ކެޕްޓަން ބަބާ އަޒާމްގެ ބެޓިން ފެނުނީ ދަށް ކޮށެވެ. ފަސް ބޯޅައިން ހަ ލަނޑު އޭނާއަށް ހެދުނު އިރު، ޕާކިސްތާނަށް އެންމެ ރަނގަޅަށް ބެޓް ކުރީ މުހައްމަދު ރިޒުވާނެވެ. އޭނާ ވަނީ 49 ބޯޅައިން 55 ލަނޑު ހަދައިދީފައެވެ.

އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ)ގެ މެންބަރު ގައުމުތަކުގެ މެދުގައި އޭޝިއާ ކަޕް ބާއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ސީޑް ކޮށްފައިވާ ޓީމުތަކުގެ އިތުރުން ކޮލިފައިންގައި ކޮލިފައިވާ ޓީމުތައް އެކުލެވޭހެން މިފަހަރުގެ މުބާރާތުގައި ޖުމުލަ ހަ ޓީމު ވާދަކުރިއެވެ. އޭޝިއާ ކަޕް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 1983 ވަނަ އަހަރުއެވެ.