ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލީ ނަމަވެސް އަދި ހުދު އެބޭފުޅާ ޖަލަށްލީ ނަމަވެސް ރިހެލިބިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް 51 އަހަރު ފުރުން ފާހަގަކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ރާއްޖޭގެ ޖަލުތަކުގެ ނިޒާމް އިސްލާހު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއްކަމަށާއި, އެވައުދުފުޅު ފުރިހަމަކޮށްދިނުމަށްޓަކައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ވޭތުވެދިޔަ 50 އަހަރު އެއް ސަރުކާރަކަށް ނުކުރެވޭ ގިނަ މަސައްކަތް މިސަރުކާރުން ކޮށްފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޖަލުތަކުގެ ހާލަތު ބަދަލުކުރަން ސަރުކާރުން ކުރާ އެންމެ މުހިއްމު ކަމަކީ ރިހިބިލިޓޭޓްކުރުން ކަމަށެވެ. ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިސަރުކާރު ހަވާލުވިއިރު ރާއްޖޭގެ ޖަލުތަކުގެ ރިހިބިލިޓޭޝަން ނިޒާމް އޮތީ ބޮޑުތަނުން ފުރިހަމަކޮށް ރަނގަޅުކުރަން ޖެހިފައިކަމަށެވެ.

ރިހެލިބިޓޭޝަން ޕްރޮގްރާމް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން މުޅިން އަލަށް ކަރެކްޝަންގެ އެހެން ކޮމާންޑްތަކާ އެއް ފެންވަރެއްގައި ރިހިބިލިޓޭޝަން ކޮމާންޑެއް އުފައްދައި ކަރެކްޝަންގެ އޮނިގަނޑުގެ ތެރޭގައި ހިމަނައި ބޭނުންވާނެ މުވައްޒަފުން ގޮންޖެހުންތަކާއެކުވެސް ހޯދާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންގެ އަމާޒަކީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ޖަލުގައި ތިބޭ ހުރިހާ ގައިދީންނަކީވެސް ރިހިބިލިޓޭޓް ވާންޖެހޭނެ މީހުންކަމުގައި ހެދުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަގީގަތުގައިވެސް އިމްރާން ޖަލަށް ލިޔަސް, ރައީސް ޔާމީން ޖަލަށް ލެވުނަސް ރިހިބިލިޓޭޓް ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ. އެއީ އެކަން އޮތް ގޮތް, އެތަނަށް ދަނީ ކޮންމެވެސް މައްސަލައެއް ހައްލުކުރަންވެގެން" މިނިސްޓަރު ވިދާޅުވިއެވެ.

ރިހިބިލިޓޭޝަން މަސައްކަތުގެ އެންމެ ބޮޑު ގޮންޖެހުމަކީ އަދި ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ ރިހިބިލިޓޭޝަންގެ މަސައްކަތަށް އަހުލުވެރިވެފައި ތިބި އޮފިސަރުން އުފެއްދުންކަމަށާއި, އެކަމަށް ވަރަށްބޮޑު އިސްކަމެއްދެއްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމަށް ދައުލަތުން ވަރަށްބޮޑު ހޭދައެއް ކޮށް, މަގުފަހިކޮށްދޭން ޖެހޭކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ގައިދީން ބެލެހެއްޓޭވަރަށް އެކަށީގެންވާ މިންވަރަށް އޮފިސަރުން ނެތުމަކީ ގޮންޖެހުމެއް ކަމަށެވެ. އަދި ޖަލުތަކުގެ ޖާގައިގެ ދަތިކަންވެސް އެބައޮތް ކަމަށާއި ނަމަވެސް ހުޅުމާލޭ ޖަލު ކޮމްޕްލެކްސް ފުރިހަމަވުމުން އެ މައްސަލައެއް ހައްލެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.