ބަސް ރޫޓަށް އުނދަގޫވާ ގޮތަށް، ޕާކުކުރުން މަނާ ކޮށްފައިވާ ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކާ ޖެހުމުގެ އިތުރުން ޓޯ ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމާއެކު ބައެއް ސަރަހައްދުތަކުގައި ޕާކުކުރުން ވަނީ މަނާކޮށްފައެވެ. އެގޮތުން މަޖީދީ މަގާއި އަމީނީ މަގު ހިމެނެއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ފެށުމާއެކު މާލޭގެ ބައެއް މަގުތަކުގައި އުޅަނދު ޕާކުކުރުން މަނާކޮށް، ޕާކުކުރުމުގެ އިންތިޒާމުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ބަސް ރޫޓަށް އުނދަގޫވާ ގޮތަށް ޕާކުކުރުން މަނާކޮށްފައިވާ ސަރަހައްދުތަކުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކާ ޖެހުމުގެ އިތުރުން، ޓޯ ކުރަންޖެހޭ ހާލަތްތަކުގައި ޓޯ ކުރާނެ ކަމަށް ވިދާޅުވިއެވެ.

މާލޭގައި މިނީ ބަސް ދަތުރުކުރާނެ ތިން ރޫޓެއް ވަނީ ކަނޑައަޅައިފައެވެ. އެ ރޫޓުތަކުގައި ޖުމުލަ 40 ބަސް ސްޓޮޕެއް ވަނީ ހަދައިފައެވެ.