ޚަބަރު

ލޭންޑްޔޫސް ޕްލޭންތަކުގައި މައްސަލަ ގިނަވެ، ބައިބަޔަށް ފާސްކޮށްދެނީ

މުހައްމަދު ޖަމްޝަތް ވަހީދު

ލޯކަލް ކައުންސިލު ތަކުން ތައްޔާރުކުރާ ލޭންޑް ޔޫސް ޕްލޭން ހެދުމަށް އޮތް ދަތިތަކާ އެކު، އަދިވެސް ގިނަ ރަށްރަށުން ހުށަހަޅާ ޕްލޭންތަކުގައި ގިނަ މައްސަލަތައް ފެންނަމުން ދާތީ، ބައި ބަޔަށް ބަހާލައިގެން ލޭންޑްޔޫސް ޕްލޭން ފާސްކުރަން ނިންމަވާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން ރަށު ކައުންސިލްތަކުން ހަދަން ޖެހޭ ޕްލޭންތައް ފާސްނުވެ އޮތުން ވެގެންގޮސްފައި ވަނީ އެރަށްރަށުގެ ތަރައްގީއަށް އޮތް ބޮޑު ހުރަހަކަށެވެ.

މިހާތަނަށް 60 ރަށަކުން ލޭންޑް ޕްލޭން ހަދާފައިވީ ނަމަވެސް, އިސްލާހުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން މިހާތަނަށް ފާސްކޮށްފައި ވަނީ 21 ރަށެއްގެ ލޭންޑް ޔޫސް ޕްލޭނެކެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ ހަތް އަތޮޅަށް އަމާޒުކޮށްގެން ލ. ގަމުގައި މިހާރު ކުރިއަށްދާ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މިއަދު ކުރިއަށްގެންދިޔަ "ބިނާވެށި ޕްލޭން އެކުލަވާލުން" ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކުން މިހާތަނަށް ލޭންޑް ޔޫސް ޕްލޭން ހުށަހަޅާފައި ވަނީ 11 ރަށަކުން ކަމަށެވެ. އަދި އޭގެ ތެރެއިންވެސް ފާސްކުރެވުނީ ހަަތަރު ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ކައުންސިލުތަކަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ލޭންޑް ޔޫސް ޕްލޭން ތަކުގައި ރަނގަޅަށް ހުންނަ ތަންތަން "ޕާޝަލް އެޕްރޫވަލް" ގެ ގޮތުގައި ފާސްކޮށްދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެއްކޮށް ނުނިމި ހުރި ލޭންޑް ޔޫސް ޕްލޭންތަކުންވެސް ނިމިފައި ހުރި ބައިތައް ރަނގަޅުނަމަ، އެޕްރޫވް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު މިހާރު ގަސްތުކޮށްފިން މިހާރު އެހެން ކަމެއް ކުރަން. އަޅުގަނޑު ގަބޫލުކުރަނީ ގާނޫނާ ހިލާފުނުވާ ވަރުގެ ކަމަށް ކުރަން މިއުޅެނީ. އެއީ ލޭންޑް ޔޫސް ޕްލޭން ޕާޝަލީ އެޕްރޫވް ކުރުން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމްގެ ނިންމުމަށް ތާއިދުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ލޭންޑް ޔޫޒް ޕްލޭން ހެދުމުގައި ހުރިހާ ކައުންސިލަކަށް ދަތިތަކެއް ހުރިކަމަށް ފާހަގަކުރެއްވޭނަމަ، ގާނޫނަށް ބަދަލުތަކެއް ގެނެސްގެން ނަމަވެސް، މައްސަލަތައް ހައްލުކޮށް، ލޭންޑް ޔޫޒް ޕްލޭންތައް ހެދޭނެ މަގު ފަހިކުރަން ޖެހޭ ކަމަށެވެ.