ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ތެރެއިން ފްލެޓު އެއްބަސްވުމުގައި ސޮއިނުކުރާ މީހުންނަށް އެއްބަސްވުމުގައި ސޮއިކުރަން އެންމެ ފަހުގެ ފުރުސަތު ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ދީފިއެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ 6720 ފުލެޓު ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ފުލެޓު އެގްރީމަންޓްގައި ސޮއިކުރުމުގެ ކަންކަން ނިންމުމަށް ވަރަށް ގިނަ ދުވަސްތަކެއް ދެވިފައިވާ ކަމަށާއި އެހެންވެ، މިހާތަނަށް އެޗްޑީސީއާއެކު ފުލެޓު އެގްރީމަންޓްގައި ސޮއިކޮށްފައި ނުވާ ފަރާތްތައް މިމަހުގެ 29ގެ ކުރިން ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން އެދޭ ކަމަށެވެ.
ފްލެޓް އެގްރީމަންޓްގައި މިމަހުގެ 29ގެ ކުރީން ސޮއި ނުކުރާ މީހުންގެ އަތުން ފްލެޓްތައް އަތުލާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ވަނީ މިހާތަނަށް ފްލެޓް ލިސްޓްގައި ސޮއިނުކުރާ މީހުންގެ ނަންތައް ހިމެނޭ ލިސްޓެއްވެސް އާއްމުކޮށްފައެވެ. އެ ލިސްޓުގައިވާ ގޮތުން އެގްރީމަންޓްގައި ސޮއިނުކުރާ 40 މީހުން އެބަތިއްބެވެ.
ފްލެޓު އުސޫލު އޮންނަ ގޮތުން މިގޮތަށް ގެއްލޭ ފުރުސަތުތައް ލިބޭނީ ފްލެޓަށް ޝަރުތު ހަމަވާ ލިސްޓުގައި ދެން އެންމެ މަތިން މާކްސް ލިބުނު މީހުންނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު