ރިޕޯޓް

30 ރުފިޔާއިން 7 ރުފިޔާއަށް، ޒަމާނީ މިނީ ބަހުގެ ހިދުމަތާއެކު މާލެ ސިޓީގެ ދަތުރުތަކަށް އިންގިލާބެއް

މުހައްމަދު ޖަމްޝަތް ވަހީދު

ތޮއްޖެހިފައިވާ މާލޭގައި ދަތުރުފަތުރުކުރުމުގައި ހުރި ދަތިތަކަށް ޕަބްލިކް ޓްރާންސްޕޯޓިން ނިޒާމެއް ކޮންމެހެން ބޭނުންވެއެވެ. ވާރޭވެހޭ ދުވަހެއް ނަމަ މަގުމަތިން ޓެކްސީއެއް ލިބޭނީ މަދުފަހަރެއްގަ އެވެ. ސެންޓަރަކަށް ގުޅަން ކުރާ މަސައްކަތްވެސް އެތަނުގެ ފޯނު ލައިން ބިޒީ ވެގެން ގޮސް ވަނީ ބޭކާރެވެ. ގިނަ ފަހަރު އޮންނާނީވެސް ފޯނު އަތްގަނޑު ނަގައި ބާއްވާފައެވެ. އެތައް އިރެއް ވަންދެން އަތް ހޫރައިގެން ޓެކްސީއެއް ލިބޭ އިރު ހުންނަނީ އޮފީހަށް ދާންޖެހޭ ގަޑި ކަޓާފައެވެ. ނޫނީ ޑޮކްޓަރަށް ދައްކަން ނެގި ނަންބަރު ކަޓާފައެވެ.

މިފަދަ އެތައް ދަތި ތަކެއްގެ ތެރެއިން އާއްމުން ނެރެ ފަސޭހަކަމާއެކު ދަތުރުފަތުރުކުރެވޭނެ ނިޒާމެއް ސަރުކާރުންއިއްޔެ މިވަނީ ގާއިމުކޮށްދީފައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މަޝްރޫއަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ. ރައީސްގެ އެ ވައުދުފުޅުގެ ދަށުން އެމްޓީސީސީން މިވަނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށައިފައެވެ.

އެމްޓީސީސީން އިއްޔެ ހެނދުނު 5:45ގައި ބަހުގެ ހިދުމަތް ފަށާފައިވާއިރު އެންމެ ފުރަތަމަ ބަހުގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމާއި އެކުންފުނީގެ ސީނިއާ ބޭފުޅުންގެ އިތުރުން މޯލްޑިވިއަންގެ ޑީއެމްޑީ ޖެނިފާ އާދަމް ވަނީ ދަތުރުކުރައްވައިފައެވެ.

އެމްޓީސީސީން ވަނީ ރާއްޖޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް އެއާކޮންޑިޝަން ކޮށްފައި ހުންނަ 41 ބަސް ގެނެސްފައެވެ. އޭގެ ތެރެއިން މާލޭގައި 18 ބަހެއް ދުއްވާން ހަމަޖެހިފައިވާއިރު ބައެއް ބަހަކީ ފުރޮޅުލީ ގޮނޑީގައި ވެސް ފަސޭހަ ކަމާއެކު އެރޭނެ ގޮތަށް ހުންނަ ބަސްތަކެވެ. މިފަދަ ބަސްތަކުގައި 20 މީހުންގެ ޖާގައިގެ އިތުރުން ކޮޅަށް ތިބެ 10 މީހުންނަށް ދަތުރުކުރެވޭނެ އެވެ. އަދި ވީލްޗެއާ ނޭރުވޭ ބަސްތަކުގައި 22 މީހުންނަށް އިށީނދެ ތިބެގެން އަދި 10 މީހުންނަށް ކޮޅަށް ތިބެ ދަތުރުކުރެވޭނެ އެވެ. މާލޭގައި މިނީ ބަސް ދަތުރުކުރާނެ ތިން ރޫޓެއް އެމްޓީސީސީން ކަނޑައަޅާފައިވާ އިރު، ޖުމުލަ 40 ބަސް ސްޓޮޕެއް ހުންނާނެއެވެ.

މިނީ ބަހުގެ ހިދުަމަތް އާއްމުންނަށް ހުޅުވާލައިގެން މާލޭގައި ފަށާފައިވާއިރު އެ ބަހުގައި ދަތުރުކޮށްލަން ވެސް ވަރަށް ހިތްގައިމެވެ. ބަހަށް އެރުމުން ހަނދާންވީ މީގެ 12 އަހަރުކުރިން ސަރުކާރުން މާލޭގައި ދޭން ފެށި ބަހުގެ ހިދުމަތުގައި ބޭނުންކުރި ބަސްތަކުގެ މަތިންނެވެ. އެ ބަސްތަކާއި އެމްޓީސީސީން މިހާރު ބޭނުންކުރާ ބަހުގެ ހުރި ފަރަގެވެ.

މާލެ ސިޓީކައުންސިލުން އެމްވީކޭއާ ހަވާލުކޮށްގެން ޖޫން 2011 ވަނަ އަހަރު ދޭން ފެށި ބަހުގެ ހިދުމަތުގައި ބޭނުންކުރީ 10 ބަހެވެ. އޭސީއެއް ނުހުރެއެވެ. ފިނިކުރަން ބޭނުން ނަމަ ޖެހެނީ ކުޑަދޮރުގެ ބިއްލޫރިގަނޑު ކަހާލައިގެން އިންނާށެވެ. ވާރޭ ވެހޭ ދުވަހެއް ނަމަ ހޫނުވިޔަސް ދެންހަދާނެ އިތުރުގޮތެއް ނޯވެއެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިންނަ ބަލިމީހަކު އެއަކަށް ނުވެސް އެރުވެއެވެ. ނަމަވެސް އެމްޓީސީސީން މި ގެނައީ މާލޭގެ އެއްގަމުދަތުރުތަކަށް ބޮޑު ބަދަލެކެވެ.

ދަތުރަކަށް ފަސް ރުފިޔާ ނަގާ ގޮތަށް އޭރު ސިޓީ ކައުންސިލުން ފެށި އެ ދަތުރުތައް އޮންނަނީ ހެނދުނު ހަޔަކުން ރޭގަނޑު ބާރަޔަށް މާލޭގެ ދެ ރޫޓަކުންނެވެ. ޓްރެފިކް ފްލޯއަށް މާބޮޑު ބަދަލެއް ނުގެނެސް ފެއްޓި އެ ހިދުމަތް އެންމެ ފަހުން "ފްލޮޕްވެގެން" ހުއްޓާލީއެެވެ.

ނަމަވެސް މިއަދު ބަހަށް އެރުމުން މުޅިންވެސް އިވެމުން ދިޔައީ މި ހިދުމަތަށް އާއްމުންގެ ތައުރީފާއި ތަރުހީބުގެ އަޑެވެ. ބަހަށް އަރާ ކޮންމެ ޕަސިންޖަރަކުވެސް ތިބީ މި ހިދުމަތާ ވަރަށް ގަޔާވެފައެވެ. އެއާކޮންޑިޝަނުގައި އަރާމުކޮށް ތިބެގެން ދަތުރުކުރަމުން ދިޔަ ގިނަ ޕަސިންޖަރުން ބުނަމުންދިޔައީ މިއީ އާއްމުންނަށް ލިބިގެންދާ ބޮޑު ފަސޭހައެއް ކަމަށެވެ. އަނެއްބައި ޕަސިންޖަރުން ބުނިގޮތުގައި މިފަދަ ހިދުމަތެއް ރާއްޖޭގައި ފަށަން މާބޮޑަށްވެސް ލަސްވެއްޖެއެވެ.

"މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް. އެންމެންނަކީ ސައިކަލާއި ކާރު އެފޯޑު ކުރެވޭނެ ބައެއް ނޫން. ކުރިން ސްކޫލު ދޮށަށް ދާން ޖެހެނީ މުޅިންވެސް ހިނގާފަ. އެކަމަށް ނިމުމެއް މިއައީ. ވަގުތުވެސް ސަލާމަތް ކުރެވޭ" ސްކޫލު ދަރިވަރަކާ އެކު ދަތުރުކުރަމުން ދިޔަ ބެލެނިވެރިޔަކު ބުންޏެވެ.

މިނީ ބަސްދަތުރެއްގެ ޓިކެޓެއްގެ އަގަކީ ހަތްރުފިޔާއެވެ. ސަރުކާރުން ކަނޑައެޅި އެ އަގާ މެދު ހިތް ހަމަނުޖެހި އެކަމަށް އާއްމުންގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. ނަމަވެސް މިއަދު ބަސް ދަތުރު ތަކުން ދިމާވެ ވާހަކަދައްކާލެވުނު ހުރިހާ ޕަސިންޖަރުންވެސް ގަބޫލުކުރީ މި ހިދުމަތަށް ހަތް ރުފިޔާ އެއީ ރަނގަޅު އަގެއް ކަމަށެވެ. ޕަސިންޖަރަކު ބުނި ގޮތުގައި ހިދުމަތެއް ދެވޭނީ އެކަށޭނެ އަގެއް ނަގައިގެން ކަން އެންމެންވެސް ގަބޫލުކުރަން ޖެހޭނެއެވެ.

"މި އަގު ހަމަ ރަނގަޅު، ކޮންމެ ފަހަރަކު 30ރ ދީފަ ދަތުރު ކުރާނެހާ ތަނަވަހެން ނުވާނެ އެންމެނެއް. އަނެއްކާ މި ހިދުމަތް އެދެވޭ ގޮތެއްގައި ކުރިއަށްދާނީ އަގެއްވެސް ނަގައިގެން. މާލެތެރެއިން ދާން ބޭނުންވާ ކޮންމެ ތަނަކަށް ހަތް ރުފިޔާއިން ދެވުމަކީ މިކަމަށް އެކަށޭ އަގެއް" ޕަސިންޖަރަކު ބުންޏެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް އާއްމުންނަށް ހުޅުވާލައިގެން ފަށާފައިވާއިރު ހިދުމަތުގެ އަޖުމަ ބެލުމަށް ބަހަށް އެރި ޕަސިންޖަރުން ވެސް މަދެއް ނޫނެވެ. އިއްޔެއިން ފެށިގެން ދެ ހަފުތާއަށް މިނީ ބަހުގެ ހިދުމަތް އެމްޓީސީސީން ދެމުން ގެންދާނީ ހިލެއެވެ. އެއީ އާއްމުން މި ހިދުމަތަށް އަހުލުވެރި ކުރުވުމަށެވެ. އޭގެ ފަހުންވެސް އުމުރުން ދުވަސްވީ މީހުންނާއި ތިން އަހަރު ނުވާ ކުޑަކުދިންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ޔުނިފޯމުގައި ތިބޭ ސްކޫލު ދަރިވަރުންނަށް ވެސް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އަތޮޅުތެރޭގައި މިނީ ބަހުގެ ހިދުމަތް ކުރިން ފެށި ނަމަވެސް ތޮއްޖެހިފައިވާ މާލޭގައި ބަހުގެ ހިދުމަތް ފެށުމަށް ސަރުކާރުން ވަރަށް ބޮޑު ޕްލޭނެއް ކުރަންޖެހުނެވެ. މާލޭގެ ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނެވެ. އެންމެ ބާރުބޮޑު މަގުތަކުގައި ޕާކު ކުރެވޭ ތަންތަން މަދުކޮށް ބައެއް މަގުތަކުގައި އެއްގޮތަކަށްވެސް ޕާކު ނުކުރެވޭ ގޮތް ހަދައި ވެހިކަލް ޕާކުކޮށް ހަދާނެ އިތުރު ތަންތަން ހަދަން ޖެހުނެވެ. ހުރިހާވެސް މަގުސަދަކީ މަގުތަކުގައި ޓްރެފިކް ބާރުބޮޑު ނުވާނެ އިންތިޒާމެއް ގާއިމުކޮށް އެންމެނަށްވެސް ފަސޭހަވާނެ ގޮތަކަށް މި ހިދުމަށް ދިނުމެވެ.

ނަމަވެސް ހިތާމަކުރަންޖެހޭ އެއްކަމަކީ މަގުމަތި ބޭނުންކުރާ ފަރާތްތަކުން މިކަމަށް ލިބެން ޖެހޭ އެއްބާރުލުން އެންމެ އެކަށޭނެ ގޮތަކަށް ދެމުން އަންނަތަން ނުފެނުމެވެ. ބަސް ދަތުރުކުރާ މަގުތަކުގައި ޕާކު ކުރުން އަދި ވެހިކަލް މަޑުކޮށްލައިގެން ނޯވެވޭ ޒޯނުތަކުގައިވެސް އެއްވެސް ފަރުވާލެއް ނެތި ޕާކު ކޮށްފައި ހުރުމެވެ. ބަސްޑްރައިވަރުންނާއި ގިނަ ޕަސިންޖަރުންގެ ކަންބޮޑުވުމަކީވެސް އެއީއެވެ. ބަސް ޑްރައިވަރުން ބުނާގޮތުން މި ހިދުމަތް ދިނުމުގައި މިހާތަނަށް ދިމާވާ ހަމައެކަނި ދައްޗަކީވެސް އެއީއެެވެ.

ބަސް ދަތުރުކުރަން ފެށުމުން މާލޭގެ ޓްރެފިކް ބާރުބޮޑުވާނެ ކަމަށް އެއްބަޔަކު ބުނަމުން ދިޔަ ނަމަވެސް އެމްޓީސީސީގެ ސީއޯއޯ އާދަމް އާޒިމްގެ ހިޔާލު އެކަމާ ތަފާތެވެ. ކާރެއްގައި އެއްފަހަރާ ހަތަރު މީހުން އުފުލޭ އިރު 20 މީހުން ދަތުރު ކުރުމަށް ފަސް ކާރު ބޭނުންވާނެއެވެ. މިނީ ބަހުގެ ހިދުމަތާ ބެހޭގޮތުން ރާއްޖޭޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގެ އިންޓަވިއުއެއްގައި އާޒިމް ވިދާޅުވި ގޮތުގައި އެ ފަސް ކާރުގެ ބަދަލުގައި ބަސް ދަތުރެއްގައި 30 މީހުން އުފުލޭއިރު ބަހުގެ ހިދުމަތް ބޭނުންކުރާ ނަމަ އެ ފަސް ކާރު އެއްފަހަރާ މަގުމަތީގައި ދުއްވާކަށް ނުޖެހޭނެ އެވެ. އެހެން ވެއްޖެ ނަމަ މަގުމައްޗަށް ވަރަށް ބޮޑު ލުއިކަމެއް ލިބި މަގުމައްޗަކީ ހިތްފަސޭހަ ތަނަކަށް ބަދަލުވެގެންދާނެ އެވެ.

ބަސް ދަތުރުތަކާ އެކު މާލޭގެ ޓްރެފިކަށް ބާރުބޮޑުވުމަކީ ހައްލު ނުކުރެވޭވަރުގެ ކަމެއް ނޫނެވެ. ކުރަން އޮތީ ވަރަށް ކުޑަ ކަމެކެވެ. އެއީ މަގުމަތީގެ ގަވާއިދުތަކަށް އެންމެން ބޯލަނބައި އެއާ އެއްގޮތަށް އަމަލުކުރަން ފެށުމެވެ. ބަސް ދަތުރުކުރާ ބޮޑެތި މަގުތަކުގައި ޕާކު ކުރުން މަނާކުރީ މާލޭގައި ޓްރިފިކް ތޮއްޖެހުނަ ނުދޭންކަން ދަނެ އެތަންތަނުގައި ޕާކު ކުރުން ހުއްޓާލުމެވެ. ހަމަ އެހެންމެ، ބަސް ދަތުރުތަކަކީ އާއްމުންގެ ޖީބަށް ލުއިކޮށް ހިތްފަސޭހަކޮށް ދަތުރުފަތުރު ކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއެއްކަންވެސް ދަނެގަތުމެވެ. އެކަމުގައިވެސް އޮތީ އާއްމުންގެ މަސްލަހަތުކަން ދަނެގަތުމެވެ. ކޮންމެ ބަޔަކުވެސް އެބައެއްގެ ފަރުދީ ޒިންމާ އަދާ ކުރުމެވެ. މާލެފަދަ ކުޑަކުޑަ ކެޕިޓަލް ސިޓީއެއްގައި މި ފެށި ޒަމާނީ ހިދުމަތުން ގިނަ ބަޔަކަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. 25 ރުފިޔާއިން ހަތް ރުފިޔާއަށް ދަތުރު އަގު ތިރިވާނެ އެވެ.