ޚަބަރު

ޕްލެޓްފޯމުން ފަރަށް އެޅުނު ތަކެތި ނަގައިފިން: އެފްކޮންސް

މުހައްމަދު އިޝާން

މާލެ އާއި ވިލިމާލެ ގުޅުވާލުމަށް އަޅާ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އެރި ސެލްފު އެލިވޭޓިން ޕްލެޓްފޯމް (އެސްއީޕީ)ގެ ބައިތައް ފަރުން ނަގާފައިވާ ކަމަށް ބުރިޖުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނެފިއެވެ.

އެފްކޮންސްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފަރަށް އެރި ޕްލެޓްފޯމުގެ ބައިތައް ނެގުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައި ކަމަށެވެ. އަދި މިއަދު ޕްލެޓްފޯމުގެ ހުރިހާ ބައިތަކެއް ނަގާފައިވާނެ ކަމަށެވެ.

"މޫސުން ގޯސްވިޔަސް މި އޮޕަރޭޝަންގެ މަސައްކަތް ވަނީ ކާމިޔާބުވެފައި،" އެފްކޮންސްއިން ބުންޏެވެ.

ފަރުމަތިން ޕްލެޓްފޯމުގެ ބައިތައް ނެގުމަށް އެންމެ އެކަށީގެންވާ މެޝިނަރީސް ބޭނުން ކޮށްފައިވާނެ ކަމަށާއި ދެން ކުރިއަށް ދާނީ އެންވަަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ އެކު ހަދާ ޖޮއިންޓް ސާވޭއެއް ކަމަށް އެފްކޮންސް އިން ބުންޏެވެ.

އެ ސާވޭއަކީ ފަރަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ ގޮތުން ކުރާ ސާވާއެއް ކަމަށް އެފްކޮންސްއިން ބުންޏެވެ.

މިދިޔަ މަހުގެ 16 ގައި ވިލިމާލެ ފަރަށް އެ ޕްލެޓްފޯމް އެރީ މޫސުން ގޯސްވެ އޭގެ ނަގިލި ކަނޑައިގެން ގޮސްގެން އެރޭ 2:45 އެހާކަންހާއިރުއެވެ. ޕްލެޓްފޯމް ފަރަށް އަރާފައިވަނިކޮށް ފެނިފައިވަނީ މެރިން ޕޮލިހަށެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެ، ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާ ވެސް ދިނެވެ.

ބުރިޖުގެ ޕްލެޓްފޯމު ފުން ކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. ޕްލެޓްފޯމް ފުންކުރަން 12 ދުވަސް ނެގި އިރު، ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން އެ ސަރަހައްދަށް ވަމުންދިޔަ ގެއްލުމާމެދު ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.