ތަންތަނަށް އެއްވަންޏާ ހައްޖަށް ދާން ދެންނެވުނު ހަނދާން ނުވާ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ސަންގުޓީވީއަށް ދެއްވި އިންޓަވިއެއްގައި ޔާމީން ރޭ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ތަންތަނަށް އެއްވަންޏާ ހައްޖަށްދާންވީ ނޫންހޭ ދެންނެވުނު ހަނދާނެއް އެއްގޮތަކަށް ވެސް ނުވާ ކަމަށެވެ.
"ނޫން، ނޫން، ނޫން، އަޅުގަނޑަކަށް ރިކޯލެއް ނުކުރެވޭ ތިކަހަލަ ވާހަކައެއް. މުޒާހަރާކުރަން ބޭނުމިއްޔާ ހައްޖަށްދާން، އަޅުގަނޑަކަށް ރިކޯލެއް ނުކުރެވޭ އިނގޭތޯ އެއްގޮތަކަށް ވެސް." ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަން ހިފެހެއްޓިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީ އިދިކޮޅުގައި އޮތްއިރު ވަރަށް ގިނަ މުޒާހަރާތައް ކޮށްފައިވާ ކަމަށެވެ. އަދި މުޒާހަރާއެއް ކުރާނަމަ ފުލުހުން އެތަނަކަށް ދާނެ ކަމަށާއި މުޒާހަރާގައި ގާނޫނާހިލާފު ކަންކަން ހިނގާނަމަ ފުލުހުން އެކަން ހުއްޓުވާނެ ކަމަށް ވިދާޅުވިއެވެ.
"އެއްވި ދެއްތޯ އެމްޑީޕީ ކިތަންމެ ވަރަކަށް ވެސް. ފުލުހުން އެ ތަންތަނަށް ދަނީ ހަމައެކަނި ތަނުގެ ހަމަނުޖެހުން ނަގާލައިފިއްޔާ. ފުލުހުން ދާނެ މުޒާހަރާއެއް ކުރަނީ ކަމަށްވަންޏާ ފުލުހުން އިސްވެ ކުރީ ބައިގައި. އެއީ ވަކި ސަރުކާރެއް ނޫން، ހުރިހާ ސަރުކާރެއްގައި ވެސް ދާނެ. އެކަމަކު ފުލުހުން އެކަން ހުއްޓުވައެއް ނަހަދާނެ ގާނޫނޫހިލާފު ކަންތައްތަކެއް ނުހިންގަންޏަކާއެއް،" ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ، އެމްޑީޕީން މުޒާހަރާ ކުރިއިރު ރައީސް އޮފީހާ ހަމައަށް މުޒާހަރާގެ ބައިވެރިން އެއްވާ ކަމަށާއި ނަމަވެސް މިހާރު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މުޒާހަރާކުރާއިރު ކާނިވާ ސަރަހައްދާ ހަމައަށް ނުދެވެނީސް ފުލުހުން ހުރަސް އަޅާ ކަމަށެވެ.
ޔާމީން ވިދާޅުވީ، ކޮންމެ ސަރުކާރެއްގައި ވެސް ހިޔާލުފާޅު ކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ދިނުމުގައި ހުރަސްތަކެއް ހުންނާނެ ކަމަށާއި އެއީ ގާނޫނުގައި ހުންނަ ލިމިޓޭޝަންތަކުގެ ސަބަބުންނާއި މުޖުތަމައުގެ ސުލްހަމަސަލަސްކަމަށް ބުރޫ އަރާ މިންވަރުގެ ސަބަބުން ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކުރި މީހުންގެ އަދަދާއި މިހާރު މިއޮތް އެމްޑީޕީގެ ސަރުކާރުން މީހުން ހައްޔަރުކުރި އަދަދު ނޫސްވެރިން ބަލައިލުން މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.