ޚަބަރު

ހުޅުމާލެއިން 74 ގޯތި ވިއްކަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

މުހައްމަދު އިޝާން

ހުޅުމާލެއިން ގޯތި ވިއްކަން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ މަހުގެ 18 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލެއިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ގޯތި ވިއްކުމަށް 1،095.05 އަކަފޫޓާއި 2،588.14 އަކަފޫޓުގެ ޖުމްލަ 74 ބިން ގަތުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އެޗްޑީސީން ބުނެފައިވަނީ ގޯތިގަތުމަށް ހުޅުވާލި މުއްދަތު މިމަހުގެ ފުރަތަމަ ދުވަހަށް ހަމަވާނެ ކަމަށެވެ.

ގޯތިގަތުމަށް ހުޅުވާލި މުއްދަތު ހަމަވެފައިވަނިކޮށް އެޗްޑީސީން މިއަދުކުރި އިއުލާނެއްގައި ބުނީ، ހުޅުމާލެއިން ވިއްކާ ގޯތީގެ ބީލަން ފޯމު މިމަހުގެ 15 ގައި ވިއްކާނެ ކަމަށެވެ. އަދި ބީޗް ސައިޑުން ގޯތި ގަތުމަށް ބީލަން ފޯމު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.

އެޗްޑީސީން ވަނީ މީގެ ކުރިން ހުޅުމާލެ ދެ ވަނަ ފިޔަވަހިން 60 ބިން ވިއްކުމަށް ވެސް ހުޅުވާލައިފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ވިއްކަން އިއުލާނު ކުރި 60 ބިމަށް ބިޑް ކުރުން ވަނީ މިހާރު ނިންމާލައިފައެވެ.

އެފަހަރު ހުޅުމާލެއިން ބިން ވިއްކަން ހުޅުވާލުމުން އެޗްޑީސީއަށް ވަނީ އާންމުގެ ފާޑު ކިޔުން ވަރަށް ބޮޑަށް އަމާޒުވެފައެވެ. ރައްޔިތުން މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ހުޅުމާލެއިން ބިން ވިއްކުމާ ދެކޮޅު ހައްދަވައިފައެވެ. ނަޝީދު ވިދާޅުވެފައިވަނީ، މާލޭ ސަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދު މީހުން ބިން ލިބޭނެ ގޮތެއް ނެތިފައި ވަނިކޮށް، ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެއިން ބިން ވިއްކުމާ ދެކޮޅަށް ވިދާޅުވެފައިވަނީ، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްނުދީ ހުޅުމާލެއިން ބިން ވިއްކައިގެން ނުވާނެ ކަމަށެވެ.