އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ޗެލްސީ އާއި ޓޮޓެންހަމްވެސް މޮޅުވެއްޖެއެވެ.

މިހާތަނަށް މިއަދު ކުޅުނު މެޗުތަކަށް ބަލާއިރު، އެންމެ ފުރަތަމަ މި ހަފުތާ ކުޅުނު މެޗުގައި ލިވަޕޫލާއި އެވަޓަންވީ އެއްވަރެވެ. އޭގެ ފަހުން މިރޭ ކުޅުނު މެޗުތަކުގެ ތެރެއިން ޗެލްސީން ކުޅުނު މެޗުގައި ފަހަތުން އަރައި ވެސްޓް ހަމް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ރަނގަޅު ފޯމެއްގައި ކުޅެމުންދާ ޓޮޓެންހަމް ކުޅުނު މެޗުގައި ފުލްހަމް ކައިރީ މޮޅުވީވެސް 2-1 އިންނެވެ.

ޔޫރަޕްގެ ޓްރާންސްފާ މާކެޓް މީގެ ދެ ދުވަސްކުރިން ބަންދުވެފައިވާ އިރު، މި ޓްރާންސްފާ މާކެޓްގައި އެންމެ ގިނައިން ހަރަދުކުރި ކްލަބަކީ ޗެލްސީއެވެ. ގާތްގަނޑަކަށް 225 މިލިއަން ޕައުންޑް ޗެލްސީގެ އާވެރިން މިފަހަރުގެ ސީޒަނަށް ތައްޔާރުވާން ހަރަދު ކޮށްފައިވާ އިރު، ޑެޑްލައިން ޑޭ ގައިވެސް އެޓީމުން ވަނީ ދެ ކުޅުންތެރިޔަކު ގެންގޮސްފައެވެ. އެއީ ޕިއޭ އެމްރިކް އަބަމަޔާން އާއި ޑެނިސް ޒަކަރިއާއެވެ.

އެ ދެކުޅުންތެރިންވެސް މިރޭގެ މެޗު ބެލުމަށް ޗެލްސީ ދަނޑުގައި ތިބި އިރު، ތޯމަސް ޓުޗެލް ވަނީ އަލަށް ގެންދިޔަ ޑިފެންޑަރު ވެސްލޭ ފޮފާނާއަށް މިރޭގެ މެޗުގެ ފުރަތަމަ 11 އިން ޖާގަ ދީފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސްޓް ހަމްއިން ޗެލްސީއަށް ޕްރެޝަރު ބޮޑުކޮށް ޕާސްތައް ޖެހި ނަމަވެސް އެޓީމަށްވެސް އަދި ޗެލްސީއަށްވެސް ގޯލަށް އަމާޒުކޮށް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އެގޮތަށް ފުރަތަމަ ހާފު ނިމިގެން ދިޔަ އިރު، މެޗަށް ދިރުން ލިބިގެން ދިޔައީ 62 ވަނަ މިނެޓުގައި މިޝޭލް އެންޓޯނިއޯ ވެސްޓް ހަމްއަށް ލީޑު ނަގައިދިނުމުންނެވެ.

ވެސްޓް ހަމްއިން ލީޑު ނެގީ އެޓީމަށް ލިބުނު ކޯނަރެއްގެ ބޭނުން ހިފައިގެންނެވެ. އެންޓޯނިއޯ އެ ގޯލު ޖެހީ އޭރިއާ ތެރޭގައި ޗެލްސީގެ ގޯލްކީޕަރާއި ޑިފެންޑަރު ބޮނޑިވެގެން ދިޔަ ވަގުތަކު، ރަނގަޅު ތަނަށް އަރައި ބޯޅައިގައި ފައި ޖައްސާލައިގެންނެވެ.

މިރޭގެ މެޗުގެ ކުރިން އެންމެފަހުން ޗެލްސީ ކުޅުނު މެޗުގައި ސައުތުހެމްޓަން އަތުން ބަލިވެފައި އޮތުމުން، ޖެހިޖެހިގެން ދެވަނަ ބައްޔާ އެޓީމަށް ކުރިމަތިލާން ޖެހުނު ކަމަށް ބެލެވުނު ނަމަވެސް، ކޯޗު ޓުޗެލްގެ ބަދަލުތަކުގެ ބޭނުން އެޓީމުން އެންމެ ރަނގަޅަށް ހިފިއެވެ. ބަދަލަކަށް ނުކުތް ބެން ޗިލްވެލްގެ ގޯލުން ޗެލްސީ ނަތީޖާ ހަމަހަމަ ކުރި އިރު، ފަހު ވަގުތަށް ނުރައްކާ ބޮޑުކޮށް ފެނުނީވެސް ޗެލްސީއެވެ.

ޗެލްސީން ކުރަމުން ދިޔަ ޕްރެޝަރުގައި އެޓީމަށް ނަތީޖާ އަނބުރާލަ ދިނީ ބެންޗުން ނުކުތް ކައި ހަވާޓްސްގެ ގޯލުންނެވެ. އެ ފަހުން މެޗުގެ ފަހު މިނެޓުގައި ވެސްޓްހަމްގެ މެކްސްވެލް ކޯނެޓް ޖެހި ބޯޅައެއް ގޯލައް ވައްދާލި ނަމަވެސް، ރެފްރީ ނިންމީ ކޯނެޓް ޗެލްސީ ގޯލްކީޕަރު އެޑުއާޑް މެންޑީއަށް ފައުލްކޮށް ބޯޅައަށް މަސައްކަތް ކުރި ކަމަށެވެ.

ޗެލްސީން މިރޭގެ މެޗުން މޮޅުވެ، މިވަގުތު ތާވަލުގެ ފަސްވަނައަށް ޖެހިލީ ހަ މެޗުން 10 ޕޮއިންޓާ އެކުގައެވެ. ވެސްޓް ހަމް 17 ވަނައިގައި އޮތީ ހަ މެޗުން ހަތަރު ޕޮއިންޓް ލިބިގެންނެވެ.

ޓޮޓެންހަމްއިން އަމިއްލަ ދަނޑުގައި ފުލްހަމް ބަލިކުރީ ހެރީ ކޭން އާއި ޕިއޭ-އެމީލް ހޮއިބިއާގެ ގޯލުތަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ޓޮޓެންހަމްއަށް ހޮއިބިއާ ލީޑު ނަގައިދިން އިރު، އޭނާ ގޯލު ޖެހީ ރިޗާލްސަންއާއެކު ހެދި ވަން ޓޫއެއްގެ ބޭނުން ހިފައިގެންނެވެ.

މެޗުގެ ފަހު ހާފުގައި ފުލްހަމްއަށް އަލަށް ގެންދިޔަ ބްރެޒިލްގެ ތަޖުރިބާކާރު ވިންގް ވިލިއަން ކުޅެން ނުކުމެފައިވެއެވެ. އަދި އޭގެ އިތުރުން އަލަށް ޓީމަށް ގެންދިޔަ ޑެނިއަލް ޖޭމްސްވެސް މިރޭގެ މެޗުގެ ފަހު ހާފުގައި ފުލްހަމްއަށް ކުޅެން ނުކުމެފައިވެއެވެ.

މެޗުގެ 75 ވަނަ މިނެޓްގައި ޓޮޓެންހަމްގެ ދެވަނަ ގޯލު ހެރީ ކޭން ޖެހީ އޭރިއާ ތެރެއަށް ހުރަސްވެގެން ދިޔަ ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. މެޗު ނިމިނިމި އޮއްވައި ފުލްހަމްގެ ގޯލު ޖަހައިދިނީ އެލެކްސެންޑްރާ މިޓްރޮވިޗެވެ.

މިވަގުތު ޓޮޓެންހަމްއިން ތިންވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމް މިހާތަނަށް ކުޅުނު ހަ މެޗުގައިވެސް ބަލިވެފައި ނުވާ އިރު، އެޓީމަށް ޕޮއިންޓް ގެއްލުނީވެސް ވެސްޓް ހަމް އާއި ޗެލްސީ ކައިރިން އެކަންޏެވެ. ބަލިނުވެ ރަނގަޅު ރެކޯޑެއް ޓޮޓެންހަމްއިން ދަމަހައްޓަމުން އަންނަ އިރު، މިހާތަނަށް ލީގުގައި ބަލިވެފައިނުވާ އަނެއް ޓީމުތަކަކީ މެންޗެސްޓާ ސިޓީ އާއި އާސެނަލްއެވެ.