އިނގިރޭސި ޕްރިމިއާ ލީގު

ވިލާ އަތުން އެއްވަރުވެ ސިޓީން އެއްވަނައިގެ ފުރުސަތު ނަގާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން މިރޭ ކުޅުނު މެޗުގައި އެސްޓޮން ވިލާ ކައިރީ އެއްވަރުވެއްޖެއެވެ.

ވިލާ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ނުކުތް އިރު، ސިޓީން އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެން ތާވަލުގެ ދެވަނައިގައެވެ. ސިޓީއަށް ޕޮއިންޓް ގެއްލިފައި އޮތީ ނިއުކާސަލް ކައިރިން އެކަންޏެވެ. އެއްވަނައިގައި އާސެނަލް ފަސް މެޗުން 15 ޕޮއިންޓް ހޯދާފައި އޮތުމުން، މިރޭގެ މެޗު ކާމިޔާބުކޮށް، ވަގުތީ ގޮތުން ނަމަވެސް ސިޓީއަށް ތާވަލުގެ އެއްވަނައަށް އެރެން އޮތެވެ. އާސެނަލް މާދަމާ ރޭ ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.

ސިޓީއާ ދެކޮޅަށް މިރޭ ނުކުތް ވިލާ ނުކުތީ ޕްރެޝަރު ކަނޑުވާލުމަށެވެ. ހާއްސަކޮށް ކޯޗު ސްޓީވަން ޖެރާޑަށް ކޮންމެހެންވެސް މިރޭގެ މެޗުން އޮތީ ޕޮއިންޓެއް މުހިއްމުވެފައެވެ. އެއީ މެޗަށް ނުކުތުމުގެ ކުރިން ވިލާއިން ލީގުގައި ކުޅުނު ތިން މެޗުންވެސް ބަލިވެފައި އޮތުމުންނެވެ.

މިދިޔަ ހަފުތާގައި ސިޓީ ކުޅުނު މެޗުގެ އިތުރުން އޭގެ ކުރިން ކުޅުނު މެޗުގައިވެސް ހެޓްރިކް ހެދި އާލިން ހާލަންޑް މިރޭގެ ފުރަތަމަ 11 އަށްވެސް ނުކުމެފައިވެއެވެ. މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާލަންޑް މިރޭގެ ފުރަތަމަ 11 އިން ފެންނާނެތޯ ގިނަ ނޫސްވެރިން ސުވާލުކޮށްފައިވާ އިރު، އެ ސުވާލު އެހާ ބޮޑަށް ޕެޕް ގާޑިއޯލާއާ އަމާޒުވީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު މެޗުތައްވެސް މި ހަފުތާގައި އޮތުމުންނެވެ.

މެޗްގެ ފުރަތަމަ ހާފުގައި ފެނުނީ ހަމަލާތައް މަދުކޮށެވެ. ލީގުގައި މިހާތަނަށް އައިއިރު އެންމެ އެޓޭކް ރަނގަޅު ޓީމުގެ ގޮތުގައި ފާހަގަކޮށްލެވުނު ސިޓީއަށްވެސް ފުރަތަމަ ހާފުގައި މާ ބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅުގައި ކެވިން ޑިބްރޭނާގެ އެސިސްޓުން ހާލަންޑް ސިޓީއަށް ލީޑު ނަގައިދިނެވެ. މެޗުގެ 50 ވަނަ މިނެޓުގައި ހާލަންޑް ޖެހި ގޯލަކީ މި ސީޒަނުގެ ލީގުގައި ކުޅުނު ހަ މެޗުން އޭނާ ޖެހި 10 ވަނަ ގޯލެކެވެ. އެ ސްކޯރިން ރޭޓަކީ ޕްރިމިއާ ލީގުގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ސްކޯރިން ރޭޓެކެވެ.

ހާލަންޑްގެ ގޯލަށް ފަހުވެސް އޭނާގެ ނުރައްކާތެރި ދެ ހަމަލާއެއް ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކޮށް ބޭރުކޮށްލާފައިވާ އިރު، ޑިބްރޭނާގެ ބާރު ހަމަލާއެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ. ސިޓީއަށް ގެއްލުނު ފުރުސަތުތަކުގެ ސަބަބުން ވިލާއިން ހިތްވަރު އާކޮށް، ޖޭކަބް ރަމްސޭ 74 ވަނަ މިނެޓުގައި ޖެހި ގޯލާއެކު މެޗުގެ ނަތީޖާ ހަމަހަމަވިއެވެ.

މިރޭގެ މެޗު ނިމެން ދަނިކޮށް ފިލިޕް ކުޓީނިއޯ ޖެހި ބޯޅައެއް ގޯލަށް ވަދެ، ވިލާއިން މެޗުން މޮޅުވި ކަމަށް ހީކުރި ނަމަވެސް، އެ ބޯޅަ ގޯލަށް ވަނުމުގެ ކުރިން ކުޓީނިއޯ އޮފްސައިޑް ކަމަށް ލައިންސްމަން އޮތީ ދިދަ ނަގައިފައެވެ.