ކުރިން ޗެލްސީއަށް ކުޅުނު ސްޕެއިންގެ ފޯވަޑް ޑިއޭގޯ ކޯސްޓާ ޕްރިމިއާ ލީގުގެ ކްލަބު ވުލްވްސްގެ ޓްރައިލްއަކަށް ތައްޔާރުވެއްޖެއެވެ.
ވުލްވްސްއިން ފޯވަޑެއް ހޯދަން މަސައްކަތް ކުރަމުން އަންނަނީ އެ ޓީމުގެ ކުރިއަށް ކުޅޭ ސާސާ ކަލަޖިކާއި ރައުލް ހިމަނޭޒްއަށްވެސް އަނިޔާވެ، އެތަން ފޫބެއްދުމަށެވެ. ޓްރާންސްފާ މާކެޓް ބައްދުވެފައި އޮތުމާއެކު މިވަގުތު ވުލްވްސްއަށް ފޯވަޑެއް ހޯދުމަށް އޮތް މަގަކީ ހިލޭ ޓްރާންސްފާއެއްގައި، އެއްބަސްވުމެއްގައި ނެތް ކުޅުންތެރިޔަކު ހޯދުމެވެ.
އުމުރުން 33 އަހަރުގެ ކޯސްޓާ މިދިޔަ ޖެނުއަރީ މަހު ބްރެޒިލްގެ އެތުލެޓިކޯ މިނޭރޯ ދޫކޮށްލިފަހުން އަދި އެހެން ކްލަބަކަށް ކުޅެފައެއް ނުވެއެވެ. ކުރިން އެތުލެޓިކޯ މެޑްރިޑަށްވެސް ކުޅުނު ކޯސްޓާ ވަނީ 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ދެމެދު ޗެލްސީގައި ވިދާލައިފައެވެ. އޭނާ ޗެލްސީއާއެކު ޕްރިމިއާ ލީގުވެސް ކާމިޔާބު ކޮށްފައިވާ އިރު، ކްލަބު ދޫކޮށްލީ އޭރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ ދެބަސްވުންތަކެއް އުފެދިގެންނެވެ.
ވުލްވްސްއަށް ފޯވަޑުންގެ މައްސަލަތައް ބޮޑުވެފައި ވަނީ އަނިޔާތަކުގެ ސަބަބުންނެވެ. އެގޮތުން އަލަށް ގެންދިޔަ އޮސްޓްރިއާގެ ސާސާގެ ކަކުލަށް ލިގަމެންޓް އަނިޔާއެއް ދިމާވެފައިވާ އިރު، މެކްސިކޯގެ ފޯވަޑް ހިމަނޭޒްއަށް ދިމާވެފައި ވަނީ ގްރޮއިން އަނިޔާއެކެވެ. ސާސާގެ ކަކޫ މާދަމާ އިތުރު ސްޕެޝަލިސްޓަކަށް ދެއްކުމަށް ވުލްވްސްއިން ނިންމާފައިވާ އިރު، ބެލެވޭ ގޮތުގައި އޭނާ ދާން ޖެހޭނީ ސާޖަރީއަކަށެވެ.
ވުލްވްސްއިން ގެންދަން މަސައްކަތް ކުރާ ފޯވަޑް ކޯސްޓާ ވަނީ ޗެލްސީއަށް ޕްރިމިއާ ލީގުގައި ކުޅުނު 120 މެޗުން 59 ގޯލު ޖަހައިދީފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު