އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާއާއި ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިން ކަމުގެ ކުށުގެ ދައުވާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ހުނުމުން އިސް ގާޒީ އަހުމަދު ޝަކިީލް އެ ވަކީލުންނަށް އިންޒާރު ދެއްވައިފިއެވެ.
މިއަދުގެ އަޑުއެެހުމުގައި ހާޒިރުކޮށް ހެކިބަސް ނަގައިފައިވަނީ، ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅުއްވާފައިވާ މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެއެވެ.
ނަރީޝަށް ދިފާއުން ކުރި ސުވާލުތަކަށް ފަހު ކްރޮސްއެކްޒާމިން ކުރުމަށް ދައުލަތަށް ދިން ފުރުސަތުގައި ދައުލަތުގެ ވަކީލުން ތަކުރާރުކޮށް ދާއިރާއިން ބޭރުން ސުވާލުތައް އަމާޒުކުރާތީ އެކަމަށް ދިފާއުން ކުރި އިއުތިރާޒުތައް ބަލައިގަނެ ގާޒީ ޝަކީލް ވަނީ ދައުލަތުގެ ވަކީލުންނަށް ދާއިރާގެ ތެރެއިން ސުވާލުތައް ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ގާޒީ ޝަކީލް އެގޮތަށް ނަސޭހަތް ދެއްވި ފަހުންވެސް ދެތިން ފަހަރަކު ދައުލަތުން ވަނީ ދާއިރާއިން ބޭރު ސުވާލުތައް ފެންމަތިކުރައްވައިފައެވެ. އެކަމަށް ދިފާއީ ވަކީލު އާދަމް ސަމީމް އިއުތިރާޒުކުރައްވައި ވާހަކަދައްކަވަމުން ގެންދެވި ވަގުތުގައި ދައުލަތުގެ ވަކީލުން ކަމުގައިވާ އަހުމަދު ނައުފަލް އާއި ވަކީލު މަރިޔަމް ޝަހުމާ ވަނީ ހީނސަމާސާކުރައްވައިފައެވެ. އެކަމާ ގުޅިގެން ގާޒީ ޝަކީލް ވަނީ އެ ބޭފުޅުންނަށް އިންޒާރު ދެއްވައިފައެވެ.
"މިހާރު ދައުލަތުގެ ވަކީލުން މިއީ ހީނސަމާސާކުރަން ޖެހޭ މަޖިލީހެއް ނޫން. އެއް ބޭފުޅަކު އަނެއް ބޭފުޅަކު ކޮށްޓައި ހީނސަމާސާކުރާ މަޖިލީހެއް ނޫން. އެފަދަ ކަންކަން ކުރައްވާ ނަމަ ޝަރީއަތުން ޖެހޭނީ އެ ވަކީލަކާމެދު އަޅަން ޖެހޭ ފިޔަވަޅު އަޅާފައި ވަކީލު ޝަރީއަތުން އެވަގުތަކަށް ކުރަން ޖެހޭ ގޮތަކަށް ޝަރީއަތުން އަމަލުކުރަން. އެހެންވީމާ އެގޮތަށް އަމަލު ނުކުރައްވާނެ" ގާޒީ ޝަކީލް ވިދާޅުވިއެވެ.
ގާޒީ ޝަކީލް ވިދާޅުވީ، ޝަރީއަތަށް ޖެއްސުންކުރުމާއި އުނދަގޫ ކުރުމަކީ ވަކީލުންގެ ފަރާތުން އެއްވެސް ވަރަކަށް ފެނިގެންވާނެކަމެއް ނޫން ކަމަށެވެ. އެކަމަށް ޝަރީއަތުން ފުރުސަތު ނުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ގާޒީ ޝަކީލް އިތުރަށް ވިދާޅުވީ، ޝަރީއަތުގެ މަޖިލީހުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ފުރައްސާރަކުރުމަށްވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު