ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ޝަރީއަތްތަކުގައި ދައުލަތް ތަމްސީލުކުރެއްވުމަށް ޕްރެސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު، ކޯޓަށް ވަޑައިގެންނެވުން މުހިންމު ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު އިއްޔެ ކުރެއްވި ޓުވީޓެއްގައި އެގޮތަށް ވިދާޅުވީ ޔާމީންގެ ޝަރީއަތުގައި ދައުލަތް ތަމްސީލުކުރައްވާ ދެ ވަކީލުން އެންމެ ފަހު ބޭއްވި އަޑުއެހުމުގައި ކޯޓުގެ ހުރުމަތް ކެނޑޭފަދަ އަމަލެއްކުރުމުގެ ސަބަބުން ގާޒީ އިންޒާރުދިނުމާ ގުޅިގެންނެވެ.

އަމްރު އިއްޔެ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޔާމީންގެ ޝަރީއަތް ގާތުން ބައްލަވަމުންދާ ކަމަށެވެ.

"ކުރީގެ ރައީސެއްގެ ޝަރީއަތް އަދި ރާއްޖޭގަ ހިންގި އެންމެ ބޮޑު ހިޔާނުގެ ޝަރީއަތައް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ސީދާ ޕްރޮސެކިއުޓާ ޖެނެރަލް ވަޑައިގަތުމުން މުހިންމު،" އަމްރު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ހުނުމުން އިސް ގާޒީ އަހުމަދު ޝަކިީލް ވަނީ އެ ވަކީލުންނަށް އިންޒާރު ދެއްވައިފައެވެ.

ބުދަ ދުވަހު ބޭއްވި އެ ޝަރީއަތުގައި ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅުއްވާފައިވާ މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެއެވެ.

ނަރީޝަށް ދިފާއުން ކުރި ސުވާލުތަކަށް ފަހު ކްރޮސްއެކްޒާމިން ކުރުމަށް ދައުލަތަށް ދިން ފުރުސަތުގައި ދައުލަތުގެ ވަކީލުން ތަކުރާރުކޮށް ދާއިރާއިން ބޭރުން ސުވާލުތައް އަމާޒުކުރާތީ އެކަމަށް ދިފާއުން ކުރި އިއުތިރާޒުތައް ބަލައިގަނެ ގާޒީ ޝަކީލް ވަނީ ދައުލަތުގެ ވަކީލުންނަށް ދާއިރާގެ ތެރެއިން ސުވާލުތައް ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ގާޒީ ޝަކީލް އެގޮތަށް ނަސޭހަތް ދެއްވި ފަހުންވެސް ދެތިން ފަހަރަކު ދައުލަތުން ވަނީ ދާއިރާއިން ބޭރު ސުވާލުތައް ފެންމަތިކުރައްވައިފައެވެ. އެކަމަށް ދިފާއީ ވަކީލު އާދަމް ސަމީމް އިއުތިރާޒުކުރައްވައި ވާހަކަދައްކަވަމުން ގެންދެވި ވަގުތުގައި ދައުލަތުގެ ވަކީލުން ކަމުގައިވާ އަހުމަދު ނައުފަލް އާއި ވަކީލު މަރިޔަމް ޝަހުމާ ވަނީ ހީނސަމާސާކުރައްވައިފައެވެ. އެކަމާ ގުޅިގެން ގާޒީ ޝަކީލް ވަނީ އެ ބޭފުޅުންނަށް އިންޒާރު ދެއްވައިފައެވެ.

ގާޒީ ޝަކީލް ވިދާޅުވެފައިވަނީ، ޝަރީއަތަށް ޖެއްސުންކުރުމާއި އުނދަގޫ ކުރުމަކީ ވަކީލުންގެ ފަރާތުން އެއްވެސް ވަރަކަށް ފެނިގެންވާނެކަމެއް ނޫން ކަމަށެވެ. އެކަމަށް ޝަރީއަތުން ފުރުސަތު ނުދެއްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ގާޒީ ޝަކީލް އިތުރަށް ވިދާޅުވެފައިވަނީ ޝަރީއަތުގެ މަޖިލީހުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ފުރައްސާރަކުރުމަށްވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ ޝަރީއަތެއް މާދަމާ ބޭއްވުމަށް ވަނީ ނިންމައިފައެވެ. ޔާމީންގެ ބަލި ހާލަތުހުރި ގޮތުން އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް އިއްޔެގެ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ.