ދިވެހި ބަސް

ލިޔަން ކިޔަން ދަތުމުގެ ދުވަސް: ލިޔަން އެނގުމަކުން ނުފުދެއެވެ. ބަހަށް އިހުތިރާމްކުރަންވެސް އެނގެން ޖެހެއެވެ.

އިމާދު ލަތީފު

މިއަދަކީ ބައިނަލްއަގުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހެވެ. ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 8 ވަނަ ދުވަހަކީ އެދުވަހެވެ. މިދުވަސް ބައިނަލްއަގުވާމީ ގޮތުން އެންމެ ފުރަތަމަ ފާހަގަކުރަން ފެށުނީ 1967 ގައެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރުން ކުރެވޭ އިލްތިމާސަކީ ނުވަތަ ދެވޭ ނަސޭހަތަކީ ލިޔަން ކިޔަން ދަތުމުގެ މުހިއްމުކަމާއި އެކަމަށް ވަގުތު ދިނުމުގެ މުހިއްމުކަމަށް ވިސްނައި ބަދަލުވަމުންދާ ދުނިޔޭގެ އާދަތަކަށް ފެތޭ ބީދަޔަކުން އެކަން ކުރުމަށް އައު އަޒުމަކާއި އައު ހިތްވަރެއް ނެރުމެވެ. މި ޝިއާރު އަޅުގަނޑު ދެކޭގޮތުގައި ފެތެނީ ލިޔެކިޔުމުގެ ވައްޓަފާޅިޔަށް އައިސްފައިވާ ބަދަލަށެވެ. ޓެކްނޮލޮޖީއަށެވެ. ފަސޭހަކަމާއެކު އިންޓަރނެޓުގައި ތަކެތި ޝާއިއު ކުރުމަށާއި އަމިއްލަ ފޯނާއި ޓެބްލެޓާއި ލެޕްޓޮޕުން އެތަކެތި ކިޔުމަށް އައިސްފައިވާ އިންގިލާބަށެވެ.

ދިވެހީންގެ ތެރޭގައި މާދަރީ ބަހުން ލިޔެ އުޅުމަށް މިހާރު އައިސްފައިވާ ބަދަލަށް ރިއާޔަތްކުރާއިރު މިއަހަރުގެ ޝިއާރުން ހާސިލްކުރަންވީ ފިލާވަޅު ބޮޑުކަމަށް ފެނެއެވެ. ދިވެހިބަހުން ލިޔުމުގައި މިހާރު ހަމައެއް އުސޫލެއް ނެތެވެ. ގަވާއިދަށް ރިއާޔަތް ކުރުމެއް ނެތެވެ. ބަހުގެ އަސްލާއި ރީތި ފޭރާން އަވަސްކަމާއެކު ވީދި ހަލާލުވެ ނެތިގެންދަނީއެވެ. ލިޔަން އެނގުމަކުން އަދި ނުފުދެއެވެ. ބަހުގެ ގަވާއިދަށް ފައްތައިގެން އެކަންކުރަން އެނގުން ލާޒިމެވެ. މިއަހަރުގެ ޝިއާރުގައި ބުނަނީ އެވާހަކައެވެ. އެހެންވީމާ ލިޔުމުގެ ރީތި ހަމަތަކާއި އަދަބުތަކަށް ފަރުވާތެރިވެތިބެގެން ލިޔާ ބައެއް ކަމުގައި ވުމަށް މިއަދު އަޒުމް ކަނޑައަޅާން އެބަޖެހެއެވެ. ލިޔުމާއި ކިޔުމުގެ އާދައިން ވަށައިގެންވާ ދުނިޔެ ދެނެގަންނަ ހެއުލަފާ ބައެއް ކަމުގައިވާން އެބަޖެހެއެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 8 ވަނަ ދުވަސް ލިޔަން ކިޔަން ދަތުމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އދ.ގެ ގޮފިތަކުގެ ތެރެެއިން ތައުލީމާއި ސައިންސާއި ސަގާފަތާބެހޭ އިދާރާކަމަށްވާ ޔުނެސްކޯއިން ނިންމީ 1966 ވަނަ އަހަރުގައެވެ. އޭރު ދުނިޔޭގެ ކޮންމެ ފަސްމީހެއްގެ ތެރެއިން ދެ މީހަކީ ލިޔަން ކިޔަން ނުދަންނަ މީހެކެވެ. އޭގެ ފަހުން މިހާތަނަށް 56 އަހަރު ފާއިތުވެގެން ދިޔައިރު ލިޔަން ކިޔަން ދަތުމުގެ ރޭޓް ވަނީ މައްޗަށް ޖެހިލައިފައެވެ. އެހެންނަމަވެސް ދުނިޔޭގެ ކަންކޮޅުތަކުގައި އަދިވެސް ލިޔަން ކިޔަން ނޭނގޭ ބިލިޔަނެއްހައި މީހުން ދިރިއުޅޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ދިވެހިރާއްޖޭގައި މިޒަމާނުގެ ކުދީންގެ ތެރެއިން ލިޔަން ކިޔަން ނުދަތުމުގެ އަނދިރިކަން ވަނީ ފިލުވައިލެވިފައެވެ. އެކަމަކު މައްސަލަޔަކީ ބަހަށް އިހުތިރާމް ނުކުރުމުގެ ގިލަންވެރިކަމެވެ.

މިޒަމާނުގެ ދިވެހި ޒުވާން ޖީލަށް ނިސްބަތްވާ މީހުންގެ ތެރޭގައި ލިޔަން ކިޔަން ނުދަތުމުގެ އަނދިރިކަމެއް ނެތެވެ. އެކަމަކު މިއީ ކުރީޒަމާނުގައި މިކަން އޮތްގޮތެއް ނޫނެވެ. މީގެ ސަތޭކައެއްހައި އަހަރު ކުރިއަށް ޖެހިލާއިރުވެސް ރާއްޖޭގެ ކޮންމެ ދެމީހެއްގެ ތެރެއިން އެކަކީ ލިޔަން ކިޔަން ނޭނގޭ މީހެކެވެ. އެހެންވީމާ އެޒަމާނުގައި ދިވެހީންގެ ތެރެއިން ފެންނާންއޮތް ހަގީގަތުގެ މަންޒަރެއް ކުރަހައިލަމާ ބަހީއެވެ. މީގެ 111 އަހަރުކުރިން 1911 ގައި ރާއްޖޭގެ ފުރަތަމަ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު ފިރިހެނުންގެ ތެރެއިން 54 އިންސައްތަ މީހުން ލިޔަން ކިޔަން ނުދަނެއެވެ. އެއީ 20844 ފިރިހެނުންނެވެ. އެދުވަސްވަރު ރާއްޖޭގެ ފިރިހެނުންގެ ޖުމްލަ އާބާދީއަކީ 39244 އެވެ. މަހަށާއި ދަނޑަށް ދާންޖެހޭތީ ގިނަ މީހުންނަށް ވަގުތުވެސް ނުހޯދެނީ ކަމަށްވެދާނެއެވެ. އޭރުގެ ހާލަތަކީ އެއީއެވެ.

އޭރުގެ ތަފާސްހިސާބުތަކަށް ބެލީމާ ފެންނަ އަނެއް ހަގީގަތަކީ ލިޔަން ކިޔަން ނުދަންނަ ނިސްބަތް އަންހެނުންގެ ތެރޭގައި މާމަތިކަމެވެ. އެދުވަސްވަރު ރާއްޖޭގެ އަންހެނުންގެ އާބާދީއަކީ 32993 އެވެ. އޭގެތެރެއިން 18472 އަންހެނުން ލިޔަން ކިޔަން ނުދަނެއެވެ. އެއީ އަންހެނުންގެ ޖުމްލަ އާބާދީގެ 56 އިންސައްތައެވެ. އެހެންވީމާ ފިރިހެންގެ ތެރެއިން ލިޔަން ކިޔަން ނޭނގޭ މީހުންނަށްވުރެ އަންހެނުންގެ ތެރޭގައި އެ ނިސްބަތް ދެ އިންސައްތަ މައްޗެވެ. ރާއްޖޭގައި އަލަށް ދުސްތޫރީ ހުކޫމަތެއް ގާއިމުކުރެވި ތައުލީމު ފެތުރުން އާއްމު ކުރުމަށް ކުރެވުނު މަސައްކަތުން މިދެންނެވި ތަފާތު ނައްތާލުމަށް ވަރަށް ބޮޑު އިސްކަމެއް ދެވުނެވެ. ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ލިޔަން ކިޔަން ދަންނަ އަދި ހިސާބުގެ އިލްމުގެ މިންވަރެއް ދަންނަ އަންހެނުންގެ ނިސްބަތް ފިރިހެނުންނަށްވުރެ މައްޗަށް އުފުލިގެން ދިޔައެވެ.

ރާއްޖޭގަައި އާންމުކޮށް އެންމެންނަށް އުނގެނުމުގެ މިނިވަންކަން ލިބުނީ އަދި ކީރިތި ގުރުއާން ކިޔެވުމާއި އަރަބި އަކުރާއި ތާނަ އަކުރު ލިޔާން ކިޔާން ދަސްކުރުން ކޮންމެ ދިވެއްސެއްގެ މައްޗަށް ލާޒިމުވީ 1932 ގައި ވުޖޫދުކުރެވުނު ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީންނެވެ. އޭގެ ބާވީސް އަހަރު ފަހުން 1954 ގައި އިލްޒާމީ ތައުލީމުގެ ގާނޫނޭ ކިޔުނު ގާނޫނެއް ފާސްކުރެވި ދީނީގޮތުންނާއި ދުނިޔަވީގޮތުން އެނގުން ކޮންމެހެން ލާޒިމު ތަކެތި އުނގަންނައި ދިނުމަށް ސަރުކާރުގެ ފަރާތުން ކޮންމެ ރަށަކަށް މުދައްރިސަކު އައްޔަން ކުރިއެވެ. އެކަންކަމުގެ ބިންގަލަކަށްވީ އަލްއުސްތާޒު އަހުމަދު ކާމިލުދީދީއެވެ. މީގެ 90 އަހަރުކުރިން މުޅި ދިވެހިރާއްޖޭގައި އާންމުކޮށް އެންމެންނަށް އެންމެ ފުރަތަމަ ތައުލީމު ދެއްވަން ފެއްޓެވި ތައުލީމާބެހޭ ވަޒީރަކީ އެއީއެވެ.