އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ހާއްސަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވީ ގައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ސަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ އަދަބިއްޔާތަކީ ގައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއެއް ކަމަށާއި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަކީ ގައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހީން، ދިވެހީންނަށް ވަނީ ދިވެހި ބަހުގެ ސަބަބުން ކަމަށާއި ދިވެހިބަސް އެއްޖީލުން އަނެއް ޖީލަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭން އޮތް ފުރުސަތަށް ބަލާއިރު، ކުޑަކުދީން ކިޔާނެ ދިވެހި ފޮތްތައް ބޭނުންވާ ކަމަށެވެ. ކުޑަކުދީންނަށާއި ޒުވާނުންނަށާއި އަދި އެ ނޫންވެސް ފަރާތްތަކަށް ބޭނުންވާ ދިވެހިބަހުގެ ފޮތްތައް ލިޔަން ބޭނުންވާ އަދި މިހާރުވެސް އެ މަސައްކަތް ކުރާ އެތައް ބަޔަކު އެބަ ތިބި ކަމަށެވެ.

ނަމަވެސް ފޮތް ޗާޕުކުރުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން އެ މަސައްކަތަށް ވަރަށް ބޮޑެތި ހުރަސްތައް އެބަހުރި ކަމަށާއި އެކަމަކީ ގައުމީ މައްސަލައެއް ކަމަށެވެ. އަދި އެއީ އަޅައި ނުލައި ދޫކޮށްލާނެ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޅަދަރީންނަށާއި ޒުވާނުންނަށް އަޅުގަނޑުމެންގެ ދިވެހި މާދަރީބަސް ފޯރާނެ މަގުތައް ތަނަވަސްވެފައި އޮންނަން ޖެހޭނެ. ވީމާ، ދިވެހިބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕުކުރުމުގައި ކުރިޔަށް އޮތް ތަނުގައި، ހާއްސަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކަ އާއި ތާރީހު، ކުދީންނަށް އުނގަންނައި ދިނުމަށް ޒަމާނީ ގޮތްތައް ވެސް މުހިންމު ކަމަށެވެ. ހަމައެކަނި ލިޔެފައިވާ ފިލާވަޅުތަކަކަށް ހަނިކުރެވިފައި އޮތް އޮތުން ރަނގަޅު ނޫން ކަމަށާއި ދުނިޔޭގެ އެހެނިހެން ބަސްތައް ދަސްކޮށްދޭންވެސް ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް އާ ގޮތްތައް އުފައްދަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ގޮތުން ބަލާއިރު ރާއްޖޭގައި ކުޑަކުދީން ބަލާނެ ކާޓޫނު ފިލްމު، ގައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުން އެއީ، ބައެއް ބޭފުޅުން ފާހަގަކުރައްވާ ކަމެއް. ވަކިން ހާއްސަކޮށް ރާއްޖެއިން ބޭރުގައި އުޅުއްވާ ދިވެހި އާއިލާތަކާއި އަދި ރާއްޖޭގައިވެސް ބެލެނިވެރީން އޮފީހުގައި ގިނަ ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާ ހާލަތްތަކުގައި ކުޑަކުދީންނަށް ފައިދާ ހުރި ވަގުތުތަކަށް އެ ވަގުތުތައް ބަދަލުކޮށްލައްވަން ބެލެނިވެރީން ބޭނުންފުޅުވޭ. އެކަމަކު އެ ފަދަ ވަގުތަކުވެސް ކުޑަކުއްޖަކަށް ދައްކާލެވޭނެ ވީޑިއޯ ނުވަތަ ގޭމް ފަދަ ތަކެތި ނެތްކަމުގެ ހަމަ އިހުލާސްތެރި ކަންބޮޑުވުން ވަރަށް ގިނަ ބެލެނިވެރީން ފާޅުކުރައްވާ! އަޅުގަނޑު ބޭނުންވަނީ މި ބޮޑު ގައުމީ އުދާސްތަކަށް ހައްލެއް ގެންނަން. އެހެންވީމާ، އަންނަ އަހަރު ބަހާއި ސަގާފަތާއި ތާރީހާއި އަދި ތަރިކައިގެ ދާއިރާއިން ކުޑަކުދީންނަށް ހާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާއެކީގައި ހުޅުވާލާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ތާނައަކީ ދިވެހީންގެ ފަހުރެއް ކަމަށާއި ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮންނަ ފަދައިން ދިވެހީންގެ އަމިއްލަ އަކުރެއް އޮތުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ގައުމެއްގެ ނިސްބަތުން ބަލާއިރު، އަމިއްލަ އަކުރެއް އޮތުމަކީ އެ ގައުމެއްގެ ސަގާފީ ސިޔާދަތު އެތައް ގުނަޔަކަށް މަތިވެގެންދާ ކަމެއް ކަމަށެވެ.

އެގޮތުން އަންނަ އަހަރުން ފެށިގެން ދިވެހި ތާނައިގެ އަތުލިޔުމުގެ ގައުމީ މުބާރާތެއް ކުރިއަށް ގެންދަން ނިންމަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.