މާލޭގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށްގެން ބަލަހައްޓަން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ދެކުނު ބަނދަރުގެ ސަލާމަތީ ކަންތައްތައް ހަރުދަނާކޮށްދިނުމަކީ އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ކުރިއްސުރެ އެދެމުން އައި ކަމެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއަދު މިވަނީ މުޅި މި ސަރަހައްދު، މިހިސާބުން ފެށިގެން ގޮސް، ޓްރެކާ ހަމައަށް، މުޅި މި ސަރަހައްދުގައި އަޅުގަނޑުމެން 15 ކެމެރާ, 24 ގަޑިއިރު އޮޕަރޭޓްކުރާ ގޮތަށް 15 ކެމެރާ، ސީސީޓީވީ ކެމެރާ ހަރުކޮށް، އަޅުގަނޑުމެންގެ މާލޭ ސިޓީ ސީސީޓީވީ ނިޒާމުން ކަވަކުރުމަށް ގާއިމްކުރެވުނު ހެޑްކުއާޓަރުގައި. އެތަނުގައި ހުންނަ ޓީވީތަކުން 24 ގަޑިއިރު މޮނިޓާ ކުރެވޭ ގޮތަށް ހަދައިފައިވަނީ" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ދެކުނު ބަނދަރުގައި ކެމެރާ ހަރުކޮށްފައި މިވަނީ އެ ބަނދަރުގައި އަޅާފައިވާ ލޯންޗުތަކުން ވައްކަންކުރާ މައްސަލަ އިތުރުވެ އެކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބިފައިވަނިކޮށެވެ. އެ ސަރަހައްދުތަކުގައި އަޅާފައިވާ ލޯންޗުތަކުގެ ވެރިން ވަނީ ކެމެރާ ހަރުކޮށް އެ ސަރަހައްދު މޮނިޓާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެދިފައެވެ. ޑރ. މުއިއްޒު ވަނީ އެ ސަރަހައްދުގައި ކެމެރާ ހަރުކޮށް މޮނިޓާކުރާނެ ކަމަށް އެ ޝަކުވާތަކާ ގުޅިގެން ކުރިން ވިދާޅުވެފައެވެ.

ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ދެކުނު ބަނދަރު ބޭނުންކުރާ ފަރާތްތަކުން އެތަނުން ފެން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްވެސް އެދިފައިވާ ކަމަށާއި އެހެންކަމުން އެކަންވެސް ކޮށްދެއްވާނެ ކަމަށެވެ.