ރ. އުނގޫފާރުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތްދިނުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
އުނގޫފާރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެރަށުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތްދިނުން ރަސްމީކޮށް ފެނަކައާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ. އަދި އުނގޫފާރުގެ ފަރާތުން ސޮއިކުރެއްވީ އެރަށު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދެވެ.
އިންޖީނުގެ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ.
ފެނަކައިން މިރޭ ކުރި ޓުވީޓެއްގައި ބުނީ، އުނގޫފާރުގެ ރައްޔިތުން 24 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެ އެ ކުންފުންޏާ މިއަދު ހަވާލުކޮށްފައިވާ ކަމަށާއި މިއީ ރަށްރަށުގައި ފެނަކައިން ދެމުން އަންނަ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ހިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް އުނގޫފާރު ރައްޔިތުން ނިންމި ނިންމުމެއް ކަމަށެވެ.
"އުނގޫފާރަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 800 ކިލޯވޮޓްގެ މުޅިން އާ ޖެނެރޭޓަރެއް މިހާރު ވަނީ ރަށަށް ގެންދެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށިފައި،" ފެނަކައިން ބުންޏެވެ.
އެ ރަސްމިއްޔާތުގައި އުނގޫފާރު އިންޖީނުގޭގެ 21 މުވައްޒަފުން ފެނަކަ ކޯޕަރޭޝަނަށް ބަދަލުކުރުމާ ގުޅިގެން އެ މުވައްޒަފުންނަށް ވަނީ ލިޔުން ވެސް ހަވާލުކޮށްފައެވެ. މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ.
ޚަބަރު
ޚަބަރު
ޚަބަރު