ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުން ކުރަމުން ދިޔަ ސެލްފު އެލިވޭޓިން ޕްލެޓްފޯމް (އެސްއީޕީ) ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން އެ ފަރުގައި ފުން ވަޅުގަނޑުތަކެއް ހެދިއްޖެއެވެ.
އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ އާއި ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން އިއްޔެ ވަނީ ވިލިމާލެ ފަރަށް ޕްލެޓްފޯމް އެރުމުގެ ސަބަބުން ލިބުނު ގެއްލުން ސާވޭކުރަން ފަށައިފައެވެ.
އެ ސާވޭ އަދިވެސް ކުރަމުންދާއިރު، މިރޭ އީޕީއޭއިން ވަނީ ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ދައްކުވައިދޭ ފޮޓޯތަކެއް އާންމުކޮށްފައެވެ. އެ ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯއިން ފެންނަނީ ސާވޭ ކުރާ ޓީމުގެ މެމްބަރަކު ވަޅުގަނޑުގެ ތެރެއަށް ފީނައި ކޮޅަށް ހުންނަ މަންޒަރެވެ. ފޮޓޯއިން ފެންނަ ގޮތުގައި އޭނާ ހުރީ ވަޅުގަނޑުގެ އެންމެ ފުނުގައެވެ.
ދެން އާންމުކުރި ފޮޓޯތަކުން ފެންނަނީ ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ފަރުގަނޑު ކަނޑައިގެން ގޮސްފައިވާ ތަންތަނެވެ.
އެ ވަޅުތަކުގެ ފުންމިނާއި އަދި ފުޅާ މިނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އީޕީއޭއިން ހާމައެއް ނުކުރެވެ.
މިދިޔަ މަހުގެ 16 ގައި ވިލިމާލެ ފަރަށް އެ ޕްލެޓްފޯމް އެރީ މޫސުން ގޯސްވެ އޭގެ ނަގިލި ކަނޑައިގެން ގޮސްގެން އެރޭ 2:45 އެހާކަންހާއިރުއެވެ. ޕްލެޓްފޯމް ފަރަށް އަރާފައިވަނިކޮށް ފެނިފައިވަނީ މެރިން ޕޮލިހަށެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެ، ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާ ވެސް ދިނެވެ.
ބުރިޖުގެ ޕްލެޓްފޯމު ފުން ކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. ޕްލެޓްފޯމް ފުންކުރަން 12 ދުވަސް ނެގި އިރު، ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން އެ ސަރަހައްދަށް ވަމުންދިޔަ ގެއްލުމާމެދު ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު