އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށް ކުރާ ރިޝްވަތު ދިންކަމުގެ ކުށުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދުގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ ހެނދުނު 10:00 އަކަށެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލާގައި ދައުވާ އުފުލައިފައިވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބަލި ހާލަތުހުރި ގޮތުން އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި މިހާރު ކުރިއަށް ދަނީ ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އެގޮތުން، މިއަދުވެސް ވެސް ތިން ހެއްކެއްގެ ހެކިބަސް ނެގުން އޮންނާނެ ކަމަށް މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އިއްޔެ ވިދާޅުވެފައިވެ އެވެ.

މި މައްސަލައިގައި އިއްޔެ ވަނީ ޔާމީންގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހެކިބަސް ނަގައިފައެވެ. ޔާމީންގެ ފަރާތުން ޝަފައީ ހެކިންގެ ގޮތުގައި ހަތް ދިފާއީ ހެކި ހުށަހަޅާފައިވެއެވެ.