ކުރިން ޗެލްސީއަށް ކުޅުނު ސްޕެއިންގެ ފޯވަޑް ޑިއޭގޯ ކޮސްޓާ ޕްރިމިއާ ލީގުގެ ކްލަބު ވުލްވްސްގެ ޓްރައިލްއަކަށް ދާން ކުރި މަސައްކަތުގައި ދިމާވި ވޯކް ޕާމިޓްގެ މައްސަލަ ހައްލުވެފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.
ވުލްވްސްއިން ފޯވަޑެއް ހޯދަން މަސައްކަތް ކުރަމުން އަންނަނީ އެ ޓީމުގެ ކުރިއަށް ކުޅޭ ސާސާ ކަލަޖިކާއި ރައުލް ހިމަނޭޒްއަށްވެސް އަނިޔާވެ، އެތަން ފޫބެއްދުމަށެވެ. ޓްރާންސްފާ މާކެޓް ބައްދުވެފައި އޮތުމާއެކު މިވަގުތު ވުލްވްސްއަށް ފޯވަޑެއް ހޯދުމަށް އޮތް މަގަކީ ހިލޭ ޓްރާންސްފާއެއްގައި، އެއްބަސްވުމެއްގައި ނެތް ކުޅުންތެރިޔަކު ހޯދުމެވެ.
އުމުރުން 33 އަހަރުގެ ކޮސްޓާ މިދިޔަ ޖެނުއަރީ މަހު ބްރެޒިލްގެ އެތުލެޓިކޯ މިނޭރޯ ދޫކޮށްލި ފަހުން އަދި އެހެން ކްލަބަކަށް ކުޅެފައެއް ނުވެއެވެ. ކޮސްޓާއަށް ވިސާގެ މައްސަލަތައް ކުރިމަތިވީވެސް ނުކުޅެ ދުވަސްތަކެއްގައި ހުރެފައިވާތީއެވެ. އަދި ޔޫރަޕުން ބޭރުގައި އެހެން ބައްރެއްގައި ކުޅެފައި، އަލުން ޔޫރަޕްގެ ކްލަބަކާ ގުޅެން ބޭނުންވާ ލިޔެކިޔުންތަކެއްގައި މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް ނޫސްތައް ވަނީ ބުނެފައެވެ.
އެކަންކަމާ ހެދި ވުލްވްސްއަށް ކޮސްޓާގެ ވޯކް ޕާމިޓް ހަމަޖައްސަން ހުރަސްތަކެއް ދިމާވި އިރު، އިއްޔެ ކަމާބެހޭ އިދާރާތަކުން އޭނާއަށް ވޯކް ޕާމިޓް ނުދޭނެ ކަމަށް ބުނުފައިވެއެވެ. އެގޮތަށް އިމިގްރޭޝަންސްއިން ނިންމުމާއެކު ނިންމުން އަލުން ބަލައިދިނުމަށް ވުލްވްސްއިން އެދުމުން އަލުން ބަލައި، މިއަދު ވަނީ ނިންމުން ބަދަލުކޮށްފައި ކަމަށްވެސް ރިޕޯޓުތައް ބުނެފައިވެއެވެ.
އިމިގްރޭޝަންސްގެ އެ ނިންމުން ބަދަލުކުރުމާއެކު މިވަގުތު ކޮސްޓާ އިނގިރޭސިވިލާތަށް ދާން ތައްޔާރުވެފައިވާ ކަމަށް ފަބްރީޒިއޯ ރޮމާނޯވެސް ވަނީ ރިޕޯޓުކޮށްފައެވެ. އެއީ މެޑިކަލް ފުރިހަމަކުރުމަށެވެ.
ކުރިން އެތުލެޓިކޯ މެޑްރިޑަށްވެސް ކުޅުނު ކޮސްޓާ ވަނީ 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ދެމެދު ޗެލްސީގައި ވިދާލައިފައެވެ. އޭނާ ޗެލްސީއާއެކު ޕްރިމިއާ ލީގުވެސް ކާމިޔާބު ކޮށްފައިވާ އިރު، ކްލަބު ދޫކޮށްލީ އޭރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ ދެބަސްވުންތަކެއް އުފެދިގެންނެވެ.
ވުލްވްސްއަށް ފޯވަޑުންގެ މައްސަލަތައް ބޮޑުވެފައިވަނީ އަނިޔާތަކުގެ ސަބަބުންނެވެ. އެގޮތުން އަލަށް ގެންދިޔަ އޮސްޓްރިއާގެ ސާސާގެ ކަކުލަށް ލިގަމެންޓް އަނިޔާއެއް ކުރިމަތިވެފައިވާ އިރު، މެކްސިކޯގެ ފޯވަޑް ހިމަނޭޒްއަށް ކުރިމަތިވެފައިވަނީ ގްރޮއިން އަނިޔާއެކެވެ. ސާސާގެ ކަކޫ މާދަމާ އިތުރު ސްޕެޝަލިސްޓަކަށް ދެއްކުމަށް ވުލްވްސްއިން ނިންމާފައިވާ އިރު، ބެލެވޭ ގޮތުގައި އޭނާ ދާން ޖެހޭނީ ސާޖަރީއަކަށެވެ.
ވުލްވްސްއިން ގެންދަން މަސައްކަތް ކުރާ ފޯވަޑް ކޮސްޓާ ވަނީ ޗެލްސީއަށް ޕްރިމިއާ ލީގުގައި ކުޅުނު 120 މެޗުން 59 ގޯލު ޖަހައިދީފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު