އެމްޓީސީސީ ނޯތު ލީގުގެ ދެވަނަ ޑިވިޝަނުގެ ގްރޫޕް ޑީން ރ. އުނގޫފާރު އެފްސީއާއި އަލިފުށި ރެކްރިއޭޝަން ކްލަބް ޒޯނު ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިފިއެވެ.

ނޯތު ލީގުގެ ދެވަނަ ޑިވިޝަންގެ ގްރޫޕް ޑީއަކީ ރ. އަތޮޅުގެ ގްރޫޕެވެ. އެ ގްރޫޕުގައި ޖުމުލަ ތިން ޓީމު ވާދަކޮށްފައިވާ އިރު، އިއްޔެ ކުޅުނު މެޗާއެކު ކެޓީ ދުވާފަރު ސްޕޯޓްސް ކްލަބެވެ. ތިން ޓީމުގެ މެދުގައި ލީގު އުސޫލުން ދެ ބުރު ކުޅެ އެންމެ ކުރި ހޯދާ ދެ ޓީމަށް ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބޭ ގޮތަށް ރ. އަތޮޅު މުބާރާތް ކުރިއަށް ދިޔައިރު، ބާކީ އެއް މެޗު އޮއްވައި، އުނގޫފާރާއި އަލިފުއްޓަށް ނޯތު ލީގުގެ ފުރަަތަމަ ޑިވިޝަނުން ފުރުސަތު ލިބުނީ، އިއްޔެ އުނގޫފާރާއި ދުވާފަރު ކުޅުނު މެޗު 0-0 އިން އެއްވަރު ވުމުންނެވެ.

ދުވާފަރަށް ދެން މެޗެއް ނޯންނާނެއެވެ. ލީގު ބުރުގެ ފަހު މެޗުގައި މާދަމާ އަލިފުށި ނިކުންނާނީ އުނގޫފާރާ ދެކޮޅަށެވެ.

ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓް ހޯދާފައިވާ އުނގޫފާރެވެ. ހަތަރު ޕޮއިންޓް ހޯދާފައިވާ އަލިފުށި ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ ދެ ޕޮއިންޓް ހޯދާފައިވާ ދުވާފަރެވެ.

އިއްޔެގެ މެޗަކީ އުނގޫފާރު ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ އަލީ މިމްރާހުގެ ކުއްލި ވަކިވުމަށްފަހު ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އެ ޓީމުން މިމްރާހުގެ ހަނދާނުގައި ހާއްސަ ބޭންޑެއް ޖާޒީއާއެކު އަޅާފައިވެއެވެ.

އަލިފުއްޓާއި އުނގޫފާރު ފުރަތަމަ ޑިވިޝަނަށް ގޮސްފައިވުމާއެކު، ޒޯން އެކެއް (ނޯތު ޒޯން)ގެ ފުރަތަމަ ޑިިވިޝަންގެ ޖާގަތައް މިވަނީ އެއްކޮށް ޔަގީންވެފައެވެ. ނޯތު ލީގުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ އަލިފުއްޓާއި އުނގޫފާރުގެ އިތުރުން ދިއްދޫ ބްލެކްޒީނޯ ސްޕޯޓްސް ކްލަބް، ކުޅުދުއްފުށީ ޒިގްޒެޒް ފޯ ޔޫތު ލިންކޭޖް، އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓް، ޔުނިޓީ ސްޕޯޓްސް، ކެނދިކުޅުދޫ ފުޓްބޯލް ކްލަބް އަދި ޓީމު ހޮޅުދޫއެވެ.

އެފްއޭއެމުން ނޯތު ޒޯންގެ މެޗުތައް ނިންމާލުމަށްފަހު ދެން ފަށާނީ ސެންޓްރަލް ޒޯންގެ މެޗުތަކެވެ.

އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާ އިރު، ރާއްޖެ ބެހިގެންދާނީ ހަަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނުވަތަ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނުވަތަ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނުވަތަ މާލޭ ލީގެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ. ކޮންމެ ޒޯނެއްގައި ވެސް އެއްވަނަ ޑިވިޝަނާއި ދެވަނަ އަދި ތިންވަނަ ޑިވިޝަން އޮންނާނެއެވެ.

ކޮންމެ ޒޯނެއްގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމު 2023/2024 ގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެއެވެ. އެއީ ފުރަތަމަ ޑިވިޝަނުގައި އޮންނަ އަށް ކްލަބުގެ އިތުރުން ކޮންމެ ޒޯނެއްގެ ފުރަތަމަ ޑިވިޝަން ޗެމްޕިއަނުންނެވެ.