މާލެ ސަރަހައްދުގެ ކުނި ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން އަމިއްލައަށް ކުރާ ނަމަ، ހަރަދު ތިން ގުނަ ބޮޑުވާނެ ކަމަށް ވެމްކޯއިން ބުނެފިއެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަނީ މާލޭ އާއި ވިލިމާލޭގެ މަގުތަކުން ކުނި ނެގުމުގެ ހިދުމަތް ކައުންސިލުން ދޭގޮތަށް ފާސްކޮށްފައެވެ. އަދި މާލެ އާއި ވިލިމާލެއިން ކުނި ނެގުމަށް ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުން އާނުކުރަން ވަނީ ނިންމައިފައެވެ. ވެމްކޯއާ އެކު ހަދާފައިވާ އެއްބަސްވުން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ހަމަވާނެއެވެ.
ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލް ވިދާޅުވީ، މާލެ އާއި ވިލިމާލޭގެ މަގުތަކުން ވެމްކޯއިން އެކަށީގެންވާ ގޮތެއްގައި ކުނި ނަގަމުންނުދާ ކަމަށެވެ. އަދި ކައުންސިލުން ކުނި ނެގުމުގެ ހިދުމަތް ދޭނަމަ ވެމްކޯއަށް ވުރެ ކުޑަ އަގެއްގައި އެކަން ކުރެވޭނެ ކަމަށެވެ.
އެކަމާ ގުޅިގެން ވެމްކޯއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާލެ އާއި ވިލިމާލެގެ މަގުތައް ސާފުކޮށް ކުނިއުކާލުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަމިއްލައަށް ކުރިއަށް ގެންދަން ނިންމައި، ވެމްކޯގެ ނަން ކިލަބުވާ ފަދަ ގޮތަށް މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކާފައިވާ ކަމަށެވެ.
ވެމްކޯއިން ބުނީ ސިޓީ ކައުންސިލްގެ މެމްބަރުންގެ ކަންބޮޑުވުމަކީ މާލެ އަދި ވިލިމާލޭގެ މަގުތަކާއި މައިޒާންތައް ފޮޅައި ސާފުކުރުމަށް އެ ކައުންސިލުން ކުރާ ހަރަދު ބޮޑުވުން ކަމަށެވެ.
މާލެ އާއި ވިލިމާލޭގެ މަގުތަކުން ކުނި ނެގުމަށް ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސިޓީ ކައުންސިލުން މަހަކު 2.5 މިލިއަން ރުފިޔާ ވެމްކޯއަށް ދައްކަން ޖެހޭ ކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން ބުނީ ސިޓީ ކައުންސިލުން އަމިއްލަ ހަރަދުގައި ކުނި ނެގުމުގެ މަސައްކަތް ކުރާނަމަ މަހަކު ހަރަދު ކުރަން ޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށް އަންދާޒާކޮށް ހަރަދަށް 12 މިލިއަން ރުފިޔާ ހުށަހަޅާފައިވާ ކަމަށެވެ. އެ އަގުގައި މުވައްޒަފުންނަށް މުސާރަ ދީ، ކުނި ނަގަން ބޭނުންކުރާ ވެހިކަލްތައް މަރާމާތުކޮށް ކުނި ނައްތާ ނުލެވޭނެ ކަމަށް ވެމްކޯއިން ބުންޏެވެ.
"100 ޕަސަންޓް ދިވެހި މުވައްޒަފުން ހިއްސާކުރާ ވެމްކޯގެ މިބޮޑު އޮޕަރޭޝަންގެ ތެރެއިން މާލޭ ސިޓީގެ ހުރިހާ ސަރަހައްދެއް ސާފުކުރުމަށް، މާލޭ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ 100 މުވައްޒަފުންނަކީ އެކަށީގެންވާ އަދަދެއް ކަމަށް މިކޯޕަރޭޝަނަށް ގަބޫލުނުކުރޭ," ވެމްކޯއިން ބުންޏެވެ.
ކުނި ނެގުމުގެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލުން ހުށަހަޅާފައިވާ އުޅަނދުތައް ބޭނުންކޮށްގެން އެ ހިދުމަތް ދޭނަމަ، ކުނި އުފުލުމަށް ވަރަށް ގިނަ ދަތުރުތައް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭނެ ކަމަށާއި ތިލަފުއްޓަށް ކުނި ގެންދާނަމަ، އެ ހަރަދު ތިން ގުނަ ބޮޑުވެގެންދާނެ ކަމަށްވެސް ވެމްކޯއިން ބުންޏެވެ.
"ރައްޔިތުންގެ ހިދުމަތުގައި އިންތިހާބުވެފައިވާ މަންދޫބުން ތަމްސީލުކުރާ ސިޓީ ކައުންސިލަކުން ސިޔާސީ ބޭނުމަކަށް ވެމްކޯގެ ހިދުމަތުގެ ހަގީގަތް އޮޅޭނެފަދަ އިބާރާތުން އަދި ރައްޔިތުންނަށް ހިދުމަތްދިނުމަށް ގާއިމްކޮށްފައިވާ ކުންފުންޏެއްގެ ނަން ކިލަބުވާނެ ފަދަ މޭރުމަކުން މިއަދު ދެއްކި ވާހަކަ މިކޯޕަރޭޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ވެމްކޯއިން ބުންޏެވެ.
ސިޓީ ކައުންސިލްގެ ކުއްލި ނިންމުމާއެކު އެ ކުންފުނީގެ ކުނި ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ދިވެހި އެތައް މުވައްޒަފެއްގެ ވަޒީފާގެ ކުރިމަގާ މެދު މިއަދު ސުވާލު އުފެދިފައިވާ ކަމަށްވެސް ވެމްކޯއިން ބުންޏެވެ.
ސިޓީ ކައުންސިލުން ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ހުށަހަޅެއްވީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ. ނަރީޝްގެ އެ ހުށަހެޅުއްވުން ފާސްވީ 12 މެމްބަރުންގެ އިއްތިފާގުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު