ރާއްޖޭގެ ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައި ހުރި ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ އެމަގާމުން ދުރަށް ދިޔަކަމަށް އޭނާ އިއުލާން ކޮށްފިއެވެ.
އުމުރުން 47 އަހަރުގެ ސިމާއޯ ކޮސްޓާ، މުސާރަ ނުދޭކަމަށް ބުނެ ޓީމުން ދުރަށް ދިޔަކަން އިއުލާން ކުރީ އޭނާ ފޭސްބުކްގައި ޖެހި ޕޯސްޓަކުންނެވެ. ސޯޝަލް މީޑިއާއަށް ސިމާއޯ ކޮސްޓާ ދޫކޮށްލި ޕޯސްޓްގައި ބުނެފައި ވަނީ މިދިޔަ ހަތް ވަރަކަށް މަހުވެސް އެފްއޭއެމުން އޭނާއަށް މުސާރަ ނުދޭ ކަމަށެވެ.
"މިއަދުން ފެށިގެން ރާއްޖޭ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ހުންނަން އަހަރެން ބޭނުންނުވާ ކަން ރަސްމީކޮށް އިއުލާންކުރަން ބޭނުން. ފީފާގެ އުސޫލުތަކާވެސް އެއްގޮތަށް މަސައްކަތް ހުއްޓާލަން ނިންމީ މުސާރަ ނުދީ އޮތުމުން. މިދިޔަ ހަތް މަހުވެސް އަހަރެން ހުރީ ވަރަށް ބޮޑަށް ކެތްތެރިވެގެން. ހާލަތަށް ބަލައި މުސާރައެއް ނެތިވެސް ކެތްތެރިކަމާއެކު މަސައްކަތް ކުރެވެން އޮތްހާ ދުވަހެއްގައި މަސައްކަތް ކުރިން. އެހެން ނަމަވެސް އެކަމާ ގުޅޭ އެއްވެސް ވާހަކައެއްވެސް ދައްކާފަ ނުވާތީ ހިތާމަކުރަން."
ސިމާއޯ ކޮސްޓާ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ރާއްޖޭގެ ގައުމީ ޓމާ ގުޅުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭނާ ބުނެފައިވާ ގޮތުގައި މިއަހަރު ޖެނެރުއަރީ މަހުން ފެށިގެން އޭނާއަށް މުސާރަ ހަމަޖެހިފައެއް ނުވެއެވެ. ހަވާލުވިފަހުން ގައުމީ ޓީމުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ އިތުރުން އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ފަހު ބުރުގައި ކުޅުނު ތިން މެޗެވެ.
އޭގެ ތެރެއިން ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ރާއްޖެއިން 2-0 އިން މޮޅުވި އިރު، އުޒްބަކިސްތާނާއި ތައިލެންޑް އަތުން ވީ ބައްޔެވެ. އަދި ސްރީލަންކާ ކައިރީ ވަނީ މޮޅެއް ހޯދައިފައެވެ.
ސިމާއޯގެ މެސެޖުގައި އޭނާ އިތުރަށް ބުނީ ގައުމީ ޓީމުގައި އޭނާއަށް މަސައްކަތް ކުރަން ލިބުނީ ވަރަށް ރަނގަޅު ކުޅުންތެރިންތަކަކާއެކުގައި ކަމަށާއި، އޭނާގެ ފުޓުބޯޅަ ތަޖުރިބާއިން ރަނގަޅު ކަންކަން ކުޅުންތެރިންނަށް ދަސްވިކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އޭނާގެ މަސައްކަތަށް އެފްއޭއެމުންވެސް ތައުރީފުކޮށް، ޑިސެމްބަރު މަހު އެއްބަސްވުން އިތުރަށް އާކުރުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިޝާރާތެއް ކުރި ކަމަށްވެސް ސިމާއޯ ކޮސްޓާ ބުންޏެވެ.
ސިމާއޯ ކޮސްޓާ އިތުރަށް ފާހަގަކުރީ ރާއްޖޭގެ ކުޅުންތެރިންނަށް އޭޝިއާގެ އެންމެ ވަރުގަދަ ލީގުތަކުން ފުރުސަތު ލިބޭނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށާއި، އުންމީދަކީ އެ ލީގުތަކުން ރާއްޖޭގެ ކުޅުންތެރިންވެސް ފެނުން ކަމަށެވެ.
ސިމާއޯ ކޮސްޓާއަކީ ޕޯޗުގީޒް ލީގުގެ އިތުރުން ދެކުނު ކޮރެއާގެ ލީގުގައިވެސް ކުރިން ކުޅެފައިވާ ކުޅުންތެރިއެކެވެ. ކޯޗިންގައި އޭނާއަށް ރާއްޖޭގެ ތަޖުރިބާއަކީ އާ ތަޖުރިބާއެކެވެ.
ސިމާއޯ ކޮސްޓާ ސޯޝަލް މީޑިއާއަށް ދޫކޮށްލި މެސެޖާ ގުޅިގެން އެފްއޭއެމްގެ ފަރާތުން "ވަން" އަށް ވާހަކަ ދައްކަމުން އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ ސިމާއޯ ކޮސްޓާގެ އެޖެންޓާއެކު ވާހަކަ ދެކެވިފައި އޮތީ މިފަހަރުގެ އެއްބަސްވުން ހަމަވުމާއެކު އިތުރަށް އެއްބަސްވުން އާ ނުކުރާ ގޮތަކަށް ކަމަށާއި، އެއްބަސްވުން ހަމަވުމުގެ ކުރިން ނުދެވި އޮތް ޕޭމަންޓެއް ނަމަ، އަންނަ ހަފުތާ ތެރޭގައި ކްލިއާ ކުރެވޭނެ ކަމަށް ބުނެފައިވާނެ ކަމަށެވެ.
"ޕޭމަންޓްސް ދޭނެ ގޮތެއް ހަމަޖައްސާފަ އޮންނާނީ. އެޖެންޓާ ވާހަކަ ދެކެވި އެއްބަސްވުން އާނުކުރާނެކަން (ސިމާއޯ ކޮސްޓާ)އަށް އަންގާފަ އޮންނާނީވެސް. އެހެންވީމަ އަންނަ ހަފުތާ މުސާރައިގެ ނުނިމި އޮތް ބައެއް ނަމަ، އެބައި ދޭނެ ގޮތަކަށް ހަމަޖައްސާފަ އޮންނާނީ،" ޖަވާ ވިދާޅުވިއެވެ.
ޖަވާ ވިދާޅުވީ ގައުމީ ޓީމާއެކު ސިމާއޯ ކޮސްޓާ ހަދާފައިވާ އެއްބަސްވުން މި މަހަށް ހަމަވެފައިވާ ކަމަށެވެ. އާ އެއްބަސްވުމަކަށް ނުދާން ނިންމުމުގެ ކުރިއަށް ބައެއް މުސާރަތައް ނުދެވި ޑިލޭވިކަމަށް ގަބޫލުކުރާ ކަމަށް ޖަވާ ވިދާޅުވި އިރު، ޖަވާ ވިދާޅުވީ ކޯޗުންނަށް މުސާރަ ދެމުން ގެންދަނީ ކުރަމުން އަންނަ މަސައްކަތްތަކަށް ބަހާލައިގެން ކަމަށެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަމުގައި މިދިޔަ އަހަރު ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަން، އެފްއޭއެމްއާ ދެކޮޅަށް ފީފާގެ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލަ ނިންމީ އެފްއޭއެމުން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށެވެ. ކޫޕްމަން ހުށަހެޅި މައްސަލައަކީ އޭނާއާއެކު އެފްއޭއެމުން ހެދި އެއްބަސްވުން ގަވާއިދާ ހިލާފަށް އުވާލި ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.
އެފްއޭއެމުން ކޫޕްމަންގެ ކޮންޓްރެކްޓް އުވާލީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގައެވެ. ކޮންޓްރެކްޓް އުވާލީ ދެ ފަރާތް އެއްބަސްވެގެން ކަމަށް އޭރު އެފްއޭއެމުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އޭރުވެސް ކޫޕްމަން ބުނެފައިވަނީ އެއްބަސްވުން އުވާލީ ގަވާއިދާ ހިލާފަށް ކަމަށެވެ. ކޫޕްމަންއަކީ އަލީ ސުޒެއިންގެ ކުރިން ގައުމީ ޓީމުގެ ކޯޗެވެ. ސުޒޭނަށްފަހު ޓީމު ހަވާލުކުރީ މިހާރުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯއާއެވެ.
ކޫޕްމަން ހުށަހެޅި މައްސަލައިގައި މިދިޔަ ޖޫން މަހު ފީފާއިން ނިންމާފައި ވަނީ ކޫޕްމަންއާއެކު އެފްއޭއެމުން ހަދާފައިވާ އެއްބަސްވުން އުވާލީ ގަވާއިދާ ހިލާފަށް ކަމަށެވެ.
އެގޮތުން ފީފާއިން ނިންމީ 45 ދުވަހުގެ ތެރޭގައި ކޮންޓްރެކްޓުގެ މުއްދަތަށް (2024 ވަނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް) ކޫޕްމަންއަށް މާލީ ބަދަލު ދޭން ޖެހޭ ގޮތަށެވެ. އެއީ މިހާ ދުވަހާ ހަމައަށް އަރާފައިވާ އިންޓަރެސްޓާވެސް އެކުގައެވެ. 45 ދުވަހުގެ ތެރޭގައި އެފްއޭއެމުން ފީފާ މެދުވެރިކޮށް ކޫޕްމަންއަށް އެ ފައިސާ ނުދައްކައިފިނަމަ އެފްއޭއެމްއަށް ޑިވަލޮޕްމަންޓް ފަންޑު ދިއުން ހިފަހައްޓާނެ ކަމަށްވެސް ފީފާއިން އަންގާފައިވެއެވެ.
ކޫޕްމަންގެ މުސާރަ ފީފާއިން އަދި އެފްއޭއެމުންވެސް ހާމަކޮށްފައި ނުވާތީ، އެފްއޭއެމުން ކޫޕްމަންއަށް ދޭން ޖެހޭނެ ސީދާ އަދަދެއް ނޭނގެއެވެ. އެހެން ނަމަވެސް އެ އަދަދު ވެގެން ދާނީ ބޮޑު އަދަދަކަށް ކަމަށް ކުރިން އޭރުގެ އެސިސްޓެންޓް ކޯޗު ރެނޭ ހިޑިންކް މައްސަލައިގައި ފީފާއިން އެފްއޭއެމްއާ ދެކޮޅަށް ނިންމި ނިންމުމަށް ބަލައިގެން ބުނެވިދާނެއެވެ.
ކޫޕްމަންއާއެކު ރާއްޖޭގެ އެސިސްޓެންޓް ކޯޗަކަށް އޭރު މަސައްކަތް ކުރި ރެނޭ ހިޑިންކްވެސް ވަނީ އޭނާގެ އެއްބަސްވުން އުވާލި މައްސަލަ ފީފާއަށް ހުށަހަޅައި ކާމިޔާބުވެސް ކޮށްފައެވެ. ރެނޭއަށް 187،375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން ފީފާގެ ޓްރައިބިއުނަލުން އެފްއޭއެމްއަށް ވަނީ އަންގައިފައެވެ. މައްސަލަ ނިންމައި ފީފާއިން އެފްއޭއެމްއަށް އެކަން އެންގީ އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް