އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކާއި ގުޅިގެން ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން އަންގާރަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 49 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 45 އަހަރުގެ މީހާއަށް ފަސް ދުވަސް، 47 އަހަރުގެ މީހާއާއި 49 އަހަރުގެމީހާއަށް 14 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެއްޖިންސުން ގުޅުންހިންގި މައްސަލައިގައި މީގެ ކުރިންވެސް ބައެއް މީހުން ހައްޔަރުކޮށް ދައުވާކޮށްފައިވެއެވެ. އޭގެ ތެރޭގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ކުރީގެ މެންބަރު މުހައްމަދު ނަޝީދާއި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއު ހިމެނެއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރަށް ވަނީ ހަތް މަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.