ޚަބަރު

މަނަދޫ ބަނދަރުގެ ނެރު ފުން ކުރުމު މަޝްރޫއުގެ މަސައްކަތުގެ އަޕްޑޭޓް ދީފި

މުހައްމަދު އިޝާން

ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ އަޕްޑޭޓް ދީފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، މަަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ މަސައްކަތުގެ 46 ޕަސެންޓް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ.

މިހާރު ކުރިއަށްދަނީ މަނަދޫ ޖެޓީ ހެދުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ.

މަނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 29,038 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 195 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 188 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ކޮންކްރީޓް ބްރިޖެއް އެޅުމާއި ރޭމްޕެއް ހެދުމުގެ އިތުރުން ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

ޕްލޭނިން މިނިސްޓްރީން މަނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 32.1 މިލިއަން ރުފިޔާއަށް 300 ދުވަހުން ނިންމާ ގޮތަށެވެ.