ހަރުކަށި ފިކުރާއި ގޭންގު ކުށްތަކާއި ޑުރަގަކީ އިޖުތިމާއީ އުފާފާގަތި ކަމަށް އެޅިފައިވާ އެންމެ ކަޅު ހިޔަނި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއެކު ހައްދުންމަތީ ގަމުގައި މިހާރު ކުރިއަށްދާ ތިން ވަނަ "ވިއަވަތި ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ، ހަރުކަށި ފިކުރާއި މަސްތުވާތަކެއްޗާއި ގޭންގް ކުށްތައް ހުއްޓުވުމަށް ވިއަވަތީގައި ފުޅާދާއިރާއެއްގައި ކަވި މަޝްވަރާތަކެއް ހިންގަވައިދެއްވުމަށް ކޮންފަރެންސްގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.
ވިއަވަތި ކޮންގަރެންސްގައި އެކި ދާއިރާތަކުން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ސަރުކާރުގެ އެކިއެކި އިދާރާތަކާއެކު މަޝްވަރާތައް ކުރާނެއެވެ. އޭގެ ތެރޭގައި އިޖުތިމާއީ ކުށްތައް ހުއްޓުވުމަށް ކުރެވޭނެ ކަންކަންވެސް ހިމެނެއެވެ.
މިއަހަރުގެ ކުރީކޮޅު އއ. އުކުޅަހުގައި ބޭއްވި ވިއަވަތި ކޮންފަރެންސްގައިވެސް ވަނީ ހަރުކަށި ފިކުރާއި މަސްތުވާތަކެއްޗާއި ގޭންގް ކުށްތައް ރާއްޖޭގައި އޮތް މިންވަރާއި އެކަން ހުއްޓުވަން ކުރެވިދާނެ ކަންކަމާއި އެކަމަށް ހުރި ގޮންޖެހުންތައް ހިމެނޭ ޕްރެޒެންޓޭޝަނެއް ފުލުހުންގެ ފަރާތުން ހުށަހަޅައިފައެވެ.
އެގޮތުން އެއިރު، ފުލުހުން ބުނެފައިވާ ގޮތުގައި 1990ގެ އަހަރުތަކުން ފެށިގެން މިހާތަނަށް މާލޭގައި 44 ގޭންގެއްގައި 2,600 މީހުން އުޅެމުންދާކަން ފާހަގަކުރެވިފައިވެއެވެ.