ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެސް ވަރެއްގެ ލިމިޓެއްގައި އޮތުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މަޖިލިސް މެމްބަރުންގެ އަދަދު މިހާރު އޮތް 87 އަށްވުރެ އިތުރު ނުވާ ގޮތް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވައިފައެވެ.
އެ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ތާއީދުކުރައްވައިފައެވެ.
މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމުގެ އެ އިސްލާހާމެދު ރައީސްގެ ވިސްނުންފުޅަކީ ކޮބައިތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ރައީސް ވިސްނުންފުޅަކީ މަޖިލިސް މެންބަރުންގެ އަދަދަށް ލިމިޓެއް އައުން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ކޮންމެވެސް ކަހަލަ ލިމިޓެއް އޭގައި އަންނަންޖެހޭނެ ކަމަށް. ނަމަވެސް އެއީ 87 ގައި ބަހައްޓާނީތޯ؟ ނުވަތަ ވަކި މިންވަރަކަށް އަދަދު ގެންދިއުމަށްފަހު ކެޕެއް ކަނޑައަޅާނީތޯ؟ އެކަންކަމަކީ ސިޔާސި ޕާޓީތަކުންނާއި ހުރިހާ ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށްގެން އަންނަން ޖެހޭނެ ބަދަލެއް،" މިއުވާން ވިދާޅުވިއެވެ.
ގާސިމް ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން މިހާރު އިއްވާފައިވާއިރު އެ އިސްލާހުގައި ބުނެފައި ވަނީ، މަޖިލީހުގެ މެމްބަރުންގެ އަދަދަކަށް ވާން ވާނީ 87 އެއް ކަމަށެވެ. އަދި އިންތިހާބީ ދާއިރާތަކުގެ ގޮތުގައި 87 އިންތިހާބީ ދާއިރާ ކަނޑައަޅާ އެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބުކުރަން ވާނީ އެންމެ މެމްބަރަކު ކަމަށްވެސް އެ އިސްލާހުގައި ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު