ޚަބަރު

ފުވައްމުލަކު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

މުހައްމަދު އިޝާން

ފުވައްމުލަކު ސިޓީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން މިއަދު ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ތާރު އެޅުމުގެ މަސައްކަތް އިފްތިތާހުކޮށްދެއްވީ ފުވައްމުލަކު ސިޓީގެ މެޔަރު އިސްމާއީލް ރަފީގުއެވެ.

ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ދަނީ ފެން ހިންދާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެ މަޝްރޫއުގެ ދަށުން 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި 27،450 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުން ހިމެނެއެވެ. އަދި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި 19،940 މީޓަރުގެ ސަރަހައްދެއްގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.

އެ މަޝްރޫއުގެ އަގަކީ 331.05 މިލިއަން ރުފިޔާއެވެ.