ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް މެޑްރިޑުން ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.
ލަލީގާގެ އެންމެފަހުގެ ޗެމްޕިއަން ރެއާލްއިން ރޭ ކުޅުނު މެޗުގައި ރެއާލް ބެޓިސް ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. މި ހިނގާދިޔަ ޓްރާންސްފާ ސީޒަނުގައި އެންމެ ހަލަބޮލިކޮށް ފެނުނު ބާސާއިން ރޭ ސެވިއްޔާ ކައިރީ ރަށުން ބޭރުގައި މޮޅުވީ 3-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ބާސާއިން ނިމިދިޔަ ޓްރާންސްފާ ސީޒަނުގައި ވަރުގަދަ ޓްރާންސްފާތަކެއް ކޮށްފައިވާ އިރު، ޑެޑްލައިން ޑޭގައިވެސް ޗެލްސީން މާކަސް އެލޯންސޯ ގެންގޮސްފައިވެއެވެ. އެލޯންސޯ އަދި ޓީމު ރަޖިސްޓްރޭޝަން ފުރިހަމަ ކޮށްފައި ނުވާއިރު، އެ ޑީލަކީ ޗެލްސީއަށް ފޯވަޑް ޕިއޭ އެމްރިކް އަބަމަޔާން ވިއްކާލުމުގެ ތެރެއިން ފުރިހަމަކުރި ސްވެޕް ޑީލެކެވެ.
މިހާތަނަށް ލީގުގައި ކުޅެމުން އައި ހުރިހާ މެޗަކުންވެސް މޮޅުވެފައި އޮތް ރެއާލްއިން ރޭ ހޯދި މޮޅާއެކު އެ ޓީމުން އެއްވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓާ އެކުގައެވެ. ބާސާއަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައި އޮތް އިރު، އެ ޓީމަށް ޕޮއިންޓް ގެއްލުނީ ފުރަތަމަ މެޗުގައި ރަޔޯ ވެލެކާނޯ ކައިރިން އެއްވަރުވެގެން އެކަންޏެވެ.
ރެއާލްއިން ރޭ ކުޅުނު މެޗުގައި ބެޓިސް ކައިރީ ޑޮމިނޭޓްކޮށް ކުޅުނު އިރު، ޓީމުގެ މެދުތެރެއިން ޒުވާން ދެތަރިން ކަމަށްވާ އޮރެލިއަން ޗުއެމެނީއާއި އެޑުއާޑޯ ކަމަވިންގާ ފެނިގެން ގޮސްފައިވެއެވެ. އެ ދެކުޅުންތެރިންނާއެކު ދެން މެދުތެރެއިން ފެނުނީ ލޫކާ މޮޑްރިޗެވެ. ރޭގެ މެޗުގައި މޮޅަށް ކުޅުނު ޗުއެމެނީގެ ކުޅުން ފާހަގަކޮށްލެވުނު އިރު، ޑޭވިޑް އަލާބާގެ ބޯޅައަކުން ނުވަ ވަނަ މިނެޓުގައި ރެއާލްއަށް ލީޑު ނަގައިދިނީ ވިނީޝިއަސް ޖޫނިއާއެވެ.
އޭގެ ފަހުން ހާފު ނިމުމުގެ ކުރިން ސާޖިއޯ ކަނަލޭސްގެ ގޯލުން ބެޓިސް އެއްވަރު ކުރި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ރޮޑްރީގޯ ވަނީ ރެއާލްއަށް އަލުން ލީޑު ނަގައިދީފައެވެ. އެ ގޯލަކީ ފެޑަރީކޯ ވަލްވާޑޭގެ އެހީގައި ކާމިޔާބު ގޯލެކެވެ.
ވަރުގަދަ ފޯމެއްގައި ފެންނަމުންދާ ބާސާއިން ރޭގެ މެޗުގައި ސެވިއްޔާ ކައިރީގައިވެސް ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ރޮބާޓް ލެވަންޑޯސްކީއާއި ރަފީނިއާގެ ނުރައްކާ މެޗުގައި ބޮޑަށް ފެނިގެން ދިޔައިރު، ޑިފެންސިވްލީ ޖޫލްސް ކޫންޑޭ ވަނީ އޭނާގެ ތަފާތުވެސް ސާބިތުކޮށްދީފައެވެ.
ބާސާގެ ފުރަތަމަ ގޯލު މެޗުގެ 21 ވަނަ މިނެޓުގައި ރަފީނިއާ ޖެހީ ބޮލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވަންޑޯސްކީ ވަނީ ބާސާގެ ދެވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަށް އެސިސްޓް ކޮށްދިނީ ކޫންޑޭއެވެ. މި ސީޒަނަށް ބާސާއަށް ދިޔަ ލެވަންޑޯސްކީ ވަނީ އޭނާ މިހާތަނަށް ކުޅުނު ހަތަރު މެޗުން ހަތަރު ގޯލު ޖަހައި، ބުންޑަސް ލީގާގައި ދަމަހައްޓަމުން އައި ގޯލު ޖެހުމުގެ ފޯމު ދަމަހައްޓައިފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި އެރިކް ގާސިއާ ބާސާއަށް ލީޑު ފުޅާކޮށްދިން އިރު އެ ގޯލަށްވެސް އެސިސްޓް ކޮށްދިނީ ފްރާންސްގެ ސުޕަ ސްޓާ ޑިފެންޑަރު ކޫންޑޭއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ