އިނގިރޭސި ރާނީ އެލިޒެބަތު ދެވަނައިގެ ޖަނާޒާގެ ކަންކަމަށް އެންމެ ފުރިހަމަ ގޮތެއްގައި ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ ސްކޮޓްލޭންޑްގެ ރޭންޖާ އާއި އިޓަލީގެ ނަޕޯލީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅެން އޮތް މެޗު ފަސްކޮށްފިއެވެ.
ޔޫއެފާއިން ބުނެފައި ވަނީ މެޗު ފަސްކުރީ ބުދަ ދުވަހުގެ ރެއަށް ކަމަށެވެ. ޗެމްޕިއަންސް ލީގުގެ މެޗު 24 ގަޑިއިރަށް ފަސްކުރަން ޔޫއެފާއިން ނިންމާފައި ވަނީ ރޭންޖާސްގެ ދަނޑުގައި މެޗުގެ ކަންކަން އިންތިޒާމު ކުރަން ދަތިތަކެއް ހުރުމުންނެވެ. ހާއްސަކޮށް މެޗުގެ ސަލާމަތީ ކަންކަން ބަލަހައްޓާނެ ސިފައިން އެކަށީގެންވާ ވަރަށް ލިބޭނެ ކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ކަމަށްވެސް ޔޫއެފާއިން ބުނެފައިވެއެވެ. އެއީ ރާނީގެ ޖަނާޒާގެ ކަންކަން ޔޫކޭގައި ކުރިއަށްދާތީއެވެ.
ރޭންޖާސް އާއި ނަޕޯލީން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބުދަ ދުވަހުގެ ރޭ ކުޅޭ މެޗަށް އަވޭ ސަޕޯޓަރުންވެސް ނުވައްދަން ޔޫއެފާއިން ވަނީ ނިންމައިފައެވެ. އެއީވެސް ސަލާމަތީ ކަންކަމަށް ބޭނުންވާނެ ސިފައިންގެ އަދަދު މަދު ކުރުމަށެވެ. ރޭންޖާސްގެ ހޯމްގައި ކުޅޭ މެޗުގެ އިތުރުން ނަޕޯލީގައި ކުޅޭ މެޗަށްވެސް ދެން އަވޭ ސަޕޯޓަރުން ނުވައްދާނެއެވެ. އެއީ ދެޓީމަށްވެސް އެންމެ އިންސާފުވެރިކޮށް އެކަން ކުރުމަށް ފުރުސަތު ދިނުމަށެވެ.
ރާނީ އަވަހާރަވުމާ ގުޅިން މި ހަފުތާގެ ޕްރިމިއާ ލީގު މެޗުތައްވެސް ފަސްކޮށް، އިނގިރޭސިވިލާތުގެ އެކިއެކި ގައުމުތަކުގެ ކުޅިވަރު ހަރަކާތްތައް ވަނީ މަޑު ޖައްސާލައިފައެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ހަފުތާގައި އަލުން ހުރިހާ ކުޅިވަރު ހަރަކާތްތައްވެސް ފެށޭނެ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.
ރޭންޖާސްއިން މިފަހަރުގެ ޗެމްޕިއަންސް ލީގު ގްރޫޕް އޭގެ ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި އަޔެކްސް ކައިރިން ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ. ނަޕޯލީން ވަނީ ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލް ކައިރިން 4-1 ގެ ތާރީހީ މޮޅެއް ހޯދައިފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު