ޗެލްސީއަށް އަލަށް ގެންދިޔަ ކޯޗު، ގްރަހަމް ޕޮޓާސް ރަސްމީކޮށް ކްލަބާ ހަވާލުވެއްޖެކަން އިއުލާން ކޮށްފިއެވެ.
ޗެލްސީން އެ ކްލަބުގެ ކޯޗުކަމުގައި ކުރިން ހުރި ތޯމަސް ޓުޗެލް މަގާމުން ވަކިކުރީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. ޗެލްސީން ޓުޗެލް މަގާމުން ވަކިކޮށްފައިވަނީ މި ސީޒަނުގެ ދަށް ފެށުމާއެކުގައެވެ. ޗެމްޕިއަންސް ލީގުގައި ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި ޑައިނަމޯ ޒަގްރަބް އަތުން 1-0 އިން ބަލިވި އިރު، ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ދެމެޗުން ވަނީ ބަލިވެފައެވެ. އެއީ ލީޑްސް އަތުންވި ބޮޑު ބަލީގެ އިތުރުން ސައުތުހެމްޓަން އަތުން ބަލިވި ބައްޔެވެ.
ނޫސްތަކުން ބުނެފައި ވަނީ ޓުޗެލް ޗެލްސީން ފޮނުވާލީ ހަމައެކަނި ނަތީޖާތަކަށް ބަލައިފައި ނޫން ކަމަށާއި އާ ވެރިންނާ ދެމެދު ރަނގަޅު މުއާމަލާތްތައް ނުހިނގާތީ ކަމަށެވެ. ޓްރާންސްފާ ސީޒަނަށް ތައްޔާރުވި އިރު، ޗެލްސީގެ ޓެކްނިކަލް ޑިރެޓަރުގެ މަގާމުގައި ހުރި ޕީޓާ ޗެކާއި ހެޑް އޮފް ޓްރާންސްފާސްގައި ހުރި މަރީނާ ގްރޮނޯވްސްކާއީ، ޗެލްސީގެ އާ ވެރިޔާ ޓޮޑް ބޯލީ ވަނީ ފޮނުވާލައިފައެވެ. އެ ސަބަބާހެދި ޓުޗެލް އާއި އޭނާއާ ދެމެޗު މަޝްވަރާތަކަށް ބުރޫ އަރާފައިވާ ކަމަށްވެސް ނޫސްތަކުން ބުނެއެވެ.
ޓުޗެލް ވަކި ކުރުމަށްފަހު ޗެލްސީގެ ވެރިޔާ ޓޮޑް ބޯލީ އާ ކޯޗެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި އިއްޔެ ވަނީ ޕޮޓާއާ ރަސްމީކޮށް ބައްދަލުކޮށްފައެވެ. އަދި ބްރައިޓަންއާވެސް މިއަދު ވާހަކަ ދައްކައި، މިރޭ ޗެލްސީން ވަނީ ރަސްމީކޮށް ޕޮޓާ އިއުލާން ކޮށްފައެވެ. އެހެންކަމުން ޗެލްސީން ކުރިއަށް އޮތް ހަފުތާގައި ފުލްހަމްއާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮޓާ ބެންޗުން ފެންނާނެއެވެ.
"ޕޮޓާ ޗެލްސީއާ ހަވާލުވުމަކީ ހިތްހަމަޖެހުމެއް. ޕޮޓާއަކީ އުފެއްދުންތެރި ކޯޗެއް، އެކަމުގައި އޭނާ ވަނީ ގިނަ ކަންތައްތަކެއް ސާބިތުވެސް ކޮށްދީފައި. ޗެލްސީގެ ވިސްނުމާއި ޕޮޓާގެ ވިސްނުން ދިމާވާނެ. ޕޮޓާއަކީ ދަނޑުމަތީގެ ޓެކްޓިކްސްއަށް އެކަނި އިސްކަން ދޭ ކޯޗެއް ނޫން. އޭނާއަކީ ދަނޑު ބޭރުގައިވެސް ކްލަބުގެ ހިންގުމުގައި ތަފާތުތަކެއް ގެނެސްދީފައިވާ ކޯޗެއް،" ޗެލްސީން އާންމުކުރި ބަޔާނުގައި ވެރިޔާ ޓޮޑް ބޯލީ ވިދާޅުވެފައިވެއެވެ.
ޕޮޓާއަކީ ކުޅުންތެރިއެއްގެ ގޮތުގައި އިނގިރޭސި ފުޓުބޯޅައިގެ ތަޖުރިބާ ބޮޑު ކޯޗެކެވެ. އެހެން ނަމަވެސް އޭނާ އަދި ބޮޑު ޓީމެއްގެ ކޯޗުކަމުން ފެނިގެން ގޮސްފައެއް ނުވެއެވެ. ބްރައިޓަންގެ ކުރިން ޕޮޓާ އިރުޝާދު ދިނީ ސްވަންސީ އާއި ސްވިޑެންގެ އޮސްޓާސަންޑް އެފްކޭއަށެވެ. ޗެލްސީން އުމުރުން 37 އަހަރުގެ ޕޮޓާ ހޯދުމުގެ މަސައްކަތް ފެށުމާ އެކު ބްރައިޓަންއިން ވަނީ އެ ވާހަކަތައް ކުރިއަށް ގެންދަން ހުއްދަވެސް ދީފައެވެ.
ޕޮޓާ، ބްރައިޓަންއާ ހަވާލުވީ 2019 ވަނަ އަހަރު މެއި މަހުގައެވެ. އޭގެ ފަހުން ތިން ސީޒަން އެ ކްލަބުގައި ހޭދަކޮށްފައިވާ އިރު، ފުރަތަމަ ސީޒަންގައި ބްރައިޓަން ނިންމާލީ 15 ވަނައިގައެވެ. އޭގެ ފަހުން ތާވަލުގެ 16 ވަނައިގައި ބްރައިޓަންއިން ޖެހިގެން އައި ސީޒަން ނިންމާލި އިރު، މިދިޔަ ސީޒަނުގައި އޭނާ ބްރައިޓަންއާއެކު ނިންމާލީ ތާވަލުގެ ނުވަ ވަނައިގައެވެ. އަދި މިހާތަނަށް މި ސީޒަނުގައި ކުޅުނު ހަ މެޗުން 13 ޕޮއިންޓް ހޯދައިގެން ބްރައިޓަން އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ.
ޕޮޓާގެ ސްޓައިލަކީ ޕޮސެޝަން ފުޓުބޯޅައެއްގެ އިތުރުން ޓެކްޓިކަލީ މެޗު ތެރެއިންވެސް ބަދަލުކޮށްލައި ފްލެކްސިބަލް ސްޓައިލެކެވެ. ބްރައިޓަންއާ އެކު ޕޮޓާ ކުރަމުން އަންނަ މަސައްކަތަށް ގިނަ ބަޔަކު ތައުރީފު ކޮށްފައިވާ އިރު، އޭނާއަކީ މުސްތަގުބަލުގައި އިންގްލެންޑްގެ ކޯޗުކަމާ ހަވާލުވާނެ ކޯޗެއް ކަމަށްވެސް ބައެއް މީޑިއާތަކުން މިދިޔަ މަހެއްހާ ދުވަހު ވަނީ ފާހަގަކޮށްފައެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ