މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ ޝަރީއަތެއް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ކުރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް "ވަން" މިއަދު ވިދާޅުވީ، ޔާމީންގެ ޝަރީއަތް އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ބާއްވާނެ ކަމަށެވެ. ޝަރީއަތް ބާއްވާ ގަޑި އަދި ސާފުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔާމީންގެ ބަލި ހާލަތުހުރި ގޮތުން އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް މިއަދުގެ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ. ޝަރީއަތް ކެންސަލްވުމުން ދައުލަތުން ވަނީ ހަފުތާ ބަންދުގައި އެ ޝަރީއަތް ބޭއްވުމަށް އެދިފައެވެ.
ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި މިހާރު ކުރިއަށްދަނީ ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެގޮތުން މިއަދު ވެސް ތިން ހެއްކެއްގެ ހެކިބަސް ނެގުން އޮންނާނެ ކަމަށް މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އިއްޔެ ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި އިއްޔެ ވަނީ ޔާމީންގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހެކިބަސް ނަގައިފައެވެ. ޔާމީންގެ ފަރާތުން ޝަފައީ ހެކިންގެ ގޮތުގައި ހަތް ދިފާއީ ހެކި ހުށަހަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު