ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާއާއި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި ޔާމީންގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މިއަދު ހެނދުނު 9:30 އަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު ނަޖީބް މިއަދު "ވަން" އަށް ވިދާޅުވީ، ޔާމީންގެ އަޑުއެހުން ކެންސަލްކޮށްފައި ވަނީ ޝަރީއަތް ކުރިއަށްގެންދަން ހަމަޖައްސާފައިވާ ކޯޓުރޫމަށް ފެން ފައިބަމުންދާތީ ކަމަށެވެ.
"މިހާރުވެސް ދަނީ ފެންފައިބަމުން. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން،" އަމާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި މައްސަލައިގެ އަޑުއެހުމެއް މާދަމާއާއި އޭގެ އަނެއް ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ. އަދި ޗުއްޓީގައި ހުންނެވި އިސް ގާޒީ އަހުމަދު ޝަކީލް ޑިއުޓީއަށް ނުކުންނަވަން ފައްޓަވާފައިވާ ކަމަށް ވިދާޅުވިއެވެ.
އާރަށު މައްސަލައިގައި މިދިޔަ މަހުގެ 30 ވަނަ ދުވަހުވެސް އަޑުއެހުމެއް ބާއްވަން ނިންމިއެވެ. ނަމަވެސް އެ މައްސަލަ ބައްލަަވާ އިސް ގާޒީ އަހުމަދު ސަކީލް ޗުއްޓީގައި ހުންނެވުމުން އެ އަޑުއެހުން ތާވަލުކޮށްފައެއް ނުވެއެވެ.
އާރަށު މައްސަލައިގައި މިހާރު ކުރިއަށްގެންދަނީ ދައުލަތުގެ ހެކިވެރީންގެ ހެކިބަސް ނެގުމެވެ. އެގޮތުން އެ މައްސަލައިގައި ދެން އޮންނާނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތުގެ ހެކިބަސް ނެގުމެވެ.
ޔާމީނަށް ކުރާ ދައުވާގައިވާ ގޮތުން އާރަށް، ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި 13 އޯގަސްޓު 2015 ގައި އެ މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުންކުރައްވައިގެން ކަމަށް ދައުލަތުން ބުނެފައިވެއެވެ.
ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރުސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015ގައި ކަމަށާއި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައިފައިވާ ކަމަށާއި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރު 2015ގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި 13 ސެޕްޓެމްބަރު 2015ގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރު 2015ގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާ އެހެން ފައިސާތަކަކާ އެއްކުރައްވައިގެން ޔާމީން މަނީ ލޯންޑާކުރައްވާފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު