މާލެ އާއި ވިލިމާލޭގެ ކުނި ނެގުމުގެ ހިދުމަތް ކައުންސިލުން ދޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

ސިޓީ ކައުންސިލުން މިއަދު މޭރީ ބްރައުން ކުރިމަތީގައި އޮންނަ ޕާކިން އޭރިއާގައި ބޭއްވި ބައްދަލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލެއިން ކުނި ނެގުމަށް ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުމުން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހަށް ހަމަވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަމާ ޖަލީލް ވިދާޅުވީ، ވެމްކޯއިން މާލެ އާއި ވިލިމާގެ މަގުތަކުން އެކަށީގެންވާ ގޮތެއްގައި ކުނި ނަގަމުންނުދާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

މުޖުތަބާ ވިދާޅުވީ ވެމްކޯއިން މުވައްޒަފުންނަށް 17.28 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށެވެ. ވެމްކޯއިން ދެމުންގެންދާ ކުނި ނެގުމުގެ ހިދުމަތް އެއަށްވުރެ ކުޑަ އަގެއްގައި ކައުންސިލަށް ދެވޭނެ ކަމަށެވެ.

މުޖުތަބާ ވިދާޅުވީ، ވެމްކޯއިން މުވައްޒަފުންނަށް ދެމުން އަންނަ މުސާރައަށް ވުރެ ބޮޑު މުސާރައެއް ދީގެން، ސިޓީ ކައުންސިލަށް ކުނި ނެގުމުގެ ހިދުމަތް ދެވޭނެ ކަމަށެވެ.

ސިޓީ ކައުންސިލުން ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ހުށަހަޅެއްވީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ. ނަރީޝްގެ އެ ހުށަހެޅުއްވުން ފާސްވީ 12 މެމްބަރުންގެ އިއްތިފާގުންނެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސައިފް ފާތިހު ހުށަހެޅުއްވީ ވެމްކޯއާއެކު މަޝްވަރާ ކުރެއްވުމަށްފަހު އެއްބަސްވުމާމެދު ގޮތެއް ނިންމުމަށެވެ. އެ ހުށަހެޅުން ފާސްވެފައެއް ނުވެއެވެ.