ސ. ހިތަދޫ/ ވަރުދީގޭ، އަހުސަން ބަޝީރުގެ ކަރަށް ހަމަލާދީ މަރާލި މައްސަލައިގައި ގ. ކޯޒީ/ އިބްރާހިމް ޝަހުމް އާދަމަށް ހައިކޯޓުން އިއްވި މަރުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅިޔަސް، އެ މައްސަލަ އެ ކޯޓުން އަދި ބަލައިގެންފައެއް ނުވެއެވެ. ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހުށަހެޅީ ކުށްވެރިޔާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ނުކުރުމުންނެވެ.

ދެހާސް އެގާރަ ވަނަ އަހަރުގެ އޭޕްރީލް މަހު މަޖިދީ މަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުގައި ބަޝީރުގެ ކަރަށް ހަމަލާދީ މަރާލި މައްސަލައިގައި ޝަހުމަށް ހައިކޯޓުން މަރުގެ ހުކުމްކުރީ ހުސްވި 2021 ވަނަ އަހަރުގެ އޮކްޓޯބަރުގެ ތެރޭގައެވެ.

އެ މައްސަލައިގައި އަހުސަން މަރާލުމުގައި ބައިވެރިވި މއ. ވީނަސްތަރި/ ހަސަން ޝިމާޒަށް އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ.

ކުރިމިނަލް ކޯޓުން 2014 ވަނަ އަހަރު އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފައެވެ. އެގޮތަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އަހުސަނަށް ހަމަލާދިން މަންޒަރު ފެނުނު ދެ މީހުންގެ ހެކިބަސް ލިބިފައިނުވާތީއެވެ.

އެ ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ އަހުސަން މަރު މަތީގައި ބުނި ބަހަކީ "ވަޅި ޖެހީ ޝަހުމް އެންސީ ޖަރުމަނު" ކަމަށެވެ.

އަހުސަނަކީ އަދުލުވެރިކަން ގެއްލިފައި ނުވާ މީހަކަށްވާތީ މަރުމަތީ ބުނި ބަސް ކޯޓުން ބަލައިގަންނަން ޖެހޭނެ ކަމަށާއި އަހުސަނަށް ހަމަލާ ދިން ތަން ފެނުނު ކަމަށް އިތުރު ހެއްކަކު ބުނެފައިވާ ކަމަށްވެސް ދައުލަތުން ބުންޏެވެ.

ދައުލަތުން އިތުރަށް ބުނީ، ދެ ފިރިހެނުންގެ ހެކިބަސް ނެތަސް، އެހެން ހެކިތަކާއި ގަރީނާތަކުން ގަސްދު މަރެއް ސާބިތު ކުރެވިދާނެ ކަމަށެވެ. އަދި އެގޮތަށް ހައިކޯޓުން ކުރިން މައްސަލަތައް ނިންމާފައި ހުރިކަން ދައުލަތުން ފާހަގަކުރިއެވެ. ދައުލަތުން އެދުނީ ޝަހުމާއި ޝިމާޒުގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް ދިނުމަށެވެ.

އެ އަޑުއެހުމުގައި ޝަހުމްގެ މައްޗަށް ގަސްދުގައި މީހަކު މަރާލިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅިއެވެ. އަދި ޝިމާޒުގެ މައްޗަށް މީހަކު މަރާލުމުގައި އެހީތެރިވިކަމުގެ ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ. އެގޮތަށް ކަނޑައެޅީ ޑައިން ޑިކްލެރޭޝަން ގަބޫލު ކުރެވޭނެ ކަމަށް ހައިކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާތީއާއި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމުން ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާތީއެވެ.

ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށްފަހު ދެން ވަނީ އަހުސަންގެ ވާރިސުންގެ ބަސް ހޯދައިފައެވެ. ހުރިހާ ވާރިސުންވެސް ބޭނުންވީ މަރަށް މަރު ހިފުމަށެވެ.