ރާއްޖޭގެ ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުން މިމަހުގެ ތެރޭގައި ކުޅެން ތާވަލުކޮށްފައިވާ އެކުވެރިކަމުގެ ދެ މެޗަށް ތަމްރީނުތައް ފަށައިފިއެވެ.

މިއަދު ހެންވޭރު ދަނޑުގައި ގައުމީ ޓީމުން ފަރިތަކުރުންތައް ފެށީ ރަސްމީ ސްކޮޑާ އެކުގައެއް ނޫނެވެ. ލީގުގެ ކުޅުމަށް ބަލައި ހޮވާލި ކުޅުންތެރިންނާއެކު ޓީމުގެ ފުރަތަމަ ފަރިތަކުރުން މިއަދު ކުރިއަށް ގެންގޮސްފައިވާ އިރު، ބައެއް ސީނިއާ ކުޅުންތެރިން އަދި ފަރިތަކުރުންތަކަށް ނުކުމެފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީމުގެ ހުރިހާ ކުޅުންތެރިން ހަމަވާނީ މިމަހުގެ 12 ހިސާބުގައެވެ. އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އެކުވެރިކަމުގެ މެޗުތަކަށް ރަސްމީކޮށް ނަގައި ސްކޮޑު އިއުލާން ކުރާނީ ފުލް ސްކޮޑުގެ ތަމްރީނުތަކަށް ފަހުގައެވެ.

ރާއްޖެއިން މިމަހުގެ އިންޓަނޭޝަނަލް ބްރޭކްގައި މެޗުތައް ކުޅޭނީ ބްރުނާއީ ދާރުއްސަލާމާއި ލާއޯސްއާ ދެކޮޅަށެވެ. އެ މެޗުތައް ކުޅޭނީ ބްރުނާއީގައެވެ. މެޗުތައް ރާއްޖެއިން ކުޅޭނީ ފީފާ އިންޓަނޭޝަނަލް ދުވަސްތައް ކަމަށްވާ ސެޕްޓެމްބަރު 19 އިން 27އާ ދެމެދުގެ ދުވަސްތަކެއްގައެވެ.

މިވަގުތު ފީފާ ރޭންކިންގެ 156 ވަނައިގައި ރާއްޖެ އޮތް އިރު، ފީފާ ދުވަސްތަކުގައި ކުޅޭ މެޗުތަކުން ރޭންކިންއަށް އަސަރު ކުރާނެއެވެ. އެހެންކަމުން ކުރިއަށް އޮތް ދެމެޗަކީވެސް ފީފާ ރޭންކިންއަށް ގުނާނެ މެޗުތަކެވެ. ރާއްޖެއިން ވަނީ ދާދި ފަހުންވެސް ފީފާ ދުވަސްތަކުގައި އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެއީ ގައުމީ ދަނޑުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗު 2-0 އިން ރާއްޖެ ވަނީ ކާމިޔާބު ކޮށްފައެވެ.

ގައުމީ ފުޓުބޯޅަ ޓީމާ މިވަގުތު ހަވާލުވެ ހުރި ކޯޗަކީ ފްރެންޗެސްކޯ މޮރިއޭރޯއެވެ. އިޓަލީގެ މޮރިއޭރޯ ހަވާލުވީ މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު ސްރީލަންކާގައި އޮތް ފޯ ނޭޝަންސް ކަޕްގެ ކުރިންނެވެ. ފޯ ނޭޝަންސް ކަޕަށް ގޮސް ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާއެއް ނުނެރެވުނު ނަމަވެސް މޮރިއޭރޯ ބުނެފައިވަނީ ސިސްޓަމަށް ހޭނެން ވަގުތު ނަގާނެ ކަމަށެވެ.

އެންމެ ފަހުން ގައުމީ ޓީމުން ކުޅެފައިވަނީ މިދިޔަ ޖޫން މަހު އުޒްބެކިސްތާންގައި ކުރިއަށްދިޔަ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ. އެ މެޗުތަކުގެ ތެރެއިންވެސް މޮރިއޭރޯ ބުނެފައިވަނީ ޓީމަށް އެކުވެރިކަމުގެ މެޗުތައް ބޭނުންވާ ކަމަށެވެ.

ނިމިދިޔަ ކްލަބު ފުޓުބޯޅަ ސީޒަން ނިމުމާއެކު މީޑިއާއަށް ވާހަކަ ދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގައުމީ ސީނިއާ ފުޓުބޯޅަ ޓީމުން ކުރިއަށް އޮތް ތަނުގައި ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށެވެ. ބައްސާމް އެފަހަރު ވިދާޅުވީ ގައުމީ ޓީމު ޒުވާންކޮށް، ކުރިއަށް އޮތް ތަނުގައި އާ ކުޅުންތެރިންނަށް ފުރުސަތުތަކެއް ދޭން ޕްލޭންތައް ކުރަމުން އަންނަ ކަމަށެވެ.

"ގައުމީ ޓީމު އަލުން ފައްޓާއިރުގައި ވަރަށް ބޮޑެތި ބަދަލުތަކެއް ފެންނާނެ. ކުރިއަށް އޮތް އޭޝިއަން ކަޕަށް ކޮލިފައިވާން މިހާރުން ފެށިގެން ޓީމެއް ތައްޔާރު ކުރުން، ކޯޗާ ވެސް ހަވާލުކުރާނީ. ހަމަ ޒުވާން ޓީމަކާ އެކު ކުރިއަށް ދިއުން، ވަރަށް ބޮޑެތި ބަދަލުތަކެއް ފެނުމަކީ އެކަށީގެންވާ ކަމެއް. ވަރަށް ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް މި ގަބޫލު ކުރަނީ، ބޭނުމަކީ މަޑުމަޑުން ޑިވެލޮޕްކުރުން،" ބައްސާމް ވިދާޅުވެފައިވެއެވެ.

އެހެންކަމުން ކުރިއަށް އޮތް އެކުވެރިކަމުގެ މެޗުތަކަށް ބައެއް އާ ކުޅުންތެރިންނަށް ޓީމުން ފުރުސަތު ދޭނެ ކަމަށް ބެލެވެއެވެ. ބައްސާމް ކުރިން ފާހަގަކުރެއްވީ މެޗުތައް ކުޅުމުގެ ބޭނުމަކީވެސް އާ ކުޅުންތެރިންނަށް ފުރުސަތު ދީގެން މަޑުމަޑުން ތަރައްގީ ކުރުން ކަމަށެވެ. މިމަހުގައި ކުޅޭ އެކުވެރިކަމުގެ މެޗުތަކުގެ އިތުރުން އަންނަ މަހުގެ ފީފާ ބްރޭކްގައިވެސް ރާއްޖެއިން މެޗުތަކެއް ކުޅެން ތައްޔާރުވާ ކަމަށް ބައްސާމް ވިދާޅުވެފައިވެއެވެ.