މިއަދު ދިވެހި ބަހަށް އެންމެ ބޮޑު ހިދުމަތެއް ކުރާ ބަޔަކީ ނޫސްވެރިން ކަމަށް ދިވެހިބަހުގެ އުޒްތާޒް އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ "ބޮޑު އެހެންނަސް ކުޑަ" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އަންވަރު ވިދާޅުވީ ގައުމިއްޔަތު ބުނުމުން އަޅުގަނޑުމެންގެ ހުރިހާ ކަމެެއް ވެސް އެކަމުގެ ތެރެއަށް ވަދެގެންދާ ކަމަށެވެ.
އެހެންކަމުން ކޮޮންމެ ކަމެއް ކުރިޔަސް އެކަމެއް ދިރުވުމަށްޓަކައި ކަންކަން ކުރުމަށް އަންވަރު ނަސޭހަތްދެއްވިއެވެ.
އޭގެތެރޭގައި މިހާރުގެ ނޫސްތަކުން ފެންނަ ކުށްބަސްތައް ރަނގަޅު ކުރުމަށާއި ލިޔުމުގައި ދިވެހި ބަހުގެ ގަަވައިދުތަކާއި ހަމަތަކަށް އަމަލު ކުރުމަށް އަންވަރު އެދިލެއްވިއެވެ.
"ނޫސްވެރިކަމަކީ ވަރަށް މުހިންމު ބާރެއް. އަދި މިއަދުގެ ހާލަތަށް ވިސްނާ އިރު ލިޔުންތެރިކަމާއި، ބަސްދަމަހައްޓައި، ނަގަހައްޓައި، އަންނަން އޮތް ޖީލަށް ގެންގޮސްދޭން އޮތް ފަހި ފާލަމަކީ ނޫސްވެރިން،" އޭނާ ވިދާޅުވިއެވެ.
އަންވަރު ފާހަގަކުރެއްވި ގޮތުގައި އިލްމީ މުރާޖާ، ލިޓްރެޗާ ދިރާސާއިން ބޮޑަށް ފާހަގަކުރެެވުނީ، ނޫސްތަކުގެ ކުށް، މައިގަނޑު ދެ ބަޔަކަށް ބަހާލެވިދާނެ ކަމަށެވެ. އެއީ ކުށުގެ ގޮތުގައި މައުލޫމާތުގެ ކުށާއި ޓައިޕްކުރުމުގެ ތެރޭގައި ސުކުން ކުށް ކަމަށެވެ.
"ނޫސްތަކުގައި ކުށް ހުންނަ މިންވަރާއި ކުށްހުންނަ ބާވަތްތަކާ، މިއީ ވަރަށް ބޮޑަށް ދިރާސާކުރެވިފައި ހުންނަ ދާއިރާއެއް. ހާއްސަކޮށް މި ޒަމާނުގައި އަވަހަށް މައުލޫމާތު ފެތުރުން، އަވަހަށް ހަބަރު ފަތުރާލުން. މިކަމުގެ ތެރޭގައި ހަގީގަތުގައި ކުށް އިތުރުވެގެން އުޅޭ އެއް ސަބަބެއްގެ ގޮތުގައި ފާހަގަ މިކުރެވެނީ،" އަންވަރު ވިދާޅުވިއެވެ.
އެގޮތުން ދަ ނިޔުޔޯކް ޓައިމްސްގައި 2014 މެއި 29 ގައި، މާކް ލެންޑްލާ ލިޔެފައިވާ ހަބަރެއްގެ ހެޑްލައިނެއްގައި ލިޔުމުގެ ކުށެއް މި ޕްރޮގްރާމުގައި ވަނީ ދައްކާލައިފައެވެ. އަންވަރު ފާހަގަ ކުރެއްވި ގޮތުގައި ބައެއް ހަބަރުތަކުގެ ހެޑްލައިން ހުންނަ ގޮތުން އެހާ މުހިންމު ނޫން ހަބަރެއް ނަމަވެސް އެކަން ސޯޝަލް މީޑިޔާގައި ފާހަގަކޮށް ވައިރަލްވެއެވެ.
އެހެންކަމުން ހަބަރު ލިޔެ ނިންމުމަށް ފަހު ލިޔެފައިވާ ހަބަރެއްގެ މާނަ ނޯޅޭގޮތަށް ހަބަރުގެ ހެޑްލައިންނާއި ފަށާ ޖުމުލަ އާއި އޭގެ މައިގަނޑު އެއްގޮތް ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
"ހާއްސަކޮށް އޮންލައިން ނޫސްތަކަކީ ވަގުތުން ރަނގަޅުކުރެވޭ އެއްޗެއް. އެހެންވީމަ އަޅުގަނޑުމެންނަށް އޭގެތެރޭގައި ކުށެއް ފެނިދާނެ، ސުކުން ކުށެއް ނުވަތަ އިމްލާކުށެއް ނަމަވެސް ފެނިދާނެ. އަޅުގަނޑުމެންނަށް އޭގެ ރަނގަޅު ގޮތް ފާހަގަކުރެވުމާއެކީގައި، ވަގުތުން އެކަން ރަނގަޅު ކުރަން ޖެހޭ، އޭގެ އިތުރަށް ހާއްސަ ޓީމަކުން ނަމަވެސް ނޫސްތަކުގައި ލިޔާ އެއްޗެހި ރަނގަޅު ކުރެވޭނެ ގޮތަކަށް ނިޒާމު ބައްޓަން ކުރަން." އަންވަރު ވިދާޅުވިއެވެ.
މިކަންކަމަށް ވިސްނައި، ލިޔާ ހަބަރުތަކަކީ ދިވެހި ބަހުގެ ހަމަތަކާއި ގަވައިދުތަކަށް ފެތޭ، އެ ހަބަރެއް ކިޔާ މީހަކަށް ވެސް، ހުއްޓަން ޖެހޭ ތަންތަން ފާހަގަވާނެ ގޮތަށް ހުރުމަކީ މުހިންމު ކަމެއް ކަން އަންވަރު ފާހަގަކުރެއްވިއެވެ.
ބަހުގެ ހަމަ ހިފެހެއްޓުމަށްޓަކައި އެންމެ މުހިންމު ކަމަކީ ލިޔުންތައް ޝާއިރު ކުރުމުގެ ކުރިން ދެވަނަ ފަހަރަށް ޗެކް ކުރާނެ ނިޒާމެއް އޮތުން ކަމަށް އަންވަރު ވަނީ ލަފާދެއްފައިއެވެ.
ފާތިމަތު ލިއުޝާ
ނޫސްވެރިކަން
އަދި އެންމެ ބޮޑު ގެއްލުމެއް ދިވެހި ބަހަށް ދޭ ބަޔަކީވެސް ނޫސްވެރިން.
ދޮންބެ - 2 މަސް ކުރިން
އަދި އެންމެބޮޑު ގެއްލުމެއް ދިވެހި ބަހަށް ދޭ ބަޔަކީވެސް ނޫސްވެރިން.
ދޮންބެ - 2 މަސް ކުރިން
ނޫސްވެރިންނަށް ކުށެއްނުލާ ސުރުޚީއެއްވެސް އޮންނަނީ ނޭޅިފަ. ދެންކޮން ޚިދުމަތެއް ބަސްކުރިއަރުވަން އެމީހުންނަށް ކޮއްދެވޭނީ.
އަހުމަދު - 2 މަސް ކުރިން