އިޓާލިއަން ސެރެއާ އޭގެ ޒަމާންވީ ވާދަވެރިން ކަމަށްވާ އިންޓަ މިލާނާއި އޭސީ މިލާނުން މިރޭ ކުޅުނު ޑާބީ މެޗު، އޭސީ މިލާނުން ކާމިޔާބުކޮށްފިއެވެ.
އެންމެފަހުގެ ސެރެއާ އޭ ޗެމްޕިއަން، އޭސީން މިރޭގެ މެޗު ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަކީ އިޓަލީ ފުޓުބޯޅައިގެ ދިގު ތާރީހުގައި އޭސީ އާއި އިންޓަ ވާދަކުރި 177 ވަނަ ޑާބީ މެޗެވެ. އަހަރުތަކެއްގެ ތަކުލީފަށްފަހު އޭސީ އާއި އިންޓައިންވެސް ހާލަތު ރަނގަޅު ކުރަމުން އަންނަ އިރު، އެ ދެޓީމުންވެސް މިހާރު މަސައްކަތް ކުރަމުން ދަނީ ޔޫރަޕްގައި ހޯދި ކާމިޔާބީތައް ތަކުރާރު ކުރުމަށެވެ. ހާއްސަކޮށް ފައިސާގެ ގޮތުން ދެ ޓީމުންވެސް މިހާރު ކުރިއެރުންތައް ހޯދަމުންދާ އިރު، އެންމެފަހު ދެ އަހަރު ލީގު ނެގީ އިންޓަ އާއި އޭސީންނެވެ.
ސަން ސީރޯގައި ކުޅުނު ޑާބީގައި ފުރަތަމަ ލީޑު ނެގީ އިންޓައިންނެވެ. އިންޓައިން ލީޑު ނެގީ ކްރޮއޭޝިއާގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗްގެ ގޯލުންނެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ސާންޑްރޯ ޓޮނާލީއެވެ. އެ ގޯލަށް ހަތް މިނެޓް ފަހުން އޭސީން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލަކީ ޕޯޗުގަލްގެ ޒުވާން ތަރި ރަފޭލް ލެއާއޯ ޖެހި ގޯލެކެވެ.
އެ ގޯލާއެކު ހަމަހަމަ ނަތީޖާއެއްގައި ފުރަތަމަ ހާފު ނިމުނު އިރު، އޭސީން ފުރަތަމަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. މެޗުގެ 54 ވަނަ މިނެޓުގައި މިލާންގެ ދެވަނަ ގޯލު ޖިރޫ ޖެހީ ދެ ކުޅުންތެރިން ބީޓް ކޮށްފައެވެ. އެ ގޯލަށް އިރުކޮޅެއް ފަހުން ލެއާއޯގެ ދެވަނަ ގޯލުން މިލާން ލީޑު ފުޅާކުރި އިރު، އިންޓައިން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި 67 ވަނަ މިނެޓު އިތުރު ގޯލެއް ޖެހިއެވެ. އިންޓައަށް ދެވަނަ ގޯލު ޖަހައިދިނީ އެޑިން ޒެކޯއެވެ.
އެ ގޯލާއެކު ޑާބީގެ ފޯރި އިތުރަށް ގަދެވެގެން ދިޔަ އިރު، ދެޓީމުންވެސް އެޓޭކިން ގޭމެއްގައި ފަހު ވަގުތާ ޖެހެންދެންވެސް މަސައްކަތް ކުރިއެވެ. މެޗުގައި ދެޓީމުގެ ފަރާތުން ޖުމުލަ 37 ޝޮޓް ފެނިގެން ދިޔައިރު، ފަހު ކޮޅުގައި އޭސީގެ ގޯލްކީޕަރު މައިކް މައިގްނަންގެ ރަނގަޅު ސޭވްތަކެއްވެސް ފެނިގެން ދިޔައެވެ.
އޭސީން މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުން 11 ޕޮއިންޓް ހޯދާފައިވާ އިރު، އެޓީމު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އިންޓަ ތާވަލުގެ ހަވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކުގައެވެ. އިންޓައަށް މިރޭގެ މެޗަށް ނުކުތް އިރު، އެންމެ ބޮޑު މައްސަލައަކަށް އޮތީ ޓީމުގެ ފޯވަޑް ރޮމެލޫ ލުކާކޫ ނުލައި ކުޅެން ޖެހިފައި އޮތުމެވެ. ލުކާކޫ މިރޭގެ މެޗަށް ނުކުމެފައި ނުވަނީ އަނިޔާގެ ސަބަބުންނެވެ. އަނެއްކޮޅުން މިރޭގެ މެޗަކީ އެމެރިކާގެ ރެޑްބާޑް ކެޕިޓަލްއިން އޭސީ ގަތްފަހުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ރެޑްބާޑްއިން މިދިޔަ ހަފުތާގައި އޭސީ ގަތީ އެއް ބިލިއަން ޕައުންޑުގެ އަގަކަށެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ