ޗެމްޕިއަންސް ލީގުގެ ފުރަތަމަ ހަފުތާގެ ކުޅުން ނިމިއްޖެއެވެ. ހުނަރުވެރި ޒުވާން ތަރިންގެ ކުޅަދާނަކަން ފެނިގެންވެސް ހިނގައްޖެއެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ނަމަވެސް ފޯރިގަދަ މެޗުތަކެއް ފެނިއްޖެއެވެ. ޖަޒުބާތީ މަންޒަރުތަކާއި ތަފާތު ނަތީޖާތައްވެސް ފެނިއްޖެއެވެ. ޗެމްޕިއަންސް ލީގުގެ ފުރިހަމަ ހަފުތާގެ ކުޅުން ނިމިއްޖެއެވެ. ލޮލުގައި އަޅައިގަތް އެއް މަންޒަރަކީ ބްރެޒިލްގެ ރިޗާލްސަންގެ ޖަޒުބާތީ، އުފާވެރިކަމުގެ ކަރުނައިގެ މަންޒަރެވެ.

ޓޮޓެންހަމްއިން އަހަރުތަކަކަށްފަހު ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނީ މާސޭއާ ދެކޮޅަށެވެ. އެމެޗު ޓޮޓެންހަމްއިން 2-0 އިން ކާމިޔާބު ކޮށްފައިވާ އިރު، ބަދަލަކަށް ނުކުމެ ދެގޯލު ޖަހައި ނަތީޖާ ނެރެދިނީ ރިޗާލްސަން އެވެ. އުމުރުން 25 އަހަރުގެ ރިޗާލްސަން އަށް މާސޭއާ ދެކޮޅަށް ކުޅުނު މެޗު ހާއްސަވީ އުފާވެރިކަމުގެ އިހުސާސުންނެވެ. އެޖަޒުބާތު، މެޗު ނިމުމާއެކު އޭނާގެ ފަރާތުން ފެނުނުވެސް މެއެވެ. އާއިލާއާއި ރައްޓެހިން ގާތަށް ގޮސް، ބައްޕަގެ ގައިގައި ބައްދާލުމާއެކު ރިޗާލްސަންއަށް ރޮވުނެވެ.

މިދިޔަ ސީޒަންގައި އެވަޓަން ރެލިގޭޝަނުން ސަލާމަތް ކޮށްދީ އެ ކްލަބުގެ ސަޕޯޓަރުންގެ ލޯބި ހޯދުމަށްފަހު މި ސީޒަނަށް ރިޗާލްސަން ޓޮޓެންހަމްއަށް ދިޔައީ 60 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައެވެ. އެންމެ ބޮޑު ހާއްސަ ކަމަކަށް އޭނާއަށް ވީ ޗެމްޕިއަންސް ލީގުގެ ފުޓުބޯޅަ ކުޅުމެވެ. އެ ތަޖުރިބާ ކޮށްލުމެވެ.

"ޗެމްޕިއަން ލީގުގައި ކުޅުމަކީ އަހަރެން އަބަދުވެސް ދެކެމުން އައި ހުވަފެނެއް.ސްޕާސްއާއެކު އެ ހުވަފެން ހަގީގަތަކަށްވާނެ. އެ އުފާވެރިކަމުގައި އަހަންނަށް ރޮވުންވެސް އެކަށީގެންވޭ. އެއީ އަހަންނަކީ އުފާވެރިކަމުގެ އެކަހަލަ ވަގުތުތަކުގައި ޖަޒުބާތުގައި ޖެހޭ މީހަކަށްވާތީ،" ރިޗާލްސަން ޓޮޓެންހަމްއާ ގުޅި ފުރަތަމަ ދިން އިންޓަވިއުގައި ބުންޏެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗަކީ އެ ހުވަފެން ފުރިހަމައަށް ހަގީގަތަކަށްވި މެޗެކެވެ. ދެ ގޯލާއެކު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގައި ރިޗާލްސަން މެޗު ނިންމާލި އިރު، ކޯޗު އެންޓޯނިއޯ ކޮންޓޭގެ ނަޒަރުގައި އެއީ ހައްގު ކާމިޔާބީއެކެވެ.

"އަހަރެން ހަނދާން އެބަހުރި. ރިޗީ ޓޮޓެންހަމްއާ ގުޅުނު ދުވަހުވެސް ބުނި ޗެމްޕިއަންސް ލީގުގައި ކުޅެ، އެ މިޔުޒިކު އަޑުއަހާލުމަކީ ހުވަފެނެއް ކަމަށް. ރިޗީއަކީ ކުރިއަށް ކުޅޭ ތިން ކުޅުންތެރިންގެ މަގާމަށްވެސް ކުޅެވޭނެ ކުޅަދާނަ ފޯވަޑެއް. ޓޮޓެންހަމްއަށް އޭނާ މުހިއްމު ވަނީ ރޮޓޭޓްކުރާ އިރު ކޮލިޓީ ހިފެހެއްޓުމަށް،" ކޮންޓޭ ބުންޏެވެ.

ރިޗާލްސަން އަކީ ސަމާލުކަން ހޯދުމުގެ ހާއްސަކަމެއް ހުންނަ ކުޅުންތެރިއެއްގެ ގޮތުގައިވެސް ބަޔަކު ސިފަކޮށްފާނެއެވެ. ބޭކާރު ކާޑު ހޯދުމާއި، ބޭކާރު ގޮތުގައި ޗަރުކޭސް ދައްކައި، ބައެއް "ކޮންޓްރަވާޝަލް" ކަންކަމުގެ ތެރެއިން ރިޗާލްސަން ފެނެއެވެ. އެހެން ނަމަވެސް ޔަގީންކުރަންވީ އެއް ކަމަކީ ހުނަރުގެ ގޮތުންނާއި، ފުޓުބޯޅައަށް ދޭ ލޯބީގައި ރިޗާލްސަން ފާހަގަވާނެ ކަމެވެ. އެ ހުނަރާއި ޖަޒުބާތު މެޗުން ސާފުވެއެވެ.