މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މަޝްރޫއުގެ ދަށުން މާލޭގައި މިއަދު ފެށި މިނީ ބަހުގެ ހިދުމަތް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް ވެގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ދަށުން މިނީ ބަހުގެ ހިދުމަތް ފެށިގެން ދިޔުމަކީ ނިޒާމު ފުރިހަމަ ކުރުމުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.

"ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް މިހުދުމަތްވެ، އިތުރަށް ތަރައްގީވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މާލޭގައި މީގެ ކުރިން 2011 ވަނަ އަހަރުވެސް މިނީ ބަހުގެ ހިދުމަތް ދިނެވެ. ނަމަވެސް އަހަރެއްހާ ދުވަސް ނުވަނީސް ބަހުގެ ހިދުމަތް ވަނީ ހުއްޓާލައިފައެވެ.

އެމްޓީސީސީން މިއަދު ހެނދުނު 5:45ގައި ބަހުގެ ހިދުމަތް ފަށާފައިވާއިރު، އެންމެ ފުރަތަމަ ބަހުގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމާއި މޯލްޑިވިއަންގެ ޑީއެމްޑީ ޖެނިފާ އާދަމް ވަނީ ދަތުރުކުރައްވައިފައެވެ.

މާލޭގައި މިނީ ބަސް ދަތުރުކުރާނެ ތިން ރޫޓެއް އެމްޓީސީސީން ވަނީ ކަނޑައަޅާފައިވާ އިރު، ޖުމުލަ 40 ބަސް ސްޓޮޕެއް ހުންނާނެއެވެ.

މިނީ ބަހުގެ ޓިކެޓުގެ އަގަކަށް ސަރުކާރުން ކަނޑައަޅާފައިވަނީ ހަތް ރުފިޔާއެވެ. ނަމަވެސް މިއަދުން ފެށިގެން ދެ ހަފުތާ ވަންދެން ހުރިހާ ފަރާތްތަކަށްވެސް ހިލޭ ދަތުރުކުރެވޭނެއެވެ. އޭގެ ފަހުންވެސް އުމުރުން ދުވަސްވީ މީހުންނާއި ތިން އަހަރު ނުވާ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ޔުނިފޯމުގައި ތިބޭ ސްކޫލު ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ.

މާލޭގައި ބޭނުންކުރަން ހަމަޖެހިފައި ވަނީ 18 ބަހެކެވެ. އޭގެ ތެރެއިން އަށް ބަސް ހާއްސަކޮށްފައި ވަނީ ހާއްސައެހީއަށް ބޭނުންވާ މީހުންނަށެވެ.