މިދިޔަ މާޗް މަހުގެ ތެރޭގައި އައްޑޫސީޓީގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި، އެކަމުގެ ޝިކާރައަކަށް ވި ކުއްޖާއަށް އިންސާފު ލިބިފައިވޭތޯ ބެލުމަށް، ކަމާބެހޭ ފަރާތްތައް ހާޒިރުކޮށްގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.
ޝަރަފުއްދީން ސްކޫލުގައި ކިޔަވަމުން އަންނަ އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށްބުނާ މައްސަލައިގައި، މާޗް މަހުގެ 25 ވަނަ ދުވަހު އައްޑޫ ސީޓީ ހިތަދޫން ހައްޔަރުކުރީ ޝަރަފުއްދީން ސްކޫލުގެ މަސައްކަތު މީހެއް ކަމަށްވާ އުމުރުން 59 އަހަރުގެ އައިމިނަތުދިޔެ އެވެ.
އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ތަހުގީގު ހިންގުމަށްފަހު، ދޫކޮށްލިއެވެ. އޭނާ ދޫކޮށްލީ އެ މައްސަލައިގައި ދައުވާ ނުކުރަން ނިނުމަށްފަހުއެވެ.
މިދިޔަ އޭޕްރީލްމަހު އޭނާ ދޫކޮށްލިކަން ހާމަކޮށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އުމުރުން ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި އާމިނަތުދިޔެގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ކަމަށެވެ. އެއީ އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނެތުމުން ކަމަަށްވެސް ބުނެފައިވެއެވެ.
"މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ވަޒަންކުރުމަށްފަހު، ޖިނާއީ ދައުވާއެއް ކޮށްގެން ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާކަމަށް ބަޔާންކޮށް މިއަދު ޕީޖީ އޮފީހުން މައްސަލަ ވަނީ އަނބުރާ ފޮނުއްވާލައިފައި،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ އަންހެންމީހާ ދޫކޮށްލުމާ ގުޅިގެން، އޭނާއަށް ކުރި ތުހުމަތުތަކާގުޅިގެން ވަޒީފާއިން ސަސްޕެންޑް ކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ. އެ މައްސަލަ ބެލުމަށްފަހު އޭނާ އަލުން ވަޒީފާއަށް ނެރުމަށް ސިިވިލްސާވިސް ކޮމިޝަންގެ މައްޗަށް އެ ޓްރައިބިއުނަލުން މިހާރު ވަނީ އަމުރު ކޮށްފައެވެ.
އެ މައްސަލަ ބެލުމަށް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް، ޖެންޑާ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޕްރޮސިކިއުޓާޖެނެރަލް އޮފީހާއި ސިވިލްސާވިސް ކޮމިޝަންގެ ބޭފުޅުން ހާޒިރު ކުރިއެވެ.
ކޮމިޓީ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ، އެ މައްސަލައިގައި ކަމާބެހޭ މުއައްސަސާތަކަށް ކޮމިޓީ މެންބަރުންގެ ސުވާލުތަކެއް އެބަހުރި ކަމަށެވެ. އެކުއްޖާއަށް އިންސާފު ލިބިފައިވޭތޯ، އާއި އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ނަމަ އެކަންކުރި މީހަކު ހޯދިފައިވޭތޯ، ކުރާ ސުވާލު ހާއްސަކޮށް ފާހަގަކޮށްލެވޭކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން އެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރާ ފަރާތް އަލުން ވަޒީފާއަށް ނެރެން އަމުރުކޮށްފައިވުމަކީވެސް އުފެދޭ ސުވާލެއްކަމަށް ޖީހާން ވިދާޅުވިއެވެ.
މި މައްސަލައަކީ ކުޑަކުއްޖެއްގެ ކަރާމާތާ ގުޅުންހުރި މައްސަލައަކަށްވާތީ ކޮމިޓީ ބައްދަލުވުން ސިއްރުކޮށްދިނުމަށް އެދި ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުންނެވެ. އެ ހުށަހެޅުމަށް ކޮމިޓީ މެންބަރުން އެއްބަސްވުމުން ކޮމެޓީ ބައްދަލުވުން ސިއްރުކުރަން މުގައްރިރު ނިންމެވިއެވެ.